Roadha Mihaaru
އޭސީސީގެ އެންގުމަށް ތަބާނުވާތީ ކަންބޮޑުވެއްޖެ!

އޭޖީގެ ވިސްނުމާ މެދު އޭސީސީގެ ކަންބޮޑުވުން: ކޮރަޕްޝަން ނައްތާލުމަށް އެންމެ މުހިންމީ އެއް ވިސްނުމެއް ގެންގުޅުން!

16 ޖުލައި 2024

ފުލުހުންނަށް ޕްރޮމޯޝަން ދިނުން މަޑުޖައްސާލަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިދިޔަ އަހަރު އެންގި މައްސަލާގައި އެގޮތަށް އެންގުމުގެ ބާރު އެ ކޮމިޝަނަށް ނޯންނާނެ ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ބުނުމުން އޭސީސީން އެކަމާ މެދު މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ފުލުހުންނަށް ޕްރޮމޯޝަން ދިނުން މަޑުޖައްސާލަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިދިޔަ އަހަރު އެންގި މައްސަލާގައި އެގޮތަށް އެންގުމުގެ ބާރު އެ ކޮމިޝަނަށް ނޯންނާނެ ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ބުނުމުން އޭސީސީން އެކަމާ މެދު މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި ވާހަކަ ދައްކަވަމުން އެ ކޮމިޝަންގެ ރައީސް އާދަމް ޝާމިލް ވިދާޅުވީ، ކޮރަޕްޝަނުން ސަލާމަތްވެވޭނީ މުޅި ދައުލަތް އެއް ވިސްނުމެއްގައި އޮވެގެން ކަމަށެވެ. ނަމަވެސް، އެއާ ހިލާފަށް ދައުލަތުގެ އެކި ދިމާލުގައި އެކި ވިސްނުން ގެންގުޅޭ ކަން ޝާމިލް ފާހަގަކުރެއްވި އެވެ.

އޭގެ މިސާލެއްގެ ގޮތުން ޝާމިލް ފާހަގަ ކުރެއްވީ ފުލުހުންގެ ޕްރޮމޯޝަންތައް މަޑުޖައްސާލަން އެންގުމުން އެކަމަށް ދެކޮޅު ހަދައި، އެޓާނީ ޖެނެރަލްގެ އޮފީހުން ހައި ކޯޓުގައި ދެއްކި ވާހަކަ އެވެ. އެ މައްސަލާގައި އޭސީސީގެ އެންގުމަށް އަމަލުކުރަން ނުޖެހޭ ކަމަށް އެ އޮފީހުން އެ ކޯޓުގައި ވަނީ ބުނެފަ އެވެ.

"މުޅި ދައުލަތުގެ ވިސްނުން އެކައްޗަކަށް ވާން ޖެހޭ. މިސާލަކަށް އެއް ކޭސްގައި އޭސީސީ އިން އަންގާ އެންގުމަކީ އެ އަށް އަމަލު ކުރަން ނުޖެހޭނެ އެއްޗެއް ކަމަށް ދައުލަތުން ވިދާޅުވާއިރު އަނެއް ކޭސްގައި އަޅުގަނޑުމެން ވަރަށް އަވަހަށް އެންގުންތައް އަންގަން ވާނެ ކަމަށް ވެސް ގަބޫލު ކުރަންޏާ އެ އުޅެނީ ދެ ދިމާލެއްގަ ދެ ވިސްނުމެއް،" އޭސީސީގެ ރައީސް ވިދާޅުވި އެވެ.

"ކޮރަޕްޝަން ނައްތާލުމަށްޓަކައި އެންމެ މުހިންމު ކަމަކީ ދައުލަތުގެ މުޅި ނިޒާމު އެއް ވިސްނުމެއް ގެންގުޅުން."

ފުލުހުންނަށް ޕްރޮމޯޝަން ދިނުން މަޑުޖައްސާލަން އޭސީސީ އިން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އެންގި އެންގުމަށް ފުލުހުން އަމަލު ނުކުރުމުން އެ ކޮމިޝަނުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ އެ ކޮމިޝަންގެ އެންގުމަށް އަމަލު ކުރަންޖެހޭނެ ކަމަށް ކަނޑައެޅުމަށެވެ. މައްސަލަ ނިމެންދެން، ޕްރޮމޯޝަންގެ މަސައްކަތްތައް މަޑުޖައްސާލަން އޭސީސީން އެދުނަސް އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން މިދިޔަ ޖެނުއަރީ މަހު ނިންމި އެވެ.

އެ މައްސަލަ އޭސީސީން އިސްތިއުނާފް ކުރުމުން ހައި ކޯޓުގައި މިދިޔަ އާދިއްތަ ދުވަހު ބޭއްވި އަޑުއެހުމުގައި ދައުލަތުން ބުނީ ވަކި ކަމެއް ނުކުރަން ނުވަތަ މަޑުޖައްސާލަން އެންގުމުގެ ބާރު އޭސީސީގެ ގާނޫނުގެ ދަށުން އެ ކޮމިޝަނަށް ލިބިފައި ނުވާ ކަމަށެވެ. ސުޕްރީމް ކޯޓުން ވެސް ކުރިން އެގޮތަށް ނިންމާފައިވާ ކަމަށާއި އެހެންވެ، އެފަދަ އެންގުމެއް އެންގުމުގެ ބާރު ކޮމިޝަނަށް މިވަގުތު ނެތް ކަމަށް ދައުލަތުން ބުންޏެވެ.

ދައުލަތުން ބުނި ގޮތުގައި، އޭސީސީން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅިއިރު ވެސް ޕްރޮމޯޝަން ދިނުމުގެ މަސައްކަތް އޮތީ ނިމިފަ އެވެ. އެހެންވެ، ވަގުތީ އަމުރު ނެރުނަސް، ދެން އިތުރަށް ކުރެވޭނެ ކަމެއް ސާފުނުވާ ކަމަށް ދައުލަތުން ބުންޏެވެ. އެކަމަކު އެގޮތަށް ވަގުތީ އަމުރު ނެރެފި ނަމަ އެންމެ ބޮޑަށް ގެއްލުން ލިބޭނީ ފުލުހުންނާއި ދައުލަތަށް ކަމަށާއި އެގޮތުން އެތައް ބައެއްގެ ހައްގަށް އަސަރު ކުރާނެ ކަމަށް ދައުލަތުން ބުންޏެވެ.

އެ އަޑުއެހުމުގައި އޭސީސީގެ ވަކީލުން ބުނީ ކޮރަޕްޝަނަށް މަގުފަހިވެދާނެ ހުރިހާ ކަންކަން ވެސް ހުއްޓުވުމަކީ އޭސީސީއަށް ގާނޫނީ ގޮތުން އޮތް ބާރެއް ކަމަށާއި ފުލުހުންގެ ޕްރޮމޯޝަން މަޑުޖައްސާލަން އެންގީ އެ ކޮމިޝަނުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށެވެ.