Roadha Mihaaru
"ޕެރައިސައިޓް" އަށް އިންޑިއާ އިން ކޮޕީގެ ތުހުމަތު

އޮސްކާ ހޯދި "ޕެރައިސައިޓް" އަށް އިންޑިއާ އިން ކޮޕީގެ ތުހުމަތުކޮށް، ދައުވާކުރަނީ

16 ފެބުރުއަރީ 2020

މި އަހަރުގެ އޮސްކާ އެވޯޑްސްގެ އެންމެ މޮޅު ފިލްމުގެ މަގާމު ހޯދައި ތާރީހުން ވެސް ޖާގަ ހޯދި ދެކުނު ކޮރެއާގެ ފިލްމު "ޕެރަސައިޓް" އަކީ އިންޑިއާގެ ފިލްމެއްގެ ޕްލޮޓް އަސްލަކަށް ބަލައިގެން ހަދާފައިވާ ފިލްމެއް ކަމަށް ބުނެ އޭގެ ޓީމަށް ދައުވާކުރާނެ ކަމުގެ އިންޒާރު ދީފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މި އަހަރުގެ އޮސްކާ އެވޯޑްސްގެ އެންމެ މޮޅު ފިލްމުގެ މަގާމު ހޯދައި ތާރީހުން ވެސް ޖާގަ ހޯދި ދެކުނު ކޮރެއާގެ ފިލްމު "ޕެރަސައިޓް" އަކީ އިންޑިއާގެ ފިލްމެއްގެ ޕްލޮޓް އަސްލަކަށް ބަލައިގެން ހަދާފައިވާ ފިލްމެއް ކަމަށް ބުނެ އޭގެ ޓީމަށް ދައުވާކުރާނެ ކަމުގެ އިންޒާރު ދީފި އެވެ.

ތަމަޅަ ފިލްމު ޕްރޮޑިއުސަރު ޕީއެލް ތެނައްޕަން ބުނީ ބޮންގް ޖޫން-ހޯ ޑައިރެކްޓްކޮށްފައިވާ "ޕެރަސައިޓް" އަކީ 1999 ގައި އެކްޓަރު ވިޖޭ ކުޅުނު ފިލްމު "މިންސާރާ ކަންނާ" ގެ ވާހަކަ ކޮޕީކޮށްގެން ހަދާފައިވާ ފިލްމެއް ކަމަށެވެ. އެހެންވެ އެ ފިލްމާ ދެކޮޅަށް ބައިނަލްއަގްވާމީ ވަކީލުންގެ ޓީމެއް މެދުވެރިކޮށް ހޯމަ ނުވަތަ އަންގާރަ ދުވަހު ކޯޓްގައި ދައުވާކުރާނެ ކަމަށް ބުންޏެވެ.

"އަހަރެމެންގެ ބައެއް ފިލްމުތައް އެ މީހުންގެ ފިލްމުތަކުގެ ޕްލޮޓް ވައްތަރުވުމުން ވެސް އެބަހުރި ދައުވާކޮށްފައި. އެހެންވީމާ މި ފަހަރު އަހެރެމެން މިކަން ދޫކޮށެއް ނުލާނަން. ޕެރަސައިޓަކީ އަހަރެމެންގެ ފިލްމެއްގެ ކޮޕީއެއް،" "މިންސާރާ ކައްނާ" ގެ ރައިޓްސް އޮތް ތެނައްޕަން ބުންޏެވެ. "ދައުވާކުރާނީ ލިބުނު ގެއްލުމަށް ބަދަލު ވެސް ނަގައިދޭން ޖެހޭ ގޮތަށް."

"މިންސާރާ ކައްނާ" އަކީ ކޭއެސް ރަވީ ކުމާރު ލިޔެ، ޑައިރެކްޓްކޮށްފައިވާ ރޮމޭންޓިކް ކޮމެޑީ ޑްރާމާއެކެވެ. މީގައި ކިޔައި ދެނީ "ޕެރަސައިޓް" ގައި ވެސް ކިޔައިދީފައިވާ ގޮތަށް މާ ބޮޑު ތައުލީމެއް ނެތް ފަގީރު އާއިލާއެއްގެ ބަޔަކު މުއްސަނދި އާއިލާއެއްގެ ތެރެއަށް ވަނުމުން ހިނގާ ހާދިސާތަކެވެ.

ރަވީ ބުނީ އޭނާގެ ފިލްމުގެ ޕްލޮޓަށް ބިނާކޮށް ހެދި "ޕެރަސައިޓް" އަށް އޮސްކާގެ ވަރުގަދަ އެވޯޑްތަކެއް ލިބުމުން ވަރަށް އުފާވި ކަމަށެވެ. އެހެން ވިޔަސް، "މިންސާރާ ކައްނާ" ގެ ޕްރޮޑިއުސަރު އެ ފިލްމާ ދެކޮޅަށް ދައުވާކުރުމަކީ އޭނާ އަށް ލިބިފައިވާ ހައްގެއް ކަމަށް ބުންޏެވެ.

މި މަހުގެ 10 ވަނަ ދުވަހު ބޭއްވި 92 ވަނަ އޮސްކާ އެވޯޑްސްގައި "ޕެރައިސައިޓް" އަށް ވަނީ އެންމެ މޮޅު ފިލްމުގެ އިތުރުން އެންމެ މޮޅު އޮރިޖިނަލް ސްކްރީންޕްލޭ އާއި އެންމެ މޮޅު ޑައިރެކްޓަރާއި އެންމެ މޮޅު ބޭރު ފިލްމުގެ އެވޯޑް ވެސް ލިބިފަ އެވެ.

އެކިއެކި އެވޯޑް ހަފުލާތަކުން މި ފިލްމަށް މިހާތަނަށް ޖުމްލަ 184 އެވޯޑެއް ލިބިފައިވާ އިރު، އޮސްކާ ފިޔަވައި ދުނިޔޭގައި ފިލްމުތަކަށް ދެވޭ އެންމެ ޝަރަފުވެރި އެވޯޑް ކަމަށްވާ ގޯލްޑެން ގްލޯބްސްގެ މި އަހަރުގެ އެންމެ މޮޅު ބޭރު ފިލްމަކީ ވެސް "ޕެރަސައިޓް" އެވެ.

މި ފިލްމަށް ލިބުނު ބޮޑު ތަރުހީބާ ގުޅިގެން ބޮންގް މިހާރު ވަނީ އެޗްބީއޯއާ ގުޅިގެން "ޕެރަސައިޓް" ގެ މިނީ ސީރީޒެއް ހެދުމުގެ މަސައްކަތް ވެސް ފަށައިފަ އެވެ.