Roadha Mihaaru
އޭއައިގެ މައްސަލާގައި މިއުޒިކް ލޭބަލްތަކުން ދައުވާކުރަނީ

އޭއައިގެ މައްސަލާގައި މިއުޒިކް ލޭބަލްތަކުން ކޮޕީރައިޓްގެ ދައުވާކުރަނީ

26 ޖޫން 2024

ދުނިޔޭގެ އެންމެ ބޮޑު ރެކޯޑް ލޭބަލްތަކުން އާޓިފިޝަލް އިންޓެލިޖެންސް (އޭއައި)ގެ ދެ ކުންފުންޏެއްގެ މައްޗަށް ކޮޕީރައިޓްގެ ދައުވާކޮށްފި އެވެ.

ހަފީޒާ އަހުމަދު ހަފީޒާ އަހުމަދު

ދުނިޔޭގެ އެންމެ ބޮޑު ރެކޯޑް ލޭބަލްތަކުން އާޓިފިޝަލް އިންޓެލިޖެންސް (އޭއައި)ގެ ދެ ކުންފުންޏެއްގެ މައްޗަށް ކޮޕީރައިޓްގެ ދައުވާކޮށްފި އެވެ.

ސޮނީ މިއުޒިކާއި ޔުނިވާސަލް މިއުޒިކް ގްރޫޕް އަދި ވޯނާ ރެކޯޑްސް ކަހަލަ ބޮޑެތި ކުންފުނިތަކުން ބުނި ގޮތުގައި އޭއައި ޕްލެޓްފޯމްތައް ކަމަށްވާ "ސުނޯ" އާއި "އުޑިއޯ" އިން ކޮޕީރައިޓްސްއާ ވަރަށް ބޮޑަށް ހިލާފުވެފައިވާ ކަމަށެވެ.

"ސުނޯ" އާއި "އުޑިއޯ" އަކީ އޭއައި ބޭނުންކޮށްގެން މިއުޒިކް އުފައްދާ ޕްލެޓްފޯމުތަކެކެވެ.

ރެކޯޑް ލޭބަލްތަކުން ތުހުމަތުކުރި ގޮތުގައި، "ސުނޯ" އާއި "އުޑިއޯ" އިން ދަނީ އެ ލޭބަލްތަކުގެ މިއުޒިކް ކޮޕީކޮށްގެން އަމިއްލަ މިއުޒިކް އުފައްދައި އޭގެ އަގުގެ ގޮތުގައި މީހުންގެ އަތުން 150،000 ޑޮލަރަށް ވުރެ ބޮޑު އަދަދެއް ނަގަމުންނެވެ.

މި މައްސަލާގައި "ސުނޯ" އިން އަދި އެއްވެސް އެއްޗެއް ނުބުނެ އެވެ. އެކަމަކު "އުޑިއޯ"ގެ ބްލޮގް ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި "ކޮންޓެންޓް ރީޕްރޮޑިއުސްކުރުމުގެ" އެއްވެސް ޝައުގުވެރިކަމެއް އެ ކުންފުނީގެ ނެތެވެ.

އެމެރިކާގެ ރެކޯޑިން އިންޑަސްޓްރީ އެސޯސިއޭޝަން އިން ކުރި ދައުވާގައި ބުނީ މިއީ ބުރަ މަސައްކަތުން އަމިއްލަ ކޮންޓެންޓު އުފައްދާ ހުރިހާ ފަންނުވެރިންގެ ހައްގުގައި ކުރާ ދައުވާ ކަމަށެވެ. އޭއައި ބޭނުންކޮށްގެން ހުނަރުވެރިންގެ މަސައްކަތުގެ އަގު ވައްޓާލަމުން އަންނަ ކަމަށާއި މިއީ ފަންނުވެރިންގެ މަސައްކަތްތަކަށް އޮތް ބޮޑު ބިރެއް ކަމަށް ވެސް އެ ދައުވާގައި ބުންޏެވެ.

ސުނޯ އިން ކުރިން ބުނެފައިވާ ގޮތުގައި، އެ ކުންފުނީގެ ޓޫލް ބޭނުންކޮށްގެން މިދިޔަ އަހަރު 10 މިލިއަނަށް ވުރެ ގިނަ މީހުން މިއުޒިކް އުފައްދަން މަސައްކަތްކޮށްފައިވެ އެވެ. މައިކްރޮސޮފްޓާ އެކު ޕާޓްނަޝިޕް ހަދާފައިވާ އެ ކުންފުނިން ކޮންމެ މަހަކަށް ސަބްސްކްރިޕްޝަން ފީއެއް ނަގާއިރު، އިންވެސްޓަރުންގެ އަތުން 125 މިލިއަން ޑޮލަރު ލިބިފައިވާ ކަމަށް ދާދި ފަހުން އެ ކުންފުނިން ވަނީ އިއުލާންކޮށްފަ އެވެ.

އުޑިއޯ އަކީ ވެސް ވަރުގަދަ އިންވެސްޓަރުން ތިބި ކުންފުންޏެކެވެ. އޭގެ ތެރޭގައި ބޮޑެތި ވިޔަފާރިވެރިން ހިމެނެ އެވެ.

ރެކޯޑިން އިންޑަސްޓްރީ އެސޯސިއޭޝަން ބުނި ގޮތުގައި، އޭއައިގެ ސަބަބުން މުޅި މިއުޒިކް އިންޑަސްޓްރީ އަށް ބޮޑު ނުރައްކަލެއް ވަނީ ކުރިމަތިވެފަ އެވެ.

މި ދައުވާ އުފުލާފައި ވަނީ މިއުޒިކް އިންޑަސްޓްރީގައި އޭއައި ބޭނުންކުރުން ހުއްޓާލަން ގޮވާލާ އަޑުތައް ގަދަވެފައި ވަނިކޮށެވެ. އަދި މި ދައުވާ މި ކުރީ ބިލީ އައިލިޝް އާއި ނިކީ މިނާޖް ކަހަލަ އެމެރިކާގެ މަޝްހޫރު މިއުޒީޝަނުން ހިމެނޭ ގޮތަށް ގާތްގަނޑަކަށް 200 ފަންނާނުން އޭއައިއާ ދެކޮޅަށް ސިޓީއެއްގައި ސޮއިކުރިތާ މަސްތަކެއް ފަހުންނެވެ.