Roadha Mihaaru
ރާއްޖޭގައި ފުރަތަމަ ފަހަރަށް "މޮނިން ކަޕް" ބާއްވައިފި

ރާއްޖޭގައި ފުރަތަމަ ފަހަރަށް "މޮނިން ކަޕް" ބާއްވައިފި

25 ޖޫން 2024

ސިމްޑީ ގްރޫޕުން "މޮނިން"އާ ގުޅިގެން ރާއްޖޭގައި ފުރަތަމަ ފަހަރަށް "މޮނިން ކަޕް" ބާއްވައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ސިމްޑީ ގްރޫޕުން "މޮނިން"އާ ގުޅިގެން ރާއްޖޭގައި ފުރަތަމަ ފަހަރަށް "މޮނިން ކަޕް" ބާއްވައިފި އެވެ.

މި މުބާރާތަކީ "މޮނިން"އިން ކޮންމެ އަހަރަކު ވެސް ބާއްވާ "މޮނިން ކަޕް"ގެ އިންޓަނޭޝަނަލް މުބާރާތުގައި ވާދަކުރާނެ ފައިނަލިސްޓެއް ރާއްޖެއިން ހޮވުމަށް ބޭއްވި މުބާރާތެކެވެ. މި މުބާރާތުގައި ވާދަކުރީ އެޕްލިކޭޝަން ހުށަހެޅި 50އަށް ވުރެ ގިނަ ބައިވެރިންގެ ތެރެއިން މުބާރާތުގައި ވާދަކުރަން ކޮލިފައިވި 15 ބައިވެރިންނެވެ.

ތާޖް އެގްޒޯޓިކާ ރިސޯޓުގައި އޮތް މި މުބާރާތުގެ ފަނޑިޔާރުކަން ކުރެއްވީ މޮނިން ބެވަރެޖް އެކްސްޕާޓް، ފެލީޕް ވެލެންސިއާ ސެންޓަންޑާރް އާއި ތާޖް އެގްޒޯޓިކާ ހޮޓެލްސް އެންޑް ރިސޯޓުގެ ޖެނެރަލް މެނޭޖަރު ކޮރީނާ ލުއޭބް އާއި އިންފްލުއެންސާ އަދި އިންޑަލްޖް މޯލްޑިވްސް ޓްރެވަލް އޭޖެންސީ އާއި އިންޑަލްޖް ތުލުސްދޫ ކެފޭގެ ކޯ އޯނަރު ކްރިސްޓީ ލީ މުރޭ އެވެ.

މި މުބާރާތުން އެއް ވަނަ އަށް ދިޔައީ ރިޒް ކާލްޓަން މޯލްޑިވްސްއިން ވާދަކުރި އެރެސްޓާ ޑިއަންޓްރާ އެވެ. ފަސްޓް ރަނާ-އަޕްއަކަށް ހޮވުނީ ފޯ ސީޒަންސް ރިޒޯޓް މޯލްޑިވްސް އެޓް ކުޑަ ހުރާ ޑެނިއެލް މާސެލޯ އެވެ. އަދި ދެ ވަނަ ރަނާ-އަޕް އަކަށް ހޮވުނީ ތާޖް އެގްޒޯޓިކާ ރިސޯޓް އެންޑް ސްޕާގެ ޕްރާތާ މަލްހޯތްރާ އެވެ.

މި މުބާރާތުގެ އެއް ވަނަ އަށް ދިޔަ މިކްސޮލޮޖިސްޓަށް މި އަހަރު ފްރާންސްގައި އޮންނަ އިންޓަނޭޝަނަލް "މޮނިން ކަޕް"ގައި ވާދަ ކުރުމުގެ ފުރުސަތު ލިބޭނެ އެވެ. އަދި ފަސްޓް އަދި ސެކަންޑް ރަނާ-އަޕްއަކަށް ހޮވުނު ދެ ބައިވެރިންނަށް މެލޭޝިއާގައި ހުންނަ "މޮނިން"ގެ ފެކްޓްރީއަށް ދިއުމުގެ ފުރުސަތު ލިބޭނެ އެވެ.

މި މުބާރާތް ނިމުމުގެ ރަސްމިއްޔާތުގައި ޓްރޭޑް އެންޑް މާކެޓިން މެނޭޖަރު ފޯ މިޑްލް އީސްޓް، އޭޝިއާ އެންޑް ދަ ސަބްކޮންޓިނެންޓް އެޓް މޮނިން، އެންޖެލޯ ކެރުމް ވިދާޅުވީ ރާއްޖޭގައި ބޭއްވި މޮނިން ކަޕް މުބާރަތަކީ ދުނިޔޭގެ އެކި ހިސާބުތަކުގައި ބޭއްވި މޮނިން ކަޕް މުބާރާތްތަކުގެ ތެރެއިން މިހާތަނަށް އެންމެ ފާހަގަކޮށްލެވޭ އެއް މުބާރާތް ކަމަށެވެ. އަދި މުބާރާތުގެ ވާދަވެރިންގެ ކިބައިން ވަރަށް ފުރިހަމައަށް މިކްސޮލޮޖީގެ ހުނަރު ފެނިގެން ދިޔަކަން ފާހަގަކުރެއްވި އެވެ.

ސިމްޑީ ގްރޫޕުގެ މެނޭޖިން ޑިރެކްޓަރު މިޝަލް އިބްރާހިމް މުހައްމަދު ދީދީ ވިދާޅުވީ އެ ކުންފުންޏަކީ ދުނިޔޭގެ ފެންވަރުގެ އިވެންޓުތައް ރާއްޖެއާ ހަމައަށް ގެނައުމަށް މަސައްކަތްކުރަމުން އަންނަ ކުންފުންޏެއް ކަމަށެވެ. އަދި "މޮނިން ކަޕް" އަކީ ވެސް މި މަގުސަދުގެ ދަށުން ކުރިއަށްގެންދިޔަ މުބާރާތެއް ކަމަށާއި މި މުބާރާތުން ބައިނަލްއަގުވާމީ ދުނިޔެއާ އެކު އޮތް ގުޅުން ވެސް އިތުރަށް ބަދަހިވެ، ގިނަ ޒުވާނުންތަކެއްގެ ހުނަރު ފެނިގެން ދިޔަ ހަރަކާތެއްގެ ގޮތުގައި ވިދާޅުވި އެވެ.

"މޮނިން"ގެ އުފެއްދުންތައް ރާއްޖޭގައި ވިއްކަނީ ސިމްޑީ ގްރޫޕުންނެވެ.