Roadha Mihaaru
ޖޭއެސްސީ ބަދަލުކޮށް، މެމްބަރުން ލިމިޓްކުރަން އިސްލާހެއް

ގާނޫނު އަސާސީއަށް އިސްލާހު ހުށަހަޅަނީ ޖޭއެސްސީ ބަދަލުކޮށް، މަޖިލިސް މެމްބަރުންގެ އަދަދު ލިމިޓް ކުރަން: އޭޖީ

13 ޖޫން 2024

ގާނޫނު އަސާސީ އިސްލާހު ގެންނަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ބިލް ހުށަހަޅަން ނިންމާފައިވަނީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވޭ ގޮތް ބަދަލު ކުރުމާއި މަޖިލީހުގެ މެމްބަރުންގެ އަދަދު ލިމިޓްކުރަން ކަމަށް އެޓާނީ ޖެނެރަލް އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ގާނޫނު އަސާސީ އިސްލާހު ގެންނަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ބިލް ހުށަހަޅަން ނިންމާފައިވަނީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވޭ ގޮތް ބަދަލު ކުރުމާއި މަޖިލީހުގެ މެމްބަރުންގެ އަދަދު ލިމިޓްކުރަން ކަމަށް އެޓާނީ ޖެނެރަލް އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ ފަސް އަހަރުގެ ލެޖިސްލޭޓިވް އެޖެންޑާ އާންމު ކުރުމަށްޓަކައި އެޓާނީ ޖެނެރަލްގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވިދާޅުވީ ޖޭއެސްސީ އެކުލެވޭ ގޮތް ބަދަލު ކުރުމާއި މަޖިލީހުގެ މެމްބަރުންގެ އަދަދު ލިމިޓް ކުރުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދެއް ކަމަށްވާތީ އެކަމަށް އިސްކަން ދީގެން ގާނޫނު އަސާސީއަށް އިސްލާހު ގެންނަން ހުށަހަޅާނެ ކަމަށެވެ. އަދި އިތުރު އިސްލާހުތަކެއް ގާނޫނު އަސާސީއަށް ގެންނަންޖެހޭތޯ ބަލަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެންވީމަ މިހާރުން މިހާރަށް ވެސް އެ ދެ އިސްލާހު އަޅުގަނޑުމެން ގެންނާނަން. އެހެން ނަމަވެސް އޭގެ އިތުރުން ވެސް ދައުލަތް ހިންގުމުގެ ނިޒާމުގައި އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ގާނޫނު އަސާސީއަށް ގެންނަންޖެހޭ އިސްލާހުތަކަކީ ކޮބައިތޯ ބެލުމަށްޓަކައި މި ދަނީ ދިރާސާއެއް ކުރަމުން." އުޝާމް ވިދާޅުވި އެވެ.

އުޝާމް ވިދާޅުވީ ޖޭއެސްސީ އެކުލެވޭ ގޮތް ބަދަލު ކުރާނެ ގޮތާއި މަޖިލިސް މެމްބަރުންގެ އަދަދު ލިމިޓް ކުރަން އިސްލާހު ހުށަހަޅާނީ ކޮން ގޮތަކަށް ކަން މިވަގުތު އަދި ނިންމާފައެއް ނުވެ އެވެ. އަދި ކުރީގެ ސަރުކާރުން ޖޭއެސްސީއަށް އިސްލާހު ގެންނަން ނިންމީ އެންމެ ފުރިހަމައަށް މަޝްވަރާ ކުރުމެއް ނެތި ކަމަށާއި ނަމަވެސް މި ސަރުކާރުން އެ އިސްލާހު ހުށަހަޅާނީ ހުރިހާ ފަރާތްތަކާ ވެސް މަޝްވަރާ ކުރުމަށްފަހު ކަމަށް އުޝާމް ވިދާޅުވި އެވެ.

"މިވަގުތު އަޅުގަނޑަކަށް ދަންނަވާކަށް ނޭނގެ އަޅުގަނޑުމެން ހުށަހަޅާނެ ކޮމްޕޮޒިޝަނަކީ މިވެނި ކޮމްޕޮޒިޝަނެކޭ. އެހެން ނަމަވެސް އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯ ބެލުމަށްޓަކައި މަޝްވަރާ ކުރަމުން މިދަނީ." އުޝާމް ވިދާޅުވި އެވެ.

