Roadha Mihaaru
ސިފައިންގެ ފަރާތުން ފަލަސްތީނަށް 2.1 މިލިއަން

ސިފައިންގެ ފަރާތުން ފަލަސްތީނަށް 2.1 މިލިއަން ރުފިޔާ!

12 ޖޫން 2024

ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވުމަށްޓަކައި ޕީއެސްއެމުން މިހާރު ކުރިއަށް ގެންދާ ޓެލެތޯން އަށް ދިވެހި ސިފައިންގެ ފަރާތުން 2.1 މިލިއަން ރުފިޔާ މިއަދު ހަދިޔާކޮށްފި އެވެ.

ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވުމަށްޓަކައި ޕީއެސްއެމުން މިހާރު ކުރިއަށް ގެންދާ ޓެލެތޯން އަށް ދިވެހި ސިފައިންގެ ފަރާތުން 2.1 މިލިއަން ރުފިޔާ މިއަދު ހަދިޔާކޮށްފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމަކަށް މިއަދުގެ ހެނދުނު 8 އިން މިރޭ ދަންވަރު 12 އަށް ކުރިއަށް ގެންދާ ޓެލެތޯންގައި އެ ފައިސާގެ "ރަމްޒީ ބޯޑު" ޕީއެސްއެމްގެ އިސްވެރިންނާ ހަވާލު ކޮށްދެއްވީ ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫނެވެ.

މިއީ މިހާތަނަށް މި ޓެލެތޯން އަށް އެއްފަރާތަކުން ހަދިޔާކުރި އެންމެ ބޮޑު އަދަދެވެ.

ޕީއެސްއެމްގެ ސްޓޫޑިއޯގައި ބޭއްވި އެ ހަފުލާގައި ޗީފް އޮފް ޑިފެންސް ފޯސް އިބްރާހިމް ހިލްމީ އާއި އެހެން ބައެއް އިސް އޮފިސަރުން ބައިވެރިވެވަޑައިގަތެވެ.

އެމްއެންޑީއެފުގެ ފަރާތުން ފަލަސްތީނުގެ ރައްޔިތުންނަށް މިއަދު ފައިސާ ހަވާލު ކުރުމަށް ފަހު، މިނިސްޓަރު ޣައްސާން އާއި ޗީފް ހިލްމީ ވައިސް ޗީފް ބައެއް މައުލޫމާތު މީޑިއާއާ ހިއްސާ ކުރައްވަނީ.

އެމްއެންޑީއެފުގެ ފަރާތުން ފަލަސްތީނުގެ ރައްޔިތުންނަށް މިއަދު ފައިސާ ހަވާލު ކުރުމަށް ފަހު، މިނިސްޓަރު ޣައްސާން އާއި ޗީފް ހިލްމީ ވައިސް ޗީފް ބައެއް މައުލޫމާތު މީޑިއާއާ ހިއްސާ ކުރައްވަނީ.

ދައުލަތުގެ ބައެއް އިދާރާތަކާއި ކުންފުނިތަކުގެ އިތުރުން އާންމުން ވެސް އަންނަނީ ޕީއެސްއެމްގެ ޓެލެތޯން ހަރަކާތުގައި ގުޅި މިއަދު ފަލަސްތީނަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ދައުލަތުގެ ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު އެހީއެއް މިހާތަނަށް ވީ ސްޓެލްކޯ އިންނެވެ. އެ ކުންފުނިން ފަސް ލައްކަ ރުފިޔާ ހަދިޔާކުރި އެވެ. އަދި އެއް އާއިލާއަކުން 50،000ރ. ވެސް ހަދިޔާކުރި އެވެ.

މިދިޔަ 11 ގަޑިއިރުގެ ތެރޭގައި ފަލަސްތީނުގެ ރައްޔިތުންނަށް 8 މިލިއަނާ ގާތްކުރާ އަދަދަކަށް ވަނީ ފައިސާ ހަދިޔާކޮށްފަ އެވެ.

ފަލަސްތީނަށް އެހީވުމަށް ހިންގާ ޓެލެތޯންގައި މިއަދުގެ އިރުއޮއްސެންދެން 13 ފަންޑު ފޮށި މާލޭގެ އެކި ސަރަހައްދުތަކުގައި ބެހެއްޓި އެވެ. އަދި ޕީއެސްއެމްގެ ގޯތިތެރޭގައި ބެހެއްޓި ފޮއްޓަށް މިރޭ 10 ޖަހަންދެން ވެސް ފައިސާ ލެވޭނެ އެވެ. އޭގެ އިތުރުން ފޮށިތައް ކައިރިއަށް ނުދެވޭ މީހުން ދިވެހި ފައިސާއިން ނަމަ 7730000655865 އެކައުންޓަށް އަދި ޑޮލަރުން ނަމަ 7730000655866 އެކައުންޓަށް ޖަމާކުރެވޭނެ ކަމަށް ޕީއެސްއެމުން ބުންޏެވެ.

ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު ޒީނާ ޒާހިރު މިއަދު ވިދާޅުވީ، ޓެލެތޯން އޮޑިޓް ކުރާނެ ކަމަށާއި އެ ހަރަކާތުން ލިބޭ ފައިސާ އޭގެ ހައްގުވެރިންނާ ހަމައަށް ފޯރާނެ ކަން ޔަގީން ކުރާނެ ކަމަށެވެ. މިނިވަން އޮޑިޓަރެއްގެ ގޮތުގައި ހަމަޖެއްސީ "ކްރޯ މޯލްޑިވްސް" ކަމަށް އޭނާ ވިދާޅުވި އެވެ.

ޒީނާ ވިދާޅުވި ގޮތުގައި ފަލަސްތީނުގެ ރައްޔިތުންނަށް ފައިސާ ދޭނީ ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ ފޯ ޕަލަސްޓައިން ރެފިއުޖީސް (އަންރުއާ) މެދުވެރިކޮށް ކަމަށެވެ.

"އެންމެ ފުރަތަމަ އަޅުގަނޑުމެން މި ފައިސާ ހަވާލުކުރާނީ ފޮރިން މިނިސްޓްރީ އަށް، ފޮރިން މިނިސްޓްރީން އަންރުއާއާ ހަވާލު ކުރާނީ،" އޭނާ ވިދާޅުވި އެވެ.