Roadha Mihaaru
މަސްއޫލިއްޔަތު އަދާކުރާނަމަ ފަސާދަތައް ނެތިދާނެ: ހުތުބާ

ކޮންމެ މީހަކު މަސްއޫލިއްޔަތު އަދާކުރާ ނަމަ ފަސާދަތައް ނެތިދާނެ: އީދު ޚުތުބާ

16 ޖޫން 2024

ކޮންމެ ބަޔަކު ވެސް އެބަޔަކަށް މާތްﷲ ހަވާލުކުރައްވާފައިވާ މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާކުރާ ނަމަ، މި ދުނިޔެއިން ހުރިހާ ފަސާދައެއް ނެތިގެންދާނެ ކަމަށް މިއަދުގެ އީދު ހުތުބާގައި ބުނެފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ކޮންމެ ބަޔަކު ވެސް އެބަޔަކަށް މާތްﷲ ހަވާލުކުރައްވާފައިވާ މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާކުރާ ނަމަ، މި ދުނިޔެއިން ހުރިހާ ފަސާދައެއް ނެތިގެންދާނެ ކަމަށް މިއަދުގެ އީދު ހުތުބާގައި ބުނެފި އެވެ.

ހުތުބާގައި ބުނީ ގައުމަކަށް ލިބޭނެ އެންމެ ބޮޑު ނިއުމަތަކީ އެ ގައުމެއްގެ މީހުންނަކީ ﷲ އަށް އެއްކައުވަންތަކޮށް އާހިރަތް ދުވަހަށް އީމާންވާ ބަޔަކަށް ވުން ކަމަށެވެ. އަދި ﷲ އަށް ބިރުވެތިވެ، އެކަލާނގެއަށް ޖަވާބުދާރީވާންޖެހޭ ދުވަހެއް އަންނާނެކަމަށް ގަބޫލުކުރާ ބައެއްގެ މެދުގައި ފަސާދަތައް މަދުވާނެ ކަމަށް ހުތުބާގައި ބުންޏެވެެ.

އަމަންއަމާންކަމާއި ދޭދޭ ފަރުދުންގެ ގުޅުންތައް ވަރުގަދަކޮށް، އެއްބައިވަންތަ ބަޔަކަށް ވުމާއި ހިޔާލުތަފާތުވުންތަކުގައި އެކަކު އަނެކަކަށް އިހުތިރާމުކޮށް އަމިއްލަ މަސްލަހަތުގެ ބަދަލުގައި ދީނާއި ވަތަނުގެ މަސްލަހަތު އިސްކުރާ ބަޔަކަށް ވުމަކީ ގައުމަކަށް ލިބޭނެ އެންމެ ބޮޑު އެއް ނިއުމަތް ކަމަށް ވެސް ހުތުބާގައި ބުންޏެވެ.

އެހެންވެ، އީދު ފަދަ މަތިވެރި ދުވަހެއް ފާހަގަކުރާއިރު މި ވަތަން އިސްލާމްކަން މަތީ ދެމެހެއްޓުމަށް އަޒުމު ކަނޑައެޅުމަށާއި ދޭދޭ ގުޅުންތައް ވަރުގަދަކުރުމަށް އަޒުމު ކަނޑައެޅުމަށް ގޮވާލި އެވެ.

ބޮޑު ޖަމާއަތުގައި އީދު ނަމާދަށް ފަހު ރައީސް ޑރ. މުހައްމަދު މުއިއްޒު މީހުންނާ ސަލާމްކުރައްވަނީ. -- ފޮޓޯ: މިހާރު

ބޮޑު ޖަމާއަތުގައި އީދު ނަމާދަށް ފަހު ރައީސް ޑރ. މުހައްމަދު މުއިއްޒު މީހުންނާ ސަލާމްކުރައްވަނީ. -- ފޮޓޯ: މިހާރު

ހައްޖުގެ މަތިވެރި އަޅުކަމުގައި އިއްޔެ އަރަފާތު ބިމުގައި ފެނުނު މަންޒަރަށް އިޝާރާތްކޮށް ހުތުބާގައި ބުނީ އެތައް މިލިއަން މުސްލިމުންނެއް އެއް ފޭރާމެއްގައި އެއް ބިމަކަށް އެއްވިއިރު އިއްޒަތްތެރިއެއް ނިކަމެއްޗެއް، ފަގީރެއް މުއްސަނޖެއް، ވެރިއެއް އަދި ރައްޔިތެއްގެ މެދުގައި ތަފާތެއް ނެތް ކަމަށެވެ. އިސްލާމްދީނުގައި މީސްތަކުން މެދުގައި ކަނޑައަޅުއްވާފައިވާ ހަމަހަމަކަމާއި އެކަކު އަނެކަކުގެ މައްޗަށް ކިބުރުވެރިނުވެ، ތަވާޟުޢުވެރިވުމުގެ މުހިއްމުކަން މިކަމުން އަންގައިދޭ ކަމަށް ހުތުބާގައި ބުންޏެވެ.

މާލޭގައި ކުރި އީދު ނަމާުދުގައި ބައިވެރިވި ބައެއް މީހުން ޚުތުބާ އަޑު އަހަނީ. -- ފޮޓޯ: މިހާރު

މާލޭގައި ކުރި އީދު ނަމާުދުގައި ބައިވެރިވި ބައެއް މީހުން ޚުތުބާ އަޑު އަހަނީ. -- ފޮޓޯ: މިހާރު

އީދު ހުތުބާގައި ވަނީ އީދުގެ އުފާ ފާޅުކުރާއިރު އިސްލާމްދީނުގެ އުސޫލުތަކަށް ތަބާވުމަށާއި ދީނުގައި ހަރާމް ކުރައްވާފައިވާ ކަންކަން ނުކުރުމަށާއި އުފާފާޅުކުރާއިރު އެހެން ދީންތަކުގެ ގޮތްތައް ކޮޕީކުރުން ދޫކޮށްލުމަށް ވެސް ނަސޭހަތެރިވެފަ އެވެ.

ހުތުބާގައި ބުނި ގޮތުގައި، އިސްލާމްދީނަކީ އިއްޒަތްތެރިކަން ލިބިގެންވާ ދީނެއް ނަމަވެސް މިއަދު ވަރަށް ބޮޑަށް ނިކަމެތިވެފައިވާ ކަމަށެވެ. އެކަން އެންމެ ބޮޑަށް ދޭހަކޮށްދެނީ ފަލަސްތީނުގެ ރަފާހަ އާއި ގާޒާ އާއި އެހެން ބިންތަކަށް ޞަހުޔޫނީން ވެރިވެފައި ވިޔަސް މި ބޮޑު އުންމަތަށް އެމީހުން ހިމާޔަތްކުރަން ނުކުޅެދިފައިވުން ކަމަށެވެ. އެހެންވެ، ހިތުބާގައި ވަނީ މިފަދަ މަތިވެރި ދުވަހެއްގައި އުއްމަތް ބިނާކުރުމަށް އަޒުމު ކަނޑައެޅުމަށް ވެސް ގޮވައިލި އެވެ.