Roadha Mihaaru
"މާލި ޕެރޭޑުން ފެނުނީ ބިނާކުރުވަނިވި ފާޑުކިޔުން"

ކުޅުދުއްފުށީ މާލި ޕެރޭޑުން ފެނުނީ ބިނާކުރުވަނިވި ފާޑުކިޔުންތަކެއް: ޝިޔާމް

18 ޖޫން 2024

މިއަހަރުގެ އަޟްހާ އީދާ ގުޅިގެން ހދ. ކުޅުދުއްފުށީގައި ބޭއްވި މަށިމާލި ޕެރޭޑުން ފެނުނު މެސެޖުތަކަކީ ބިނާކުރުވަނިވި ފާޑުކިޔުންތަކެއް ކަމަށް ގަބޫލު ކުރައްވާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މިއަހަރުގެ އަޟްހާ އީދާ ގުޅިގެން ހދ. ކުޅުދުއްފުށީގައި ބޭއްވި މަށިމާލި ޕެރޭޑުން ފެނުނު މެސެޖުތަކަކީ ބިނާކުރުވަނިވި ފާޑުކިޔުންތަކެއް ކަމަށް ގަބޫލު ކުރައްވާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.

ކޮންމެ އަހަރެއްގެ ވެސް ބޮޑު އީދާ ގުޅިގެން ކުޅުދުއްފުށީގައި އޮންނަ މާލި ޕެރޭޑުގައި އެ ދުވަސްވަރެއްގެ ސިޔާސީ ކަންކަމާއި އަދި ގައުމީ މައްސަލަތަކާ ގުޅުވައިގެން ތަފާތު މެސެޖްތަކެއް ގެނެސްދޭ މާލިތައް ހިމަނަ އެވެ.

އެހެންވެ، މިއަހަރުގެ ޕެރޭޑުގައި ވެސް މަސްވެރިންގެ ކަންބޮޑުވުންތަކާއި އެ ނޫން ވެސް ސަރުކާރުގެ ވައުދުތަކާ ގުޅޭގޮތުން ތަފާތު މެސެޖްތަކެއް ގެނެސްދީފައިވެ އެވެ. އެހެންވެ، އެ ޕެރޭޑަށް މިއަހަރު ވެސް ގިނަ ބައެއްގެ ސަމާލުކަން ލިބުނެވެ.

އެކަމާ ގުޅިގެން މިނިސްޓަރު ޝިޔާމް ކުރެއްވި ޓްވީޓެއްގައި ވަނީ އެ ޕެރޭޑުގައި ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުކިޔުމާއި ސަރުކާރުގެ ވައުދުތައް ހަނދާންކޮށް ދިނުމަކީ ބިނާކުރުވަނިވި ފާޑުކިޔުންތަކެއް އަދި މެސެޖްތަކެއްގެ ގޮތުގައި ބަލައިގަންނަ ކަމަށެވެ.

"ވައުދުތައް ހަނދާންކޮށްދޭ ފުޅަނދުތައް އަޅުގަނޑު ދެކެނީ ބިނާކުރުވަނިވި ފާޑުކިޔުން އަދި މެސެޖްތަކެއްގެ ގޮތުގައި." މިނިސްޓަރު ޝިޔާމްގެ ޓްވީޓްގައިވެ އެވެ.

މަސްވެރިންނަށް ފައިސާ ނުލިބި ލަސްވުމުން އެކަމާ ދެކޮޅަށް މަސްވެރިން ދާދިފަހުން މުޒާހަރާ ކޮށްފައި ވަނިކޮށް، އެކަމާ ގުޅޭގޮތުން އެ ޕެރޭޑުގައި ގިނަ މެސެޖްތަކެއް ދީފައިވެ އެވެ. އަދި އެ ނޫން ވެސް އާންމުންގެ ކަންބޮޑުވުންތަކާ ގުޅޭ މެސެޖްތައް ހިމެނޭ މާލިތަކާއި ފުޅަނދުތައް ޕެރޭޑުގައި ބައިވެރިކޮށްފައިވެ އެވެ.