Roadha Mihaaru
ފަހަތުން އަރައި ތުރުކީ ބަލިކޮށް ނެދަލެންޑްސް ސެމީ އަށް

ފަހަތުން އަރައި ތުރުކީ ބަލިކޮށް ނެދަލެންޑްސް ސެމީ އަށް

07 ޖުލައި 2024

ބާލިން (ޖުލައި 7) - ފަހަތުން އަރައި 2-1 އިން ތުރުކީ ބަލިކޮށް ނެދަލެންޑްސް އިން 20 އަހަރަށް ފަހު ޔޫރޯ މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.

ބާލިން (ޖުލައި 7) - ފަހަތުން އަރައި 2-1 އިން ތުރުކީ ބަލިކޮށް ނެދަލެންޑްސް އިން 20 އަހަރަށް ފަހު ޔޫރޯ މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.

ނެދަލެންޑްސް އެންމެ ފަހުން ޔޫރޯގެ ސެމީ އަށް ދަތުރު ކުރީ 2004 ވަނަ އަހަރު އެވެ. އެފަހަރު ސެމީގައި ބަލިވީ މުބާރާތް ބޭއްވި ޕޯޗުގަލް އަތުން ހަމަ މި ނަތީޖާއިންނެވެ.

ތުރުކީ ކުއާޓާ ފައިނަލަށް ގެންގޮސްދިން ޑިފެންޑަރު މެރީހް ޑެމިރާލް އަށް ޔޫއެފާ އިން ދިން ދެ މެޗުގެ ސަސްޕެންޝަނާ ގުޅިގެން މިރޭގެ މެޗުގައި އޭނާ ނުހިމެނެ އެވެ. އޭގެ އިތުރުން މިޑްފީލްޑަރު އިސްމާއިލް ޔުކްސެކް އާއި އޯކުން ކޮކްސޫ ވެސް ތިބީ ދެ ކާޑު ހަމަވެގެން ސަސްޕެންޝަނުގަ އެވެ. ނަމަވެސް ކެޕްޓަން ހަކަން ޗަލްހޮނޮގްލޫ ވަނީ ސަސްޕެންޝަނުން ސަލާމަތްވެ، މި މެޗުގައި ފުލްކޮށް ކުޅެފަ އެވެ.

ގަދަ 16 ގައި ވެސް ފެށި 11 ކުޅުންތެރިންނާ އެކު ނުކުތް ނެދަލެންޑްސް ޓީމުން ވަނީ ފުރަތަމަ މިނިޓުގައި ވެސް ތުރުކީ ޑިފެންސަށް ނުރައްކާ ކޮށްފަ އެވެ. ނަމަވެކް ކޯޑީ ގަކްޕޯ ދިން ރީތި ބޯޅަ، މެމްފިސް ޑިޕާއި އަށް ގޯލާ އަމާޒު ކޮށް ނުލެވުނެވެ.

ނަމަވެސް އެއަށް ފަހު ތުރުކީން ވަރުގަދައަށް ކުޅެ ގިނަ ހަމަލާތަކެއް އުފައްދައި ވަނީ ލީޑު ނަގައިފަ އެވެ. މެޗުގެ 35 ވަނަ މިނިޓުގައި އާޑާ ގުލާގެ އެހީތެރިކަމާ އެކު ތުރުކީއަށް ލީޑު ނެގީ ސަމަތު އަކައިދިން ޖަހައިދިން ގޯލުންނެވެ.

ދެވަނަ ހާފު ފެށިގެން 10 ވަރަކަށް މިނިޓުތެރޭ ތުރުކީގެ ގުލާ ފޮނުވާލި ހިލޭޖެހުމެއް ވަނީ ގޯލުގެ އަރިމަތީ ދަނޑިއަށް އަމާޒު ވެފަ އެވެ. ނަމަވެސް ފުރިހަމަ ވަގުތު ހަމަވާން 20 މިނިޓަށް ވެފައި ވަނިކޮށް، މި ހާފުގައި މޮޅަށް ކުޅުނު ނެދަލެންޑްސް ވަނީ ނަތީޖާ އެއްވަރު ކޮށްފަ އެވެ. ޑިޕާއި ނެގި ހުރަހެއް ބޮލުން ފޮނުވާލައިގެން މި ގޯލު ޖަހައިދިނީ ޑިފެންޑަރު ސްޓެފާން ޑިވްރޭ އެވެ.

ނަތީޖާ އެއްވަރު ކުރިތާ ހަ މިނިޓު ފަހުން ނެދަލެންޑްސް ލީޑު ހޯދީ، ތުރުކީގެ ޑިފެންޑަރު މާޓް މުލްޑާ އަތުން ބައިކޮޅަށް ވަން ގޯލަކުންނެވެ. ޑަމްފްރީސް ތިރިތިރިން ހުރަސްކޮށްލި ބޯޅަ މުލްޑާ ފައިގައި ޖެހިފައި ގޯލަށް ވަނީ އެ ބޯޅައަށް އެރި ގަކްޕޯ ހުއްޓުވަން އުޅުމުގެ ތެރޭގަ އެވެ.

ނެދަލެންޑްސް އިން ލީޑު ނެގުމާ އެކު ތުރުކީން ގިނަ ފުރުސަތުތަކެއް ހޯދައި މެޗުގެ ކޮންޓްރޯލް ނަގަން މަސައްކަތް ކުރި އެވެ. ނަމަވެސް އެޓީމަށް ގޯލެއް ކާމިޔާބު ކުރެވޭ ގޮތެއް ނުވި އެވެ.

މީގެ އިތުރުން ތުރުކީ އަށް ގޯލު ޖަހައިދިން ޑިފެންޑަރު އަކައިދިން އަށް އަނިޔާވެގެން މެޗުގެ 82 ވަނަ މިނިޓުގައި އޭނާ ވަނީ ބަދަލު ކޮށްފަ އެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގައި، ތުރުކީގެ ބެންޗުގައި އިން ޒުވާން ސްޓްރައިކަރު ބާޓުގް ޔިލްޑިރިމް އަށް ވަނީ ރެފްރީ ރަތް ކާޑެއް ދައްކައިފަ އެވެ.

ސެމީ ފައިނަލްގައި ނެދަލެންޑްސް ވާދަކުރަން ޖެހޭނީ އިންގްލެންޑާ ދެކޮޅަށެވެ.