ދައުލަތުން ބޮޑު ބަދަލެއް ދޭން ޖެހުނު ޖީއެމްއާރަށް ވުރެ އެފްކޮންސް މައްސަލަ ނުރައްކާ ވެދާނެ ކަމަށް ވިދާޅުވެ، މާވަށު ދާއިރާގެ އިދިކޮޅު މެމްބަރު މުހައްމަދު ސައީދު މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
12 އެޕްރީލް 2023
ދައުލަތުން ބޮޑު ބަދަލެއް ދޭން ޖެހުނު ޖީއެމްއާރަށް ވުރެ އެފްކޮންސް މައްސަލަ ނުރައްކާ ވެދާނެ ކަމަށް ވިދާޅުވެ، މާވަށު ދާއިރާގެ އިދިކޮޅު މެމްބަރު މުހައްމަދު ސައީދު މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިކޮނޮމިކް މިނިސްޓަރުކަން ކުރެއްވި ސައީދު، ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި ވިދާޅުވީ، ތިލަމާލެ ބްރިޖު އަޅަން ހަވާލުކުރި އިންޑިއާގެ ކުންފުނި ބަނގުރޫޓުވި ކަމަށް އެ ގައުމުގެ ނޫސްތަކުގައި ލިޔެފައިވާ ކަމަށެވެ.
އެފްކޮންސް ބަނގުރޫޓުވެގެން ނުއަގުގައި އެއްޗެހި ވިއްކަމުން ދާ ކަމަށް ވިދާޅުވެ، އެ ކުންފުންޏަށް ރާއްޖެއިން އެއްވެސް ފައިސާއެއް ނުދިނުމަށް ސައީދު މިއަދު ގޮވައިލެއްވި އެވެ.
އެފްކޮންސް ބަނގުރޫޓްވި ކަމަށް އޭނާ އެ ވިދާޅުވީ، އިންޑިއާގެ ބިލިއަނަރު، ޝާޕޫރު މިސްޓްރީގެ ޝާޕޫރުޖީ ޕަލޯންޖީ (އެސްޕީ) ގްރޫޕަށް މާލީ ތާށިކަން ކުރިމަތިވެ، އެ ކުންފުނީގެ ދަށުން ހިންގާ އެފްކޮންސް ވިއްކާލަން ނިންމާފައިވާ ކަމަށް އެ ގައުމުގެ މީޑިއާ އިން ރިޕޯޓް ކުރުމުންނެވެ.
އެފްކޮންސް އަކީ، ވިލިމާލެ- ތިލަފުށި- ގުޅިފަޅު- މާލެ ގުޅައިލާ ބްރިޖާއި އައްޑޫގެ މަގުތައް ހަދަން ހަވާލުކޮށްފައިވާ ކުންފުންޏެވެ.
އިންޑިއާގެ މީޑިއާ ރިޕޯޓުތަކުގައިވާ ގޮތުން އެސްޕީ ގްރޫޕުން އަންނަނީ އެ ކުންފުނީގެ ދެ ބިލިއަން ޑޮލަރުގެ އެސެޓް ވިއްކާލަން މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި އެފްކޯންސް އިންފްރާސްޓްރަކްޗާ ލިމިޓެޑާއި އެ ކުންފުނީގެ ދަށުން އިންޑިއާގެ އިރުމަތީ ސަރަހައްދުގައި ހިންގާ އެންމެ ބޮޑު އެއް ޕޯޓު ކަމަށްވާ ގޯޕާލްޕޫރު ޕޯޓު ހިމެނެ އެވެ.
"މި ބްރިޖެއް ނާޅާނެ. މި ބްރިޖު އެޅޭނެ ޓެކްނޮލޮޖީއެއް ވެސް ނެތް އެފްކޮންސްއަކު. ހަމަ އެއާއެކު، ރާއްޖޭގައި މި ފަހުގެ ތާރީހުގައި ރައްޔިތުންނަށް ދިމާވާނެ އެންމެ ބޮޑު މުސީބާތް ބްރިޖުގެ މަސައްކަތް ނުނިމުން. މިއީ، ދެ ވަނަ ޖީއެމްއާރަށް ވުރެ ނުރައްކާ މައްސަލައެއް." ސައީދު ވިދާޅުވި އެވެ.
