Roadha Mihaaru
ތުރުކީގެ ޑެމިރާލް ސަސްޕެންޑް، ބެލިންހަމަށް ޖޫރިމަނާ

އިނގިރޭސީންގެ ބޭއަދަބީ ވައްތަރު ބޮޑު މައްސަލައަކަށް ނުވި، ތުރުކީގެ ޑެމިރާލް ސަސްޕެންޑް!

06 ޖުލައި 2024

ބާލިން (ޖުލައި 6) - ޖަރުމަންގައި މިހާރު ކުރިއަށް ގެންދާ ޔޫރޯ މުބާރާތުގެ ގަދަ 16 ގައި ތުރުކީ މޮޅު ކޮށްދިން ޑިފެންޑަރު މެރީހް ޑެމިރާލް ދެ މެޗަށް ސަސްޕެންޑްކޮށް، އިނގިރޭސި ޓީމުގެ މިޑްފީލްޑަރު ޖޫޑް ބެލިންހަމް ޖޫރިމަނާ ކުރަން ޔޫއެފާ އިން ނިންމައިފި އެވެ.

ބާލިން (ޖުލައި 6) - ޖަރުމަންގައި މިހާރު ކުރިއަށް ގެންދާ ޔޫރޯ މުބާރާތުގެ ގަދަ 16 ގައި ތުރުކީ މޮޅު ކޮށްދިން ޑިފެންޑަރު މެރީހް ޑެމިރާލް ދެ މެޗަށް ސަސްޕެންޑްކޮށް، އިނގިރޭސި ޓީމުގެ މިޑްފީލްޑަރު ޖޫޑް ބެލިންހަމް ޖޫރިމަނާ ކުރަން ޔޫއެފާ އިން ނިންމައިފި އެވެ.

ޑެމިރާލް ވަނީ ތުރުކީ ކުއާޓާ ފައިނަލަށް ގެންގޮސްދިން މެޗުގައި ދެ ވަނަ ގޯލަށް ފަހު، އެ ގައުމުގެ ފާ ރައިޓް ނުވަތަ ކަނާތު ފިޔައިގެ ހަރުކަށި ސިޔާސީ ޕާޓީ، ނެޝެނަލިސްޓް މޫވްމަންޓް ޕާޓީގެ ޒުވާނުންގެ ގޮފި ކަމަށްވާ "ގްރޭ ވުލްވްސް" ރަމްޒު ކޮށްދޭ ގޮތަށް ދެ އަތުން ވެސް އިޝާރާތްކޮށް އުފާފާޅު ކޮށްފަ އެވެ. މިއާ ގުޅިގެން ތުރުކީ އާއި ޖަރުމަނުގެ ޑިޕްލޮމެޓިކް ގުޅުމަށް ވެސް ވަނީ ލޮޅުން އަރައިފަ އެވެ.

ޑެމިރާލް އުފާފާޅުކުރި ގޮތާ ގުޅިގެން ޖަރުމަނުގެ އިންޓީރިއާ މިނިސްޓަރު ނޭންސީ ފައޭޒާ ވަނީ އޭނާގެ އެ އަމަލު ކުށްވެރިކޮށް ހަރުކަށި ފިޔަވަޅު އަޅަން ޔޫއެފާ އަށް ގޮވާލައިފަ އެވެ. ޔޫއެފާ އިން މައްސަލަ ތަހުގީގު ކުރަން ފެށުމުން، އެއީ ސިޔާސީ މަންފާއެއް ހޯދުމުގެ ބޭނުމުގައި ޖަރުމަނާއި ޔޫއެފާ އިން ކުރާ ކަމެއް ގޮތުގައި ތުރުކީގެ ފޮރިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.

މެޗަށް ފަހު ޑެމިރާލް ބުނީ، އޭނާގެ އެ އިޝާރާތަކީ ތުރުކީ ރައްޔިތުންގެ މެދުގައި އާއްމު އެއްޗެއް ކަމަށާއި ގޯލަށް ފަހު އޭނާ ރަމްޒު ކޮށްދިނީ ތުރުކީގެ ރައްޔިތަކަށް ވުމުން ފަހުރުވެރިވާ ކަން ކަމަށެވެ.

ބެލިންހަމް ވެސް ވަނީ ގަދަ 16 ގައި ސްލޮވާކިއާއާ ދެކޮޅަށް މެޗުގެ އެންމެ ފަހު ވަގުތު އިނގިރޭސީންނަށް އެއްވަރު ކޮށްދީ، އުފާފާޅުކުރުމުގެ ގޮތުން ދަނޑުމަތީގައި ބޭއަދަބީ ވައްތަރެއް ޖައްސައިފަ އެވެ.

މިއާ ގުޅިގެން ބެލިންހަމް ބުނެފައި ވަނީ، އެއީ ސްލޮވާކިއާގެ ބެންޗަށް އަމާޒުކުރި ކަމެއް ނޫން ކަމަށާއި މަޖާކޮށްލީ ކަމަށެވެ.

އަދަބެއްގެ ގޮތުން ޔޫއެފާ އިން ނިންމީ، "އާއްމު އުސޫލުތަކާ ހިލާފުވެފައިވާތީ،" ޑެމިރާލް ދެ މެޗަށް ސަސްޕެންޑް ކުރާށެވެ. އަދި "އަދަބުވެރި ސުލޫކީ މިންގަނޑާ ހިލާފުވެފައިވާތީ،" ބެލިންހަމް 30،000 ޔޫރޯ އިން ޖޫރިމަނާކޮށް، ޔޫއެފާ އިން ވަނީ އޭނާ އެއް އަހަރު ދުވަހުގެ މުއްދަތުގައި އެއް މެޗަށް ސަސްޕެންޑް ކުރަން ނިންމައިފަ އެވެ.

ބެލިންހަމް.--

ބެލިންހަމް.--

އޭގެ ނަތީޖާއަކީ ޔޫރޯ މުބާރާތުގެ ކުއާޓާގައި ނެދަލެންޑްސްއާ ދެކޮޅަށް މިރޭ ޑެމިރާލް އަށް ނުކުޅެވުމެވެ. އަދި ތުރުކީ އަށް ސެމީގެ ފުރުސަތު ލިބިއްޖެ ނަމަ ސެމީގައި ވެސް އޭނާ އަށް ނުކުޅެވޭނެ އެވެ. މި އަހަރުގެ ޔޫރޯގައި ޑެމިރާލް އަށް ކުޅެވެން އަންނަނީ ތުރުކީ ފައިނަލަށް ގޮސްގެންނެވެ.

ނަމަވެސް ބެލިންހަމަށް މިރޭގެ ކުއާޓާގައި ސްވިޒަލެންޑާ ދެކޮޅަށް ކުޅުމަށް ހުރަހެއް ނެތެވެ.

އިނގިރޭސީން މިރޭ ރާއްޖެ ގަޑިން 9 ޖަހާއިރު ކުއާޓާގައި ސްވިޒަލެންޑާ ދެކޮޅަށް ނުކުންނައިރު، ދަންވަރު 12 ޖަހާއިރު ކުއާޓާގެ ފަހު މެޗުގައި ތުރުކީ އާއި ނެދަލެންޑްސް ބައްދަލުކުރާނެ އެވެ.

މިރޭ ތުރުކީ ކުޅޭ މެޗު ބެއްލެވުމަށް އެ ގައުމުގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން ވެސް ވަނީ ވަޑައިގަތުމަށް ހަމަޖެހިފަ އެވެ. އަޒަރުބައިޖާނުގައި ބާއްވަން ތާވަލް ކޮށްފައި އޮތް ބައްދަލުވުމެއް ކެންސަލް ކުރައްވައި އުރުދުޣާން ނިންމެވީ ދަނޑަށް ވަޑައިގެން ޓީމަށް ތަރުހީބު ދެއްވާށެވެ.