Roadha Mihaaru
ޕޯޗުގަލް ބަލިކޮށް ޖޯޖިއާ ދެވަނަ ބުރަށް

ޖޯޖިއާ އަށް ތާރީހީ ރެއެއް، ޕޯޗުގަލް ބަލިކޮށް ދެވަނަ ބުރަށް

27 ޖޫން 2024

ގެލްސެންކާޝަން (ޖޫން 27) - މޮޅު ކުޅުމަކާ އެކު 2-0 އިން ޕޯޗުގަލް ބަލިކޮށް، ޖޯޖިއާ ޔޫރޯ މުބާރާތުގެ ގަދަ 16 އަށް ދަތުރު ކޮށްފި އެވެ.

ގެލްސެންކާޝަން (ޖޫން 27) - މޮޅު ކުޅުމަކާ އެކު 2-0 އިން ޕޯޗުގަލް ބަލިކޮށް، ޖޯޖިއާ ޔޫރޯ މުބާރާތުގެ ގަދަ 16 އަށް ދަތުރު ކޮށްފި އެވެ.

މިއީ ޖޯޖިއާ، އެގައުމުގެ ތާރީހުގައި ވެސް މޭޖާ މުބާރާތެއްގައި ވާދަކުރާ ފުރަތަމަ ފަހަރެވެ. މި ނަތީޖާއާ އެކު ޖޯޖިއާ އަށް ވަނީ ހަތަރު ޕޮއިންޓާ އެކު ގުރޫޕް އެފްގެ ތިންވަނަ ލިބިފަ އެވެ.

މެޗު ފެށިގެން އެންމެ 92 ސިކުންތު ތެރޭ ޖޯޖިއާ އަށް ލީޑު ނަގައިދިނީ ނަޕޯލީ އަށް ކުޅެމުން އަންނަ ފޯވާޑް ކިވިޗާ ކްވަރަޓްސްކޭލިއާ އެވެ. ލީޑު ފުޅާ ކުރީ ދެވަނަ ހާފުގައި ލިބުނު ޕެނަލްޓީއަކުން ޖިއޯޖެސް މިކޯޓަޑްޒޭ އެވެ.

މިކޯޓަޑްޒޭ ވަނީ ގުރޫޕް ސްޓޭޖުގެ ތިން މެޗުގައި ވެސް ލަނޑު ޖަހައިފަ އެވެ. ތިން ގޯލާ އެކު މިވަގުތު ލަނޑު ލިސްޓުގެ ކުރީގައި އޮތީ ވެސް އޭނާ އެވެ.

ޖޯޖިއާގެ ގޯލްކީޕަރު ޖިއޯޖީ މަމާޑަޝްވިލީ ވަނީ މިރޭޣެ މެޗުގައި ވެސް މުހިއްމު ސޭވްތަކެއް ކޮށްފަ އެވެ.

ގުރޫޕްގެ ދެވަނައިގައި ނިންމީ މިރޭ 2-1 އިން ޗެކިއާ ބަލިކޮށް ހަ ޕޮއިންޓް ހަމަކުރި ތުރުކިޔޭ އެވެ. އެއްވަނަ ހޯދި ޕޯޗުގަލް ވެސް ވަނީ ހަ ޕޮއިންޓް ހޯދައިފަ އެވެ.

އެންމެ ޕޮއިންޓަކާ އެކު އޮތް ޗެކިއާ އަށް މޮޅުވާން މަޖުބޫރު މި މެޗުގެ ކުރީކޮޅު އެޓީމު ކުޅުންތެރިއަކަށް ވަނީ ރަތް ކާޑު ދައްކައިފަ އެވެ.

ދެވަނަ ހާފުގެ ކުރީކޮޅު ހަކަން ޗަލްހަނޮގްލޫ ތުރުކިޔޭ އަށް ލީޑު ނަގައިދީފައި ވަނިކޮށް ތޯމަސް ސޫޗެކް ޗެކިއާ އަށް އެއްވަރު ކޮށްދިނެވެ. ނަމަވެސް މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ތުރުކިޔޭ މޮޅު ކޮށްދިނީ ޒެންކް ޓޯސަން އެވެ.

މި ދެ މެޗާ އެކު ގުރޫޕް ސްޓޭޖުގެ މެޗުތައް މިވަނީ ނިމިފަ އެވެ. ގުރޫޕްތަކުގެ ތިންވަނައަށް ދިޔަ ޓީމުތަކުގެ ތެރެއިން ދެވަނަބުރުން ފުރުސަތު ނުލިބެނީ ކްރޮއޭޝިއާގެ އިތުރުން ހަންގޭރީ އަށެވެ. ޖޯޖިއާ އާއި ނެދަލެންޑްސް އަދި ސްލޮވާކިއާ އާއި ސްލޮވީނިއާ ވެސް ވަނީ ގަދަ 16 އަށް ދަތުރު ކޮށްފަ އެވެ.

ގަދަ 16 ގައި ޖޯޖިއާ ނުކުންނަން ޖެހެނީ ސްޕެއިންއާ ދެކޮޅަށެވެ. އަދި ޕޯޗުގަލް އާއި ސްލޮވީނިއާ ބައްދަކު ކުރާ މެޗަށް ފަހު އޮސްޓްރިއާއާ ދެކޮޅަށް ތުރުކިޔޭ ނުކުންނާނެ އެވެ.

ދެވަނަ ބުރުގެ މެޗުތައް ފަށާނީ ހޮނިހިރު ދުވަހުގެ ރެއެވެ.