Roadha Mihaaru
ކުށްކުރުން އިތުރުވުން ކުރީގެ ސަރުކާރާ ގުޅުވާތީ ނުރުހުން

ކުށްކުރުން އިތުރުވުން ކުރީގެ ސަރުކާރާ ގުޅުވުމުން އެމްޑީޕީގެ ނުރުހުން

20 ޖޫން 2024

ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދިމާކޮށް ނުރައްކާތެރި ކުށްވެރިންތަކެއް ދޫކޮށްލާފައިވާ ކަމަށާއި އެ މީހުންގެ ލިސްޓް އާންމު ކުރުމަށް ސަރުކާރަށް ގޮވާލާ ކަމަށް އެމްޑީޕީ އިން މިއަދު ބުނެފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދިމާކޮށް ނުރައްކާތެރި ކުށްވެރިންތަކެއް ދޫކޮށްލާފައިވާ ކަމަށާއި އެ މީހުންގެ ލިސްޓް އާންމު ކުރުމަށް ސަރުކާރަށް ގޮވާލާ ކަމަށް އެމްޑީޕީ އިން މިއަދު ބުނެފި އެވެ.

މި ދުވަސްވަރު މާލޭގައި ކުށްތައް އިތުރުވެފައިވާނީ މިދިޔަ ސަރުކާރުން އިންތިހާބާ ދިމާކޮށް ގިނަ އަދަދެއްގެ ކުށްވެރިންތަކެއް ދޫކޮށްލާފައިވާތީ ކަމަށް ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން އިއްޔެ ވަނީ ވިދާޅުވެފަ އެވެ. އެކަމާ ގުޅިގެން އެމްޑީޕީ އިން މިއަދު ނެރުނު ބަޔާނުގައި ޝިފާންގެ އެ ވާހަކަ ވަނީ ކުށްވެރިކޮށްފަ އެވެ.

"ކުށްކުރުން އިތުރުވެފައިވަނީ މީގެ 10 މަސް ކުރިން ބަންދުން ދޫކޮށްލި ބައެއްގެ ސަބަބުން ކަމަށް ފުލުހުންގެ ތަރުޖަމާނު ވިދާޅުވެފައިވަނީ އެކަމަށް ބާރުދޭނެ އެއްވެސް ހެއްކެއް، ތަފާސްހިސާބެއް، ދިރާސާއެއް ނުވަތަ ލިޔެކިޔުމެއް ނެތި ސިޔާސީ މަންފާއެއް ހާސިލު ކުރުމުގެ ބޭނުމުގައި ކަމަށް މި ޕާޓީން ދެކެން،" އެމްޑީޕީން ބުންޏެވެ.

"ގައުމުގެ އަމަން އަމާންކަން ބެލެހެއްޓުމާއި ކުށްކުރުން ހުއްޓުވުމުގެ ގާނޫނީ މަސްއޫލިއްޔަތު މަތިކޮށްފައި އޮތް ފުލުހުންގެ ފަރާތުން މިފަދަ ވާހަކައެއް ދެއްކުމަކީ ޒިންމާދާރުކަން ކުޑަ ކަމެއްގެ ގޮތުގައި މި ޕާޓީން ދެކެން."

އެމްޑީޕީގެ ބަޔާނުގައި ބުނީ:

- އެމްޑީޕީގެ ސަރުކާރުގައި، ހުކުމް ތަންފީޒު ކުރަމުންދިޔަ މީހަކު މިނިވަން ކުރުމުގައި އަމަލުކޮށްފައިވާނީ އެކަމަށް ހާއްސަ ގާނޫނު ކަމުގައިވާ، މާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގައި ކަނޑައަޅައިފައިވާ އުސޫލުތަކާއި އިޖުރާއަތުތަކަށް ކަމަށް.

- އެކިއެކި ކުށްކުށުގައި ޖަލުގައި ބަންދުކޮށްފައި ތިބޭ މީހުންގެ ތެރެއިން، ޖަލުގެ އަހްލާގު ރަނގަޅު މީހުނާއި، ރީހެބިލިޓޭޓްކުރުމާއި މަސައްކަތް ދަސްކޮށްދިނުމަށް ޖަލުގައި ހިންގޭ އެކިއެކި ޕްރޮގްރާމްތައް ފުރިހަމަކުރާ ފަރާތްތަކުގެ ތެރެއިން، މުޖުތަމައުއަށް އަނބުރާ ގެނެސް، އަލުން ދިރިއުޅުން ބިނާކުރުމަށް އިތުރު ފުރުސަތެއް ދެވިދާނެފަދަ މީހުން ފާހަގަކޮށް، ގާނޫނުގައި ބަޔާންކުރާ ހަމަތަކުގެ މަތީން އެމީހުން މިނިވަންކޮށްފައިވާނެ.

