Roadha Mihaaru
މައުލޫމާތުގެ ގާނޫނު އިސްލާހުކުރަނީ ހުރަސް އަޅާކަށްނޫން

މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނު އިސްލާހުކުރަނީ މައުލޫމާތު ހޯދަން ހުރަސް އަޅާކަށް ނޫން: އޭޖީ

13 ޖޫން 2024

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ނިންމީ އެ ގާނޫނު މިވަގުތު އޮތްގޮތުން ދަތިތަކެއް ހުރުމުން ކަމަށާއި އަދި މައުލޫމާތު ދޭން ހުރަސް އަޅަން ނޫން ކަމަށް އެޓާނީ ޖެނެރަލް އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ނިންމީ އެ ގާނޫނު މިވަގުތު އޮތްގޮތުން ދަތިތަކެއް ހުރުމުން ކަމަށާއި އަދި މައުލޫމާތު ދޭން ހުރަސް އަޅަން ނޫން ކަމަށް އެޓާނީ ޖެނެރަލް އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެ އެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނަށް އިސްލާހު ގެނައުމަށްޓަކައި ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި ވަނީ ހިމަނައިފަ އެވެ.

ލެޖިސްލޭޓިވް އެޖެންޑާ އާންމު ކުރުމަށްޓަކައި އެޓާނީ ޖެނެރަލްގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އުޝާމް ވިދާޅުވީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު އުވާލުމުގެ ވިސްނުމެއް ނެތް ކަމަށެވެ. އަދި އެ ގާނޫނަށް އިސްލާހު ގެންނަނީ ގާނޫނުގެ މުއްދަތުތަކާއި އިޖްރައާތުތައް ހުރިގޮތުން އެ ގާނޫނު ތަންފީޒު ކުރުމުގައި ބައެއް ދަތިތައް ހުރުމުން ކަމަށާއި އަދި މައުލޫމާތު ހޯދުމަށް ހުރަސް އެޅޭ އެއްވެސް ކަމެއް އެ އިސްލާހުގައި ނުހިމެނޭނެ ކަމަށް އުޝާމް ވިދާޅުވި އެވެ.

"މޭޖާ ނުވަތަ ބޮޑެތި އިސްލާހުތަކެއް ނޫން. މައުލޫމާތު ހޯދުމަށް ހުރަސް އެޅޭ އެއްވެސް އިސްލާހެއް އެ ގާނޫނަކަށް ގެންނާކަށް އަޅުގަނޑުމެން ގަސްދެއް ނުކުރަން." އުޝާމް ވިދާޅުވި އެވެ.

އުޝާމް ވިދާޅުވީ އެ ގާނޫނު ތަންފީޒު ކުރުމުގައި އިންފޮމޭޝަން ކޮމިޝަނަރަށް ވެސް ދަތިތަކެއް އެބަހުރި ކަމަށެވެ. އަދި އެ ގާނޫނަށް އިސްލާހު ހުށަހަޅާނީ އިންފޮމޭޝަން ކޮމިޝަނަރާ ވެސް މަޝްވަރާ ކުރުމަށްފަހު ކަމަށް އޭނާ ވިދާޅުވި އެވެ.

އުޝާމް ވިދާޅުވީ ލެޖިސްލޭޓިވް އެޖެންޑާގައި އަސާސީ ހައްގުތަކާއި މިނިވަންކަމާ ގުޅޭ ގިނަ އަދަދެއްގެ ބިލްތައް ހިމެނޭއިރު، އެއްވެސް ހައްގެއް މިނިވަންކޮށް ހިފެހެއްޓުމަށް ހުށަހަޅާ ބިލެއް ނުހިމެނޭ ކަމަށެވެ. އަދި ބިލްތައް ހުށަހަޅާފައިވަނީ ގާނޫނެއްގެ ތެރެއިން ހައްގުތައް ފަހިކޮށް ދިނުމަށްޓަކައި ކަމަށް އޭނާ ވިދާޅުވި އެވެ.