Roadha Mihaaru
ސަދާގެ މަރު:ކޯޓުން ބޭރުން ހައްލުވާން ދައުލަތުން ދެކޮޅު

ސަދާގެ މަރު: ކޯޓުން ބޭރުން މައްސަލަ ހައްލުކުރަން ދައުލަތުން ދެކޮޅު

12 ޖޫން 2024

ޏ. ފުވައްމުލަކު ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް އުމުރުން ހަ އަހަރުގެ ސަދާ ސައުދުﷲ މަރުވި މައްސަލަ ކޯޓުން ބޭރުގައި ހައްލުކުރަން ދައުލަތުން ދެކޮޅު ހަދައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޏ. ފުވައްމުލަކު ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް އުމުރުން ހަ އަހަރުގެ ސަދާ ސައުދުﷲ މަރުވި މައްސަލަ ކޯޓުން ބޭރުގައި ހައްލުކުރަން ދައުލަތުން ދެކޮޅު ހަދައިފި އެވެ.

އޮކްޓޫބަރު، 2021 ގައި ސަދާއަށް ފުވައްމުލަކު ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް ހޮސްޕިޓަލްގެ އިހުމާލުން ސަދާގެ ގަޔަށް ނުބައި އިންޖެކްޝަނެއް ޖެހުމުން އޭނާ މަރުވި މައްސަލާގައި އޭނާގެ މައިންބަފައިން ދައުލަތާ ދެކޮޅަށް ދައުވާ ކުރަނީ މަދަނީ ގެއްލުމުގެ ބަދަލު ހޯދުމަށެވެ.

އެ މައްސަލަ ކޯޓުން ބޭރުގައި ހައްލުކުރަން ދައުލަތުން ބޭނުންވޭތޯ ބެލުމަށް ކޯޓުން އޮތީ ފުރުސަތު ދީފަ އެވެ.

ނަމަވެސް ސިވިލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި އެޓާނީ ޖެނެރަލްގެ އޮފީހުން ބުނީ ކޯޓުން ބޭރުން މައްސަލަ ހައްލު ކުރުމުގެ ބަދަލުގައި ދައުލަތުން ބޭނުންވަނީ ކޯޓުން އެ މައްސަލާގައި ގޮތެއް ނިންމުމަށް ކަމަށެވެ.

އެހެންވެ، ދެން އޮންނާނީ އެ މައްސަލާގެ ޝަރީއަތް ފެށުމެވެ.

އެކަމާ ގުޅިގެން އެޓާނީ ޖެނެރަލްގެ އޮފީހުގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ އެ މައްސަލާގައި ކޯޓުން ގޮތެއް ނިންމަން އެދުނީ ހެލްތް މިނިސްޓްރީން އެގޮތަށް ބޭނުންވާތީ ކަމަށެވެ. އެއީ ގާނޫނީ ބައެއް ސަބަބުތައް ހުރުމުން ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

"ގާނޫނީ އިޝޫސްތަކެއް އެބަހުރި. އެހެންވީމަ ހެލްތު މިނިސްޓްރީން އެދިވަޑައިގެންފައި އޮތީ ކޯޓުން އެކަމުގައި ގޮތެއް ނިންމަން." އޮފިޝަލް ވިދާޅުވި އެވެ.

ސަދާގެ ބައްޕަ ސައުދުﷲ އަހުމަދު ހަސަން ބުނީ އެ މައްސަލާގައި ދައުވާކުރީ ދައުލަތުގެ އިހުމާލުތަކުގެ ސަބަބުން ސަދާގެ އާއިލާއިން ތަހައްމަލްކުރި ފަދަ ކަމެއް އެހެން ބަޔަކަށް ކުރިމަތިވިޔަ ނުދިނުމަށް ކަމަށެވެ. އަދި ސަދާގެ މައްްސަލާގައި ހޮސްޕިޓަލްގެ އިހުމާލު އޮތް ކަމަށް ދައުލަތުގެ ބައެއް މުއައްސަސާތަކުން ނިންމާފައި ވިޔަސް، އެ އެ މައްސަލާގައި އިހުމާލެއް އޮތް ކަމަށް އެއްބަސްވާން ވެސް ދައުލަތުން މިހާރު ދެކޮޅު ހަދަމުންދާ ކަމަށް ވެސް އޭނާ ބުންޏެވެ.

ސަދާ މަރުވި މައްސަލާގައި ހޮސްޕިޓަލްގެ އިހުމާލު އޮތް ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ވެސް ނިންމާފައިވެ އެވެ. އަދި އެ މައްސަލާގައި ބައެއް ޑޮކްޓަރުންގެ ލައިސަންސް ވެސް މެޑިކަލް ކައުންސިލުން ބާތިލްކުރި އެވެ.