Roadha Mihaaru
ސްކޮޓްލެންޑް ހަމަނޭވާލާނެ ފުރުސަތުވެސް ޖަރުމަނުން ނުދިން

ސްކޮޓްލެންޑަށް ހަމަ ނޭވާއެއް ލާނެ ފުރުސަތު ވެސް ޖަރުމަނުން ނުދިން

15 ޖޫން 2024

މިއުނިކް (ޖޫން 15) - މިއަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި، މުބާރާތް ބާއްވާ ގައުމު ޖަރުމަނުން 5-1 އިން ސްކޮޓްލެންޑް ބަލިކޮށްފި އެވެ.

މިއުނިކް (ޖޫން 15) - މިއަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި، މުބާރާތް ބާއްވާ ގައުމު ޖަރުމަނުން 5-1 އިން ސްކޮޓްލެންޑް ބަލިކޮށްފި އެވެ.

ސްކޮޓްލެންޑަށް ނިސްބަތްވާ ލެޖެންޑަރީ ކޯޗު، ސާ އެލެކްސް ފާގަސަން ވެސް ދަނޑަށް ހާޒިރުވެ އިން މި މެޗުގައި އެޓީމަށް މާ ރަނގަޅަށް މެޗުގެ ތެރެއަށް ނުވަދެވި އުޅެނީސް ޖަރުމަނުން ވަނީ ދެ ގޯލުގެ ލީޑެއް ނަގައި، ޓީމު ހާސް ކޮށްލައިފަ އެވެ.

ފުރަތަމަ ލަނޑު މެޗުގެ 10 ވަނަ މިނިޓުގައި އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުން ފްލޯރިއަން ވާޓްޒް ކާމިޔާބު ކޮށްދިން އިރު، އޭގެ ނުވަ މިނިޓު ފަހުން ދެވަނަ ލަނޑު ޖަހައިދިނީ ޖަމާލް މުސިއާލާ އެވެ.

ކުރީގެ ލެޖެންޑަރީ ކޯޗު ފާގަސަން (ވ) އާއި ދާދި ފަހުން ތުރުކީގެ ފެނަބާޗޭއާ ހަވާލުވި ޕޯޗުގީޒް ކޯޗު ހޯޒޭ މޮރީނިއޯ (ކ) ދަނޑުގައި.-- ފޮޓޯ: އޭއެފްޕީ

ކުރީގެ ލެޖެންޑަރީ ކޯޗު ފާގަސަން (ވ) އާއި ދާދި ފަހުން ތުރުކީގެ ފެނަބާޗޭއާ ހަވާލުވި ޕޯޗުގީޒް ކޯޗު ހޯޒޭ މޮރީނިއޯ (ކ) ދަނޑުގައި.-- ފޮޓޯ: އޭއެފްޕީ

ޖަރުމަނުން ޖެހި ތިންވަނަ ލަނޑު، ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ލިބުނު ޕެނަލްޓިއަކުން ޖަހައިދިނީ ކައި ހަވާޓްޒް އެވެ. މިއީ ސްކޮޓްލެންޑުގެ ޑިފެންޑަރު ރަޔާން ޕޯޓިއަސް، ޖަރުމަންގެ ކެޕްޓަން އިލްކާއި ގުންޑޮއާން އަށް އޭރިއާ ތެރެއިން ފައުލް ކޮށްގެން ދިން ޕެނަލްޓިއެކެވެ. މި ފައުލާ އެކު ޕޯޓިއަސް އަށް ވަނީ ސީދާ ރަތް ކާޑެއް ވެސް ދައްކައިފަ އެވެ.

މިއީ 1984 ވަނަ އަހަރުގެ ޔޫރޯގެ ގުރޫޕް ސްޓޭޖުގައި ފްރާންސް އިން ފުރަތަމަ ހާފުގައި ބެލްޖިއަމް ކޮޅަށް ތިން ގޯލު ވައްދާލި ފަހުން، މުބާރާތުގެ ގުރޫޕް ސްޓޭޖު މެޗެއްގައި ޓީމަކުން ތިން ގޯލު ޖެހި ފުރަތަމަ ފަހަރެވެ.

ފޫލްކްރޫގް (ކ-2)، ޖަރުމަންގެ ތިންވަނަ ގޯލު ޖެހުމަށް ފަހު ޓީމު ކުޅުންތެރިންނާ އެކު އުފާފާޅު ކުރަނީ.-- ފޮޓޯ: އޭއެފްޕީ

ފޫލްކްރޫގް (ކ-2)، ޖަރުމަންގެ ތިންވަނަ ގޯލު ޖެހުމަށް ފަހު ޓީމު ކުޅުންތެރިންނާ އެކު އުފާފާޅު ކުރަނީ.-- ފޮޓޯ: އޭއެފްޕީ

ދެވަނަ ހާފުގައި އެކަކު މަދުކޮށް ސްކޮޓްލެންޑް ކުޅުނު ނަމަވެސް އިތުރު ގޯލެއް ޖަހަން ޖަރުމަނަށް ފަސޭހައެއް ނުވި އެވެ. އެޓީމުގެ ހަތަރުވަނަ ގޯލު 68 ވަނަ މިނިޓުގައި ޖަހައިދިނީ އޭގެ ފަސް މިނިޓު ކުރިން ކުޅެން އެރި ނިކްލަސް ފޫލްކްރޫގް އެވެ.

މެޗުގައި އެންމެ ހަމަލާއެއް ފޮނުވާ ނުލެވުނު ސްކޮޓްލެންޑަށް ލަނޑެއް ކާމިޔާބުވީ، ހިލޭޖެހުމަކުން އޭރިއާ ތެރެއަށް ހުރަސްވި ބޯޅަ، ޑިފެންޑަރު އެންޓޯނިއޯ ރުޑިގާ ބޮލުގައި ޖެހިފައި ކީޕަރު ބޯ މަތިން ގޯލު ތެރެއަށް އޮއްސިގެންނެވެ.

ޖަރުމަންގެ ފަސްވަނަ ގޯލު މެޗުގެ އެންމެ ފަހު ސިކުންތުގައި ކާމިޔާބު ކޮށްދިނީ ޓޯނީ ކްރޫސްގެ ބަދަލުގައި ކުޅެން އެރި އެމެރޭ ޗާން އެވެ.