Roadha Mihaaru
ރައީސް އެދިވަޑައިގަތީ ﷲގެ ނިިއުމަތްތައް ހަނދާންކުރަން

ރައީސް އެދިވަޑައިގަތީ ﷲގެ ނިިއުމަތްތައް ހަނދާންކޮށް، ބީރައްޓެހި ސަގާފަތާ ދުރަށް ދިއުމަށް

15 ޖޫން 2024

ﷲ ދެއްވި ގިނަގުނަ ނިއުމަތްތަކުގެ މަތިން އަބަދު ހަނދާންކޮށް، އީދު ފާހަގަކުރުމުގައި އިސްލާމީ ރިވެތި އުސޫލުތަކުގައި ހިފެހެއްޓުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އިލްތިމާސް ކުރައްވައިފި އެވެ.

ﷲ ދެއްވި ގިނަގުނަ ނިއުމަތްތަކުގެ މަތިން އަބަދު ހަނދާންކޮށް، އީދު ފާހަގަކުރުމުގައި އިސްލާމީ ރިވެތި އުސޫލުތަކުގައި ހިފެހެއްޓުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އިލްތިމާސް ކުރައްވައިފި އެވެ.

މާދަމާ ފާހަގަކުރަން ފަށާ ބޮޑު އީދު ނުވަތަ އަޟްހާ އީދު ދުވަހުގެ ތަހުނިޔާ މެސެޖުގައި ރައީސް އެދިވަޑައިގަތީ އިސްލާމީ އަހުލާގާއި ދިވެހިންގެ ރީތި އާދަކާދަތަކާ ބީރަށްޓެހި، 'ފުރެއްދެ' ސަގާފަތްތައް އީދުގެ އުފަލުގެ ތެރެއަށް މަސްހުނި ނުކުރުމަށެވެ.

"ކީރިތި ﷲގެ ހަޒުރަތުގައި އެންމެ ލޯބިވެތިވެ ވޮޑިގެންވާ އަމަލުތަކުގެ ތެރޭގައި މާތް ނަބިއްޔާ صلى الله عليه وسلم އިރުޝާދު ދެއްވާފައިވާ އެއްކަމަކީ މުސްލިމް އަހާގެ ހިތަށް އުފާވެރިކަން ލިބޭނެ ހެޔޮ އަމަލެއް ކުރުމެވެ. މެހުމާންދާރީ އަދާކުރުން، ސަދަގާތެއް ނުވަތަ ހަދިޔާއެއް ދިނުން، ހެޔޮ ދުއާއެއް ކޮށްދިނުން، ނުތަނަވަސް ކަމެއް ފިލުވައިދިނުން ފަދަ ﷲގެ ހަޒުރަތުގައި ދަރުމަ ހުރި އަމަލުތަކަށް އަވަސްވެގަތުމެވެ،" ރައީސްގެ މެސެޖުގައި ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ، އީދުގެ ދުވަސްވަރަކީ ރާއްޖޭގެ ކޮންމެ ރަށަކަށް ވެސް މެހުމާނުން ޒިޔާރަތްކުރުން ގިނަ އުފާވެރި ފޯވައްސަކަށް ވާތީ، ކާބަފައިންގެ ޒަމާނުއްސުރެ ދަމަހައްޓަމުން އައި ކަމޭހިތުމާއި އިހުތިރާމާ އެކު މުއާމަލާތު ކުރުމާއި އެއްބަޔަކު އަނެއް ބަޔަކާ ރީތިބަހުން ވާހަކަ ދައްކައި، ހެޔޮފޯރުވުމުގެ ރީތި އުސޫލުތައް ދިރުވައި އާލާކުރުމަށް ކޮންމެ ރަށަކާއި ކޮންމެ އާއިލާ އަކުން އިސްކަން ދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

"ދިވެހިންގެ ހިތްތަކުގައި ހާއްސަ ލޯތްބަކާ ކުލުނެއް ދެވިފައިވާ ފަލަސްތީނުގެ މުސްލިމް ކޮންމެ އާއިލާއަކާއި ކޮންމެ ކުޑަކުއްޖަކަށްޓަކައި ހެޔޮ ދުއާތައް ތަކުރާރު ނުކޮށް، އެ ހަނދާންތައް އައުނުކޮށް، އެންމެ ރެޔަކާ ދުވާލެއް ވެސް އަޅުގަނޑުމެން ދުލެއް ނުކުރާނަމެވެ،"--- ރައީސް

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި، ކުދިންނަށް ބުނެދޭންވީ، އީދުގެ ދިއްލުންތަކާއި އުފާފާޅުކުރުންތަކާއި އެކަކު އަނެކަކާ ސަލާންގަލާންކޮށް، ހާލު ބަލައި، ތަކްބީރުތަހުލީލު ކިޔައި، އިޖުތިމާއީ ރޫޙު އާލާކޮށް، ކުޅިވަރު ކުޅެ އުޅުމަކީ އިސްލާމްދީނުގެ ފުރިހަމަ ކަމުގެ ހެކިތަކެއްގެ ގޮތުގަ އެވެ.