- އެ މީހުން މިނިވަންކޮށްފައިވާނީ، މިނިވަންކުރާ ދުވަހުން ފެށިގެން 1 އަހަރުގެ ތެރޭގައި އިތުރު ޖިނާއީ ކުށެއް ނުކުރުމަށް ޝަރުތުކޮށް، އެ މުއްދަތުގައި ޖިނާއީ ކުށެއް ކޮށްފިނަމަ، އިތުރު ހުކުމެއް ކުރުމަކާ ނުލައި އެ މީހަކު އަލުން އަނބުރާ ޖަލަށް ގެންގޮސް، މާފުކުރެވުނު ހުކުމުގެ ބާކީ ބައި ތަންފީޒުކުރަން ފަށަންޖެހޭ ގޮތަށް ކަނޑައަޅައިފައިވާނެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން މިނިވަންކޮށްފައިވާ މީހަކު ޖިނާއީ ކުށެއް ކޮށްފިނަމަ، އިތުރު ހުކުމެއް ކުރުމަކާ ނުލައި އެމީހަކު އަލުން އަނބުރާ ޖަލަށް ލުމުގެ ގާނޫނީ ފުރުސަތު އޮތް އޮންނާނެ ކަމަށާއި މި ދުވަސްވަރު ކުށްކުރަމުންދާ މީހުންނާ މެދު އެއްވެސް ފިޔަވަޅެއް ނޭޅި އަދި ބަންދު ނުކުރެވުމުން އެނގެނީ، އެ މީހުންނަކީ ނިމިގެން ދިޔަ އެމްޑީޕީގެ ސަރުކާރުން މިނިވަންކޮށްފައިވާ މީހުން ނޫންކަން ކަމަށް އެމްޑީޕީ އިން ބުންޏެވެ.

އިދިކޮޅު މައި ޕާޓީ އެމްޑީޕީ އިން ވަނީ މި ސަރުކާރު ވެރިކަމާ ހަވާލުވުމަށް ފަހު، ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދިމާކޮށް ނުރައްކާތެރި ކުށްވެރިންތަކެއް މިނިވަން ކޮށްފައިވާ ކަމަށް ތުހުމަތު ވެސް ކޮށްފަ އެވެ. އަދި އެ ކުށްވެރިން ދޫކޮށްފައިވަނީ ފުރިހަމަ ކުރަން ޖެހޭ އިޖުރާއަތްތައް ފުރިހަމަ ނުކޮށް ކަމުގެ ތުހުމަތު އޮތް ކަމަށް ވެސް ޕާޓީން ބުންޏެވެ.

ދޫކޮށްލި މީހުންގެ ލިސްޓު އާންމު ކުރުމަށް ސަރުކާރަށް ގޮވާލާ ކަމަށް އެމްޑީޕީ އިން ބަޔާނުގައި ބުންޏެވެ،

"ކުށް ކުރުން ހުއްޓުވޭނީ ފުރިހަމައަށް ގާނޫނު ތަންފީޒްކުރުމާ އެކު، ސަރުކާރުން ގާނޫނީ ޒިންމާ އަދާކޮށްގެން ކަމަށް ވާއިރު، ކުށްކުރުން ހުއްޓުވުމުގެ ގާނޫނީ ޒިންމާއިން ބަރީއަވުމުގެ ބަދަލުގައި އެ ޒިންމާ އަދާކޮށް، މުޖުތަމައުގެ އަމާންކަމާއި ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ސަރުކާރަށް ގޮވައިލަން،" އެމްޑީޕީ އިން ބުންޏެވެ.

ވަގުންގެ ބޮޑު ނެޓްވޯކެއް އޮތް ކަމަށް ބުނެ ނޫހެއްގައި ޝާއިއުކުރި ރިޕޯޓެއް އެކްސްގައި ރީޕޯސްޓް ކުރައްވާ ފުލުހުން ތަރުޖަމާން އަދި އެސިސްޓެންޓް ކޮމިޝަނާ އޮފް ފޮލިސް އަހްމަދު ޝިފާން އިއްޔެ ވިދާޅުވެފައިވަނީ މާލޭގައި ކުށްކުރުން އިތުރުވެފައިވާ ވާހަކަ އަކީ ހަމަ ހަގީގަތެއް ކަމަށާއި ކުށްކުރުން އިތުރުވި މައިގަނޑު އެއް ސަބަބަކީ މީގެ 10 ވަރަކަށް މަސްދުވަސް ކުރިން 434 ކުށްވެރިން މުޖުތަމައު އަށް ދޫކޮށްލާފައިވުން ކަމަށެވެ.

އެ ކުށްވެރިން ދޫކޮށްލީ އެ މީހުން މޮނިޓާކުރެވޭނެ ހަރުދަނާ ނިޒާމެއް ނެތި ކަމަަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި ތިބީ ވަރަށް ބޮޑު ދަތިކަމެއްގެ ތެރޭގައި،" ޝިފާން ވިދާޅުވި އެވެ.

ފުލުހުންގެ އިންފްރާސްޓްރަކްޗާ ތަރައްގީކޮށް ވަރުގަދަކުރުމަށްޓަކައި މިދިޔަ އަހަރުތަކުގެ ތެރޭގައި ޕްލޭން ކުރެވިގެން މަސައްކަތްތަކެއް ކޮށްފައި ނުވާތީ، މި މައްސަލަ ހައްލުކުރަން އިތުރަށް ދަތިވެފައިވާ ކަމަށް ވެސް ޝިފާން ވިދާޅުވި އެވެ.