އުޝާމް މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ --- ފޮޓޯ/އޭޖީ އޮފީސް

އުޝާމް މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ --- ފޮޓޯ/އޭޖީ އޮފީސް

ނަމަވެސް އުޝާމް ވިދާޅުވި ގޮތުގައި އެންމެ ބޮޑު އިސްކަމެއް އަބަދުވެސް ދޭނީ ސިޔާސީ ނުފޫޒުން ޖޭއެސްސީ މިނިވަން ކުރުމަށެވެ. އަދި މެމްބަރުންގެ އަދަދު ލިމިޓް ކުރުމަކީ އެންމެންގެ ހައްގު ހިމެނޭ ކަމަކަށް ވާތީ ހުރިހާ ޕާޓީތަކާ ވެސް މިކަމުގައި މަޝްވަރާ ކުރާނެ ކަމަށް އުޝާމް ވިދާޅުވި އެވެ. އަދި ހުރިހާ އިންތިހާބުތަކެއް ވެސް އެއްކޮށް ބޭއްވުމަކީ ރަނގަޅު ވިސްނުމެއް ކަމަށާއި ނަމަވެސް އެކަމާ މެދު ގޮތެއް ނިންމޭނީ ހުރިހާ ފަރާތްތަކާ މަޝްވަރާ ކުރުމަށްފަހު ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ވަކި ގޮތެއް ދެންނެވުން އެއީ އެހާ ރަނގަޅު ގޮތެއް ނޫން. މިކަމުގެ ބާވަތުން އެންމެ ރަނގަޅު ގޮތަކަށް ވާނީ މިކަމާ ގުޅޭ ހުރިހާ ފަރާތްތަކެއް މަޝްވަރާ ކުރުމަށްފަހު ގޮތެއް ނިންމުން. އެކަން އެގޮތަށް އަޅުގަނޑުމެން ކުރާނީ." އުޝާމް ވިދާޅުވި އެވެ.

ސަރުކާރުގެ ލެޖިސްޓްލޭޓިވް އެޖެންޑާގައި 200 އަށް ވުރެ ގިނަ ބިލް ހިމެނޭއިރު، އޭގެ ތެރޭގައި އަލަށް ގެންނަން 78 ގާނޫނެއްގެ ބިލާއި މިހާރު އަމަލު ކުރަމުންދާ 135 ގާނޫނަކަށް އިސްލާހު ގެނައުމުގެ ބިލް ވެސް ހިމެނެ އެވެ. އެއީ ދުސްތޫރީ އަދި ގާނޫނީ ކަންކަމާ ގުޅޭ 15 ބިލަކާއި ކޮރަޕްޝަނާއި ކުށްކުރުން ހުއްޓުވުމާ ގުޅޭ 22 ބިލަކާއި ގައުމީ ސަލާމަތާއި ހާރިޖީ ކަންކަމާ ގުޅޭ 15 ބިލަކާއި އާއިލާ އާއި މުޖްތަމައުއާ ގުޅޭ 20 ބިލެއް ވެސް ހިމެނެ އެވެ.

މީގެ އިތުރުން ފައިސާ މާލީ ކަންކަމާ ގުޅޭ 22 ބިލެއްގެ އިތުރުން ސިއްހަތާ ބެހޭ 11 ބިލަކާއި އުމްރާނީ ތަރައްގީއާބެހޭ 11 ބިލެއްގެ އިތުރުން ވިޔަފާރި އާއި އިގްތިސާދާ ގުޅޭ 22 ބިލަކާއި ދަތުރުފަތުރާއި މުވާސަލަތާ ބެހޭ އަށް ބިލަކާއި ދައުލަތް ހިންގުމާ ގުޅޭ ނުވަ ބިލަކާއި ތިމާވެށްޓާބެހޭ ނުވަ ބިލަކާއި ހައްގުތަކާ މިނިވަންކަމާބެހޭ އަށް ބިލަކާއި ތައުލީމާބެހޭ ހަތް ބިލަކާއި ގާނޫނު އަސާސީއާ ހިލާފްވާތީ އުވާލަންޖެހޭ 26 ގާނޫނެއްގެ ބިލެއް ވެސް ހިމެނެ އެވެ.