Roadha Mihaaru
މުސިއާލާގެ ހިތްގައިމު ލަނޑަކާއެކު ޖަރުމަން ކުއާޓާއަށް

މުސިއާލާގެ ހިތްގައިމު ލަނޑަކާއެކު ޖަރުމަން ކުއާޓާއަށް

30 ޖޫން 2024

ޑޯޓްމެންޑް (ޖޫން 30) - ޖަމާލް މުސިއާލާގެ ހިތްގައިމު ލަނޑަކާ އެކު 2-0 އިން ޑެންމާކް ބަލިކޮށް، މިއަހަރުގެ ޔޫރޯ މުބާރާތް ބާއްވާ ގައުމު ޖަރުމަނުން މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.

ޑޯޓްމެންޑް (ޖޫން 30) - ޖަމާލް މުސިއާލާގެ ހިތްގައިމު ލަނޑަކާ އެކު 2-0 އިން ޑެންމާކް ބަލިކޮށް، މިއަހަރުގެ ޔޫރޯ މުބާރާތް ބާއްވާ ގައުމު ޖަރުމަނުން މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.

މޫސުން ގޯސްވުމާ ގުޅިގެން ފުރަތަމަ ހާފުގައި ވަނީ މެޗު ވަގުތުކޮޅަކަށް މެދުކަނޑާލައިފަ އެވެ. މެޗުގެ 35 ވަނަ މިނިޓުގައި ރެފްރީ މައިކަލް އޮލިވާ، ދެ ޓީމު ވެސް ދަނޑުން ފައިބަން އެންގީ، ވިދާ ގުގުރަން ފެށުމާއެކު ސްޓޭޑިއަމްގެ ފުރާޅުން ފެން ލީކުވާން ފެށުމުންނެވެ.

މެޗު މެދުކަނޑާލުމުގެ ކުރިން ވެސް ގަދަޔަށް ކުޅުނީ ޖަރުމަނެވެ. ފަސްވަނަ މިނިޓުގައި ޑިފެންޑަރު ނިކޯ ޝްލޮޓާބެކް ގޯލެއް ޖެހި ނަމަވެސް ރެފްރީ ވަނީ ގޯލު ޖެހުމުގެ ކުރިން ފައުލް ކޮށްފައި ވާކަމަށް ނިންމައިފަ އެވެ. އޭގެ ފަހުން ވެސް ޖަރުމަނުން ގިނަ ހަމަލާތަކެއް ފޮނުވާލާފައި ވާއިރު ގޯލްކީޕަރު ކެސްޕާ ޝްމައިކަލް ވަނީ މޮޅު ސޭވްތަކެއް ކޮށްފަ އެވެ.

އަލުން މެޗު ފެށީ މެދުކަނޑާލާފައި 23 މިނިޓު އޮތުމަށް ފަހު އެވެ. ހާފު ނިމެނިކޮށް ޑެންމާކުގެ ރަސްމުސް ހޮއިލެންޑަށް މުޅިން ހުސް ފުރުސަތެއް ލިބުނު ނަމަވެސް ބޯޅަ ހުއްޓުވީ ކީޕަރު މެނުއެލް ނޯޔާ އެވެ.

ދެވަނަ ހާފު ފެށިގެން މާ ގިނައިރެއް ނުވެ ޑެންމާކުގެ ޔޯކިމް އެންޑަސަން ބޯޅަ ގޯލަށް ފޮނުވާލި ނަމަވެސް ވީއޭއާރުން ވަނީ އޭނާ އޮފްސައިޑް ކަމަށް ނިންމައިފަ އެވެ.

އޭގެ މިނިޓެއްފަހުން ޑޭވިޑް ރައުމް ނެގި ހުރަހެއް އޭރިއާ ތެރެއިން އެންޑަސަންގެ އަތުގައި ޖެހިގެން ވީއޭއާރުގެ އެހީގައި ރެފްރީ ދިން ޕެނަލްޓީން ޖަރުމަނަށް ލީޑު ނަގައިދިނީ ކައި ހަވާޓްޒް އެވެ.

މެޗުގެ 68 ވަނަ މިނިޓުގައި ޖަރުމަނަށް ލީޑު ފުޅާ ކޮށްދިނީ ޖަމާލް މުސިއާލާ އެވެ. މިއީ މުސިއާލާ މުބާރާޓުގައި ޖެހި ތިންވަނަ ގޯލެވެ. މިއާ އެކު އޭނާ ވަނީ މުބާރާތުގެ ލަނޑު ލިސްޓުގެ އެންމެ ކުރީގައި އޮތް ޖޯޖިއާގެ ޖިއޯޖެސް މިކޯޓަޑްޒޭއާ އެއްވަރު ކޮށްފަ އެވެ.

ޑެންމާކަކީ އެންމެ ފަހުން 2021 ވަނަ އަހަރު ބޭއްވުނު ޔޫރޯގެ ސެމީ ފައިނަލް ކުޅުނު ޓީމެކެވެ. ޑެންމާކު ވަނީ 1992 ވަނަ އަހަރުގެ ޔޫރޯ ފައިނަލުގައި 2-0 އިން ޖަރުމަން ބަލިކޮށް، ތަށި އުފުލާލައިފަ އެވެ.

ކުއާޓާ ފައިނަލްގައި ޖަރުމަނުން ނުކުންނާނީ، މިރޭ (30 ޖޫން ވާ އާދިއްތަ ދުވަހުގެ ރޭ) 12 ޖަހާއިރު ޖޯޖިއާ އާއި ސްޕެއިން ވާދަކޮށް މޮޅުވާ ޓީމަކާ ދެކޮޅަށެވެ.