މާވަށު ދާއިރާގެ މެމްބަރު ސައީދު، ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ.---ފޮޓޯ: މަޖިލިސް
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އިންޑިއާގެ ޖީއެމްއާރު ކުންފުންޏަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގަން ހަވާލުކުރި އެއްބަސްވުން، ރައީސް. މުހައްމަދު ވަހީދުގެ ވެރިކަމުގައި ބާތިލް ކުރުމުން އެ ކުންފުންޏަށް ދިވެހި ސަރުކާރުން ބޮޑު ބަދަލެއް ދޭން ޖެހުނެވެ. އެހެންވެ، ޖެހިގެން އައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެ ކުންފުންޏަށް ވަނީ 271 މިލިއަން ޑޮލަރު ދައްކައިފަ އެވެ.
އެފްކޮންސް އިން އަންނަނީ މި ސަރުކާރުގެ ތަރައްގީގެ ގިނަ މަޝްރޫއުތައް ހިންގަމުންނެވެ. އޭގެ ތެރެއިން އެންމެ ބިޔަ ޕްރޮޖެކްޓަކީ، މާލެ،ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅުވާލައިގެން އަޅާ ބްރިޖެވެ.
ތިލަމާލެ ބްރިޖަކީ 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ)ގެ މަޝްރޫއެކެވެ. އެއީ އިންޑިއާގެ އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ދޭ 400 މިލިއަން ޑޮލަރާއި އިންޑިއާގެ ސަރުކާރުން ދޭ ހިލޭ އެހީގެ ގޮތުގައި ލިބޭ 100 މިލިއަން ޑޮލަރެވެ.
އެ މަސައްކަތުގެ އެއްބަސްވުމުގައި އޮގަސްޓް 26، 2021 ގައި ވަނީ ސޮއިކޮށްފަ އެވެ. އެކަމަކު، މަސައްކަތް ކުރިއަށްދާ ގޮތާއި ސްޕީޑާ މެދު ވެސް އާއްމުންގެ ފާޑުކިޔުން އަމާޒުވެ އެވެ.
އައްޑޫގެ ހުރިހާ ރަށެއްގައި ފެން ހިންދުމުގެ ނިޒާމު ގާއިމުކުރުމަށާއި މަގުތައް ވެސް 1.1 ބިލިއަން ރުފިޔާއަށް ހަދަމުން އަންނަނީ އެފްކޮންސް އިންނެވެ. އެ މަސައްކަތާ މެދު ވެސް އައްޑޫގެ ގިނަ ބައެއްގެ ނުރުހުން އަމާޒުވުމުން ބައެއް ބަދަލުތައް ގެންނަން ޖެހުނެވެ.
ބްރިޖުގެ މަސައްކަތްދާގޮތް ޖައިޝަންކަރު ބައްލަވާލައްވައިފި
ހަންކެޑެ ބްރިޖު އަންނަ މަހު އާންމުންނަށް ހުޅުވާލަނީ
ޑިސެމްބަރުގައި ބްރިޖުމަތިން ވިލިމާލެއަށް ދެވޭނެ
ޣައްސާނާއި ސައީދު މިރޭ ފުލުހަށް ހާޒިރުކުރަނީ
ޣައްސާނާއި ސައީދު ޝަރުތުތަކާ އެކު ދޫކޮށްލައިފި
އިންޑިއާ ރުއްސަން ގާނޫނު ހެދުމަކީ އަނިޔާވެރިވުން:ސައީދު
އިދިކޮޅުން އުޅެނީ އައްޑޫގެ ޕްރޮޖެކްޓްތައް ހުއްޓުވަން: ނިހާދު
އެއާޕޯޓު ޖީއެމްއާރަށް: އަނެއްކާވެސް ހޫނު ބަހުސަކަށް!
ޕީޕީއެމާއި ޕީއެންސީން އިންޑިއާ ސަފީރާ ބައްދަލުކޮށްފި
ރިފްއަަތަށް ކުރާ ތުހުމަތުތައް ސާފުކޮށްދޭން ގޮވާލައިފި