Roadha Mihaaru
ރާއްޖެ، ލަންކާ، އިންޑިއާ ސެކިއުރިޓީ ޑައިލޮގް ފަށަނީ

ރާއްޖެ، އިންޑިއާ އަދި ލަންކާ އިން މެރިޓައިމް ސެކިއުރިޓީ ޑައިލޮގް އަލުން ފަށަނީ

27 ނޮވެމްބަރ 2020

ރާއްޖެ އާއި އިންޑިއާ އަދި ސްރީ ލަންކާއިން ބާއްވަމުން އައި މެރިޓަރިމް ސެކިއުރިޓީ ޑައިލޮގް މިއަދު އަލުން ފަށާނެ ކަމަށް އެ ދެގައުމުގެ ނޫސްތަކުން މިއަދު ބުނެފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ރާއްޖެ އާއި އިންޑިއާ އަދި ސްރީ ލަންކާއިން ބާއްވަމުން އައި މެރިޓަރިމް ސެކިއުރިޓީ ޑައިލޮގް މިއަދު އަލުން ފަށާނެ ކަމަށް އެ ދެގައުމުގެ ނޫސްތަކުން މިއަދު ބުނެފި އެވެ.

ކަނޑުމަތީގެ ސަލާމަތީ ކަންކަމާ ބެހޭ ގޮތުން ތިން ގައުމުން ކޮންމެ އަހަރަކު ބާއްވަމުން އައި ބައްދަލުވުންތައް މިއަދު އަލުން ފަށަނީ އެ މަޝްވަރާތައް މެދުކަނޑާލާފައި އޮންނަތާ އަހަރުތަކެއް ފަހުންނެވެ. މިފަހަރުގެ ބައްދަލުވުން ބާއްްވާނީ ސްރީ ލަންކާގެ ވެރިރަށް ކޮލަަމްބޯގަ އެވެ. ތިން ގައުމުގެ މަޝްވަރާތައް އެންމެ ފަހުން ބޭއްވީ ކުރީގެ ރައީސްް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި 2014 ވަނަ އަހަރު އެވެ. އޭގެ ފަހުން ރާއްޖެ އާއި އިންޑިއާގެ ގުޅުން ގޯސްވެ ބަައްދަލުވުންތައް މެދުކެނޑުނީ އެވެ.

ޓްރައިލެޓްރަލް މެރިޓައިމް ސެކިއުރިޓީ ޑައިލޮގްގައި މަޝްވަރާކުރާނީ އިންޑިއާ ކަނޑުގެ ސަލާމަަތާއި ރައްކާތެެރިކަމަށް އެކި ގައުމުތަކުން ކުރާނެ މަސައްކަތްތަކާއި ތިން ގައުމު ގުޅިގެން ކުރާނެ މަސައްކަތްތަކާ ބެހޭ ގޮތުންނެވެ.

ޓައިމްސް އޮފް އިންްޑިއާ ނޫހުން ބުނީ މެރިޓައިމް ސެކިއުރިޓީ ޑައިލޮގްގައި އެ ގައުުމުގެ ފަރާތުން ބައިވެރިވެވަޑައިގަންނަވާނީ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރު އަޖިތު ދޮވާލް ކަމަށާއި އޭނާ މިއަދުގެ ވަގުތެއްގައި ލަންކާ އަށް ވަޑައިގަަންނަވާނެ ކަމަށެވެ.

ނޫސްތަކުން ބުނި ގޮތުގައި މިފަހަރުގެ ބައްދަލުވުން ބާއްވަން އިސްނެގީ ލަންކާއިންނެވެ. އަޖިތު ދޮވާލް އާއި ރާއްްޖޭގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އެ ގައުމަށް ވަަޑައިގަންނަވަން ދައުވަތު ދެއްވީ ލަންކާގެ މިނިސްޓްރީ އޮފް ޑިފެންސްގެ ސެކްރެޓަރީ މޭޖާ ޖެނެރަލް ރިޓަޔާޑް ކަމަލް ގުނަރަތުނަ އެވެ.

މިފަހަރުގެ މަޝްވަރާތަކުގައި އޮބްޒާވަރުންގެ ގޮތުގައި މިސަރަހައްދުގެ ބައެއް އެހެން ގައުމުތަކުން ވެސް ބައިވެރިވެ އެވެ. އެއީ ބަންގްލަދޭޝް، ސޭޝެލްސް އަދި މޮރިޝަސް އެވެ.