Roadha Mihaaru
ކަނޑު ބަލަހައްޓަން ލަންކާގައި ވަރުގަދަ މަރުކަޒެއް

ރާއްޖޭގެ ކަނޑުތަކާ އެކު މުޅި ސަރަހައްދު ބެލެހެއްޓޭ މަރުކަޒެއް އިންޑިއާގެ އެހީގައި ލަންކާގައި ހަދައިފި

24 ޖޫން 2024

ސްރީ ލަންކާގެ ކަނޑުގެ ސަރަހައްދު ބަލަހައްޓާ މަރުކަޒު، ރާއްޖެ އާއި އިންޑިއާގެ އިތުރުން އިންޑޮނީޝިއާ އާއި އޮސްޓްރޭލިއާ ސަރަހައްދު ވެސް ބެލެހެއްޓޭ ފެންވަރަށް އިންޑިއާގެ އެހީގައި ތަރައްގީކޮށް ހުޅުވައިފި އެވެ.

ސްރީ ލަންކާގެ ކަނޑުގެ ސަރަހައްދު ބަލަހައްޓާ މަރުކަޒު، ރާއްޖެ އާއި އިންޑިއާގެ އިތުރުން އިންޑޮނީޝިއާ އާއި އޮސްޓްރޭލިއާ ސަރަހައްދު ވެސް ބެލެހެއްޓޭ ފެންވަރަށް އިންޑިއާގެ އެހީގައި ތަރައްގީކޮށް ހުޅުވައިފި އެވެ.

ކަނޑުދަތުރުފަތުގެ ފުރިހަމަ މައުލޫމާތު އިންޑިއާ ކަނޑުގެ ބޮޑު ސަރަހައްދަކުން ލިބޭ ގޮތަށް ހެދި މެރިޓައިމް ކޯޑިނޭޝަން ސެންޓަރު ބުރާސްފަތި ދުވަހު ހުޅުވީ އިންޑިއާ އިން ދިން ހަ މިލިއަން ޑޮލަރުގެ އެހީގައި ތަރައްގީކުރުމަށް ފަހު ކަމަށް ލަންކާގެ ރައީސް އޮފީހުން ނެރުނު ބަޔާނުގައި ބުންޏެވެ.

މި ސެންޓަރުގެ މައި މަރުކަޒު ހުންނަނީ ވެރިރަށް ކޮލަމްބޯގައި ކަމަށް ވިޔަސް ލަންކާގެ އިރުމަތީ އައްސޭރީގެ ހަތް ސަރަހައްދެއްގައި ކުދި ސްޓޭޝަންތައް ވެސް ވަނީ ހަދައިފަ އެވެ. މީގެ ތެރެއިން އެއް ސްޓޭޝަން ހުންނަނީ ލަންކާގައި ޗައިނާއިން ހިންގާ ހަމްބަންޓޯޓާ ބަނދަރާ ކައިރީގައި، ލަންކާގެ ދެކުނު ބިތުގަ އެވެ. މިއީ އިންޑިއާ ކަނޑުން އިރުން ހުޅަނގަށް ދަތުރުކުރާ އުޅަނދުތައް ބެލެހެއްޓުމަށް ހާއްސަ ސްޓޭޝަނެކެވެ.

ލަންކާގައި މި ގާއިމުކުރި މެރިޓައިމް ރެސްކިއު ރީޖަން އިން 1.77 މިލިއަން އަކަ ކިލޯމީޓަރު (683،400 އަކަ މޭލު) ގެ ސަރަހައްދެއް ބެލެހެއްޓެ އެވެ. އެހެންވެ މި ސަރަހައްދުގެ ތެރޭގައި އިންޑިއާ، އިންޑޮނީޝިއާ، އޮސްޓްރޭލިއާ އަދި ދިވެހިރާއްޖެ ވެސް ހިމެނެ އެވެ.

މި ފެސިލިޓީ ހުޅުއްވައިދެއްވީ އިންޑިއާގެ ބޮޑުވަޒީރު ކަމުގެ މަގާމާ ތިން ވަނަ ދައުރަކަށް ނަރެންދުރަ މޯދީ ހަވާލުވެ ވަޑައިގަތުމަށް ފަހު އެކުލަވާލި ކެބިނެޓުގައި ވެސް ފޮރިން މިނިސްޓަރުކަން ދެއްވި ޖައިޝަންކަރު އަލުން މަގާމާ ހަވާލުވެ ވަޑައިގަތުމަށް ފަހު ގައުމުން ބޭރަށް ކުރެއްވި ފުރަތަމަ ދަތުރުގަ އެވެ.

ޖައިޝަންކަރުގެ ދަތުރުގައި ވަނީ ލަންކާގައި އިންޑިއާގެ ކުންފުނިތަކުން ހިންގާ އިންފްރާސްޓްރަކްޗާ މަޝްރޫއުތަކާ ބެހޭ ގޮތުން ވެސް މަޝްވަރާކުރައްވައިފަ އެވެ.