"މިފަދަ ކޮންމެ މުނާސަބާއެއްގައި އިސްލާމްދީނާއި ދިވެހިވަންތަކަމަށްޓަކައި ފަހުރުވެރިވާން ދަރިންނަށް އުނގަންނައިދީ، އިސްލާމީ ރިވެތި އާދަތަކަށް ދަރިން ހޭނުވުމަށް ހާއްސަ ސަމާލުކަމެއް ދެއްވުން އެދެމެވެ،" ރައީސް ވިދާޅުވި އެވެ.

ފަލަސްތީނުގެ އަހުލުވެރިންނަށް ހެޔޮދުއާ ކޮށްދިނުމުގައި

ރައީސް މުއިއްޒު ގެންގުޅުއްވާ އާންމު އުސޫލުގެ މަތިން މި ފަހަރުގެ އީދު ތަހުނިޔާގެ މެސެޖުގައި ވެސް އެންމެ ފުރަތަމަ އަލިއަޅުވާލެއްވީ ފަލަސްތީނުގެ ރައްޔިތުން އުޅެމުންދާ ނިކަމެތި ހާލުގެ މައްޗަށެވެ.

ރައީސް ވިދާޅުވީ، މި އީދުގައި އެ މަނިކުފާނާއި އަދި ދިވެހި ކޮންމެ ރައްޔިތަކުމެ އެންމެ އިސްކުރަނީ، މުސްލިމުންގެ މުގައްދަސް މިސްކިތާއި އެތައް ނަބީ ބޭކަލެއްގެ ލޮބުވެތި ވަޒަން ކަމުގައިވި ފަލަސްތީނުގެ އަހުލުވެރިންނަށް ހެޔޮ ދުއާ ކޮށްދިނުމަށް ކަމަށެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި ރާއްޖެ އަބަދުވެސް ދެމިއޮންނާނީ، ފަލަސްތީނުގެ މުސްލިމުންނަށް ދެމުންގެންދާ ބޮޑެތި އަނިޔާތަކާ ދެކޮޅު ހަދައި، މަސްޖިދުލްއަގްސާ މިނިވަންކުރުމުގެ މަތިވެރި ޖިހާދުގައި ހިތާއި ރޫހުން ބައިވެރިވެ، ސަހަރޯވެރިވުމުގަ އެވެ.

"ދިވެހިންގެ ހިތްތަކުގައި ހާއްސަ ލޯތްބަކާ ކުލުނެއް ދެވިފައިވާ ފަލަސްތީނުގެ މުސްލިމް ކޮންމެ އާއިލާއަކާއި ކޮންމެ ކުޑަކުއްޖަކަށްޓަކައި ހެޔޮ ދުއާތައް ތަކުރާރު ނުކޮށް، އެ ހަނދާންތައް އައުނުކޮށް، އެންމެ ރެޔަކާ ދުވާލެއް ވެސް އަޅުގަނޑުމެން ދުލެއް ނުކުރާނަމެވެ،" ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ފާހަގަކުރެއްވި ގޮތުގައި އަޟްހާ އީދު ބައްދަލުކުރަނީ ހައްޖުގެ އަޅުކަމާއި އަރަފާތު ދުވަހުގެ އިމެއް މިނެއްނެތް ރުއްސެވުމާ ފުއްސެވުމަށް ފަހު އެވެ. ކީރިތި ގުރުއާނުގައި އެ 10 ރެއެއްގެ މާތްކަން ގަންދެއްވައި މާތްﷲ ހުވާގެ ބަސްފުޅު ވަހީ ކުރައްވާފައިވާ ހައްޖު މަހުގެ ފުރަތަމަ 10 ރޭ ނިމުމާއެކު ކަން ވެސް ފާހަގަކުރެއްވި އެވެ.

"ބޮޑު އީދު ދުވަހުގެ ފަހަށް ތަރުތީބު ވަނީ، އުފަލާއި އެކުވެރިކަމާއި ހެޔޮފޯރުވުމާއި ތަކުބީރު ތަހުލީލު ގިނަ ކުރުމުގައި މުޅި އުންމަތް ބައިވެރިވާ އައްޔާމުއްތަޝްރީގުގެ ތިން ދުވަހެވެ. ހައްޖާއި ބޮޑު އީދުގެ އަޅުކަންތަކާއި ގުރުބާން ކުރުންތަކުން ޒިކުރާ އައުކޮށްދެނީ، މީގެ އެތައް ސަތޭކަ އަހަރެއް ކުރިން ﷲގެ ހަލީލް އަދި މުސްލިމްތަކުންގެ މާތް ބައްޕާފުޅު ސަލާމްލެއްވި އިބްރާހީމް އަލައިހިއްސަލާމްގެ ހަޔާތްޕުޅާ ގުޅިފައިވާ އިބުރަތްތެރި ދަރެސްތަކެވެ،" ރައީސް ވިދާޅުވި އެވެ.