Roadha Mihaaru

އަންނައުނު ބާލުވައިގެން ކޮންމެ މީހެއްގެ ފޮޓޯއެއް ނުނަގާނެ: ޕޮލިސް

ޖިންސީ ގުނަވަން ފިޔަވައި ހަށިގަނޑުގެ ފޮޓޯ ނަގަން ކޯޓު އަމުރުގައި ލިޔަނީ ޖިންސީ ގުނަވަނުގެ ފޮޓޯ ނުނެގޭނެކަން ސާފުކޮށް ބުނެދޭން ކަމަށާއި އެގޮތަށް އަމުރު ދިން ނަމަވެސް ފޮޓޯ ނަގަނީ އެ މައްސަލައެއްގައި ބޭނުންވާ މިންވަރަށް ކަމަށް ފުލުހުން ބުނެފި އެވެ.

އަންނައުނު ބާލުވައިގެން ކޮންމެ މީހެއްގެ ފޮޓޯއެއް ނުނަގާ
ނާޒިމް ހަސަން
ނާޒިމް ހަސަން

21 އެޕްރީލް 2025

ޖިންސީ ގުނަވަން ފިޔަވައި ހަށިގަނޑުގެ ފޮޓޯ ނަގަން ކޯޓު އަމުރުގައި ލިޔަނީ ޖިންސީ ގުނަވަނުގެ ފޮޓޯ ނުނެގޭނެކަން ސާފުކޮށް ބުނެދޭން ކަމަށާއި އެގޮތަށް އަމުރު ދިން ނަމަވެސް ފޮޓޯ ނަގަނީ އެ މައްސަލައެއްގައި ބޭނުންވާ މިންވަރަށް ކަމަށް ފުލުހުން ބުނެފި އެވެ.

އިދިކޮޅު އެމްޑީޕީގެ ގައުމީ މަޖިލިހުގެ މެންބަރު އަހުމަދު ސަލީމް (މާޒް ސަލީމް) އާއި އެ ޕާޓީގެ އެކްޓިވިސްޓެއް ކަމަށްވާ މަރިޔަމް ޒުބައިރު (މަންދީ) ގެ ޖިންސީ ގުނަވަން ފިޔަވައި ހަށިގަނޑުގެ އެހެން ހުރިހާ ތަނެއްގެ ފޮޓޯ ނަގަން ކްރިމިނަލް ކޯޓުން އަމުރެއް ނެރުމުން އަމާޒުވެފައިވާ ފާޑުކިޔުންތަކާ ގުޅިގެން ނެރުނު ބަޔާނުގައި ފުލުހުން ބުނީ ފޮޓޯ އާއި ސާމަޕް ނަގާނީ އެ މައްސަލައެއްގެ ތަހުގީގަށް ކޮންމެހެން ބޭނުންވާ މިންވަރަށް ކަމަށެވެ.

އެ ދެ މީހުންނަށް ފުލުހުން ފޮނުވި ޗިޓުގައި ބުނެފައިވަނީ ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން، އެ ދެ މީހުންގެ ޖިންސީ ގުނަވަން ފިޔަވައި ހަށިގަނޑުގެ ބޭރުފުށުގެ ފޮޓޯ ނެގުމަށާއި އަޑުގެ ސާމްޕަލް ނެގުމަށެވެ.

އެކަން ސާފުކޮށްދޭން ފުލުހުން ނެރުނު ބަޔާނުގައި ފުލުހުން ބުނީ ޖިނާއީ ތަހުގީގަކަށް ފޮޓޯ ނަގަން ބޭނުންވާ ނަމަ، ނުވަތަ މީހެއްގެ އަޑުގެ ސާމްޕަލެއް ބޭނުންވާ ނަމަ އެކަން ކުރެވޭނީ އޭނާގެ ރުހުން އޮވެގެން ކަމަށާއި އެ މީހެއްގެ ރުހުން ނުދޭ ކަމަށްވާ ނަމަ، އެކަން ކުރެވޭނީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.

"ހަށިގަނޑުގެ ތެރެއިން ނެގޭ ސާމްޕަލްގެ ތެރޭގައި ޖިންސީ ގުނަވަނުގެ ފޮޓޯ ނެގުމާއި ސާމްޕަލް ނެގުން ހިމެނޭތީ ހަށިގަނޑުގެ ބޭރު ފޮޓޯ އާއި އަޑުގެ ސާމްޕަލް ނެގުމަށް ކޯޓުން އަމުރު ނެރޭ ހާލަތުގައި ޖިންސީ ގުނަވަން ފިޔަވައި ހަށިގަނޑުގެ އެހެން ތަންތަނުގެ ފޮޓޯ ނެގޭނެ ކަމަށް އަމުރުގައި ބަޔާން ކުރަނީ ޖިންސީ ގުނަވަނުގެ ފޮޓޯ ނުނެގޭނެ ކަން ސާފުކޮށްދިނުމަށެވެ." ބަޔާނުގައިވެ އެވެ.

އެ ބަޔާނަށް ފަހު އިތުރަށް ސާފުކޮށްދިނުމުގެ ގޮތުން ފުލުހުން ފަހުން ފޮނުވި މެސެޖުގައި ބުނީ "ހަށިގަނޑުގެ ބޭރުފުށުގެ ފޮޓޯ ނެގުމަށް ގާނޫނީ ގޮތުން ކޯޓުން އަމުރު ދިން ނަމަވެސް، މިފަދަ ކޮންމެ އަމުރަކާ ގުޅިގެން، ތުހުމަތުވާ މީހާގެ އަންނައުނު ބާލުވައިގެން ފޮޓޯ ނެގުމަކީ ކުރާ ކަމެއް ނޫން" ކަމަށެވެ. އަދި ފުލުހުން ތަހުގީގުގެ ބޭނުމަށް ފޮޓޯ އާއި ސާމަޕް ނަގާނީ އެ މައްސަލައެއްގެ ތަހުގީގަށް ކޮންމެހެން ބޭނުންވާ މިންވަރަށް ކަމަށެވެ.

ފުލުހުން ބުނީ އާންމުކޮށް ފޮޓޯ ނަގަނީ ހެކީގެ ގޮތުގައި ފުޓޭޖަކުން ނުވަތަ ވީޑިއޯ ފުޓޭޖަކުން ފެންނަ މީހަކީ ވަކި މީހެއްތޯ ބަލަން ކޮމްޕެރިޝަން ހަދަން ނުވަތަ އަޑަކީ ވަކި މީހެއްގެ އަޑެއްކަން ދެނެގަތުމަށް ކަމަށެވެ.

ފުލުހުން ކޯޓުގައި އެފަދަ އަމުރަކަށް އެދުނީ މަންދީ އާއި މާޒް ސަލީމް އެއްވުމުގައި ދެއްކި ކަމަށް ބުނާ ވާހަކަތަކުގެ ވީޑިއޯ ފުލުހުންނަށް ލިބިފައިވާތީ، އެ ވީޑިއޯ އިން ފެންނަނީ އެ ދެ މީހުންކަން ދެނެގަތުމަށް ކަމަށް ބުނެފައި ވެ އެވެ. އަދި މިއީ ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހުން ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ހިންގާ ތަހުގީގެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.

ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލުކުރަންޖެހޭ ގަވާއިދުގައި، ޖިންސީ ގުނަވަނުގެ ފޮޓޯ ނެގުމުގައި އަމަލު ކުރަންޖެހޭ ވަކި ހާއްސަ އުސޫލުތަކެއް އޮވެ އެވެ.

އެމްޑީޕީގެ އެއްވުމެއްގައި ދެއްކި ވާހަކަތަކާ ގުޅިގެން މަންދީ އާއި މާޒް ސަލީމްގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގާއިރު، ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ވަނީ މަންދީއާ ދެކޮޅަށް ސިވިލް ކޯޓުގައި އަބުރުގެ ދައުވާކޮށް، ފެމެލީ ކޯޓުގައި ވެސް މަންދީގެ މައްޗަށް ދައުވާކޮށްފަ އެވެ. މަންދީ އާއި މާޒް ސަލީމް އެއްވުމުގައި ވާހަކަ ދައްކާފައިވަނީ ރާއްޖޭގައި ވޭޕް މަނާކުރަން ޖެހުނީ ރައީސްގެ ދަރިކަލުން ވޭޕްކުރަން ފެށުމުން ކަމަށް ދޭހަވާ ގޮތަށެވެ. އެކަމަކު، އެ ތުހުމަތުތައް ރައީސް މުއިއްޒުގެ އާއިލާ އިން ވަނީ ދޮގުކޮށްފަ އެވެ. އަދި އެއީ ދުވަހަކު ވެސް ވޭޕް ބޭނުންކުރި ކުއްޖެއް ނޫން ކަަމަށް އާއިލާ އިން ވަނީ ބުނެފަ އެވެ.