Roadha Mihaaru
މައުމޫންގެ ތަރައްގީ ރައީސް ބޭނުމެއް ނުވޭ: ޝައިނީ

މައުމޫން ގޮތަށް ގައުމު ތަރައްގީކުރަން ރައީސް ޔާމީން ބޭނުމެއް ނުވޭ: ޝައިނީ

23 ފެބުރުއަރީ 2017

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ތަރައްގީކުރެއްވި ގޮތަށް ގައުމު ތަރައްގީ ކުރައްވަން ރައީސް އަބްދުﷲ ޔާމީން ބޭނުންފުޅު ނުވާ ކަމަށް ފިޝަރީޒް މިނިސްޓަރު އަދި އިކޮނޮމިކް ކައުންސިލްގެ ކޯޗެއާ ޑރ. މުހައްމަދު ޝައިނީ ރޭ ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ތަރައްގީކުރެއްވި ގޮތަށް ގައުމު ތަރައްގީ ކުރައްވަން ރައީސް އަބްދުﷲ ޔާމީން ބޭނުންފުޅު ނުވާ ކަމަށް ފިޝަރީޒް މިނިސްޓަރު އަދި އިކޮނޮމިކް ކައުންސިލްގެ ކޯޗެއާ ޑރ. މުހައްމަދު ޝައިނީ ރޭ ވިދާޅުވެއްޖެ އެވެ.

ސައުދީ އަރަބިއްޔާގެ އިސް ފަރާތްތަކަށް ފ. އަތޮޅު ވިއްކާލަން އުޅޭ ކަމަށް ކުރާ ތުހުމަތުތަކުގެ ހަގީގަތް ރައްޔިތުންނަށް ސާފުކޮށްދޭން މައުމޫން ގޮވާލައްވާފައި ވަނިކޮށް، ޝައިނީ "މިހާރު" އަށް ވިދާޅުވީ ރައީސް ޔާމީން ވިސްނުންފުޅު ބަހައްޓަވަނީ ހަލުވި ދުވެލީގައި ގައުމު ތަރައްގީ ކުރައްވަން ކަމަށެވެ.

އައިޖީއެމްއެޗުގެ 25 ބުރީގެ އިމާރާތުން މިސާލު ޖައްސަވައި ވިދާޅުވީ ބޭރު ގައުމުތަކުން ފައިސާ ލިބެން އޮތް ނަމަ ރައްޔިތުން ބޭނުންވާ ތަރައްގީ ރައީސް ޔާމީން ހޯއްދަވައި ދެއްވާނެ ކަމަށެވެ.

"ތަރައްގީގެ މަޝްރޫއުތަކަށް ފައިސާ ލިބެންދެން، މައުމޫންގެ 30 އަހަރު ދުވަހުގެ ތެރޭގައި ކަންކަން ކުރިއަށް ނުގެންގޮސް ހުރި ގޮތަށް ރައީސް ޔާމީން ބޭނުންފުޅެއް ނުވޭ ތަރައްގީގެ ކަންކަން މަޑުޖައްސަވާލައިގެން ހުންނަވާކަށް. އައިޖީއެމްއެޗުގެ 25 ބުރީގެ އިމާރާތް ވެސް ބޭރުގެ ބަޔަކާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މައިގަނޑު ސަބަބަކީ ވެސް އެއީ،" ޝައިނީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ފ. އަތޮޅު މަޝްރޫއާ ގުޅޭ ގޮތުން ތުހުމަތުތަކެއްކޮށް، އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ ރައީސް ޔާމީން ގެންނަވާ ހަލުވި ތަރައްގީ އަށް ހުރަސް އެޅުމަށެވެ. ރައީސް ޔާމީން ބޭނުންފުޅު ވަނީ، ފަސް އަހަރުގެ ތެރޭގައި ގައުމު ވީހާވެސް ބޮޑަށް ތަރައްގީކޮށް ރައްޔިތުންނަށް ހިތްހަމަޖެހުން ގެނެސްދޭން ކަމަށް ވެސް ޝައިނީ ވިދާޅުވި އެވެ.

"އިދިކޮޅު ފަރާތްތަކަށް އެކަންކަން ހަޖަމު ނުވެގެން ރައީސް ޔާމީންގެ ތަރައްގީ އަށް ހުރަސްއަަޅަމުން އެދަނީ. އެއީ އަޅުގަނޑުމެން ބަލައިގަންނާނެ ކަމެއް ނޫން،" އޭނާ ވިދާޅުވި އެވެ.