Roadha Mihaaru
އެމެރިކާގެ ހުށަހެޅުމުގައި އާ ކަމެއް ނެތް: ހަމާސް

އެމެރިކާގެ ހުށަހެޅުމުގައި އާ ކަމެއް ނެތް: ހަމާސް

01 ޖުލައި 2024

ފަލަސްތީނުގެ ޣައްޒާގައި ހަމަލާތައް ހުއްޓާލައި ރަހީނުން މިނިވަންކުރުމާ ގުޅޭ ގޮތުން އިޒްރޭލާ އެކު އެއްބަސްވުމަކަށް އައުމަށް އެމެރިކާއިން ހުށަހެޅި ކަންކަމުގައި އާ އެއްވެސް ކަމެއް ނެތް ކަމަށާއި މަޝްވަރާތަކުގައި އެއްވެސް ކުރިއެރުމެއް ނުލިބޭ ކަމަށް ހަމާސްގެ އިސް އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.

ފަލަސްތީނުގެ ޣައްޒާގައި ހަމަލާތައް ހުއްޓާލައި ރަހީނުން މިނިވަންކުރުމާ ގުޅޭ ގޮތުން އިޒްރޭލާ އެކު އެއްބަސްވުމަކަށް އައުމަށް އެމެރިކާއިން ހުށަހެޅި ކަންކަމުގައި އާ އެއްވެސް ކަމެއް ނެތް ކަމަށާއި މަޝްވަރާތަކުގައި އެއްވެސް ކުރިއެރުމެއް ނުލިބޭ ކަމަށް ހަމާސްގެ އިސް އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.

އިޒްރޭލުން އެދޭ ގޮތް ކަމަށް ވިދާޅުވެ އެމެރިކާގެ ރައީސް ޖޯ ބައިޑަން މިދިޔަ މަހު ހުށަހެޅުއްވި ޕްލޭނުގައި އޮތީ އާބާދީ ބޮޑު ސަރަހައްދުތަކުން އިޒްރޭލު ސިފައިން ފޭބުމާ އެކު ހަ ހަފްތާގެ މުއްދަތަށް ހަމަލާތައް ހުއްޓާލާށެވެ.

އެމެރިކާގެ ނިއުސް ސައިޓް އެކްސިއޯސް އިން ބުނި ގޮތުގައި މިކަމާ ގުޅޭ "ސީދާ މައުލޫމާތު ލިބިފައިވާ ތިން ފަރާތަކުން" ވަނީ ވޮޝިންޓަނުން އެއްބަސްވުމުގެ ބަސްމަގު އަލުން ބަދަލުކޮށް ހުށަހަޅާފައިވާ ކަމަށެވެ.

ލުބްނާންގައި ހުންނަވާ، ހަމާސްގެ އޮފިޝަލެއް ކަމަށްވާ އުސާމާ ހަމްދާން ވިދާޅުވީ އެ ޖަމާއަތަށް އެންމެ ފަހުގެ ހުށަހެޅުން ލިބުނީ ޖޫން 24 ގައި ކަމަށެވެ. ނަމަވެސް އޭގައި "އާ އެއްވެސް ކަމެއް" ނުހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ބުނަން ޖެހޭނީ (އިޒްރޭލުގެ) އަނިޔާވެރިކަން ހުއްޓުވުމުގެ މަޝްވަރާތަކުގައި މިހާތަނަށް ހަގީގީ ކުރިއެރުމެއް ނުލިބޭ ކަމަށް،" ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭނާ ވިދާޅުވި އެވެ.

ބައިޑަން ހުށަހެޅުއްވި ޕްލޭން މިހާތަނަށް ފެއިލްވެފައި ވާއިރު، ދެ ފަރާތުން ވެސް ގެންދަނީ އެ ބައެއްގެ ޑިމާންޑްތަކުގައި ހިފަހައްޓަމުންނެވެ.

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ހަމާސް ބަލިވެ، ރަހީނުކޮށްފައިވާ އެންމެން މިނިވަން ކުރެވެންދެން ހަނގުރާމަ ކުރިއަށް ގެންދާނެ ކަމަށް ބުނެފަ އެވެ. ހަމާސްއިން ބުނަނީ ދާއިމީކޮށް ހަނގުރާމަ ހުއްޓާލުމަށާއި އިޒްރޭލު ސިފައިން ޣައްޒާއިން އެއްކޮށް ފޭބުން ނޫން ގޮތެއް ގަބޫލު ނުކުރާނެ ކަމަށެވެ.

ހަމްދާން ވިދާޅުވީ އެ ހުށަހެޅުންތަކަކީ "ހަމައެކަނި ވަގުތު ބޭކާރުކޮށް، އިސްތިއުމާރީ (އިޒްރޭލުން) ނަސްލު ނައްތާލުމަށް ލިބޭ ވަގުތެއް" ކަމަށެވެ.

އަދި އިޒްރޭލުގެ ހުށަހެޅުމަށް "ބަދަލެއް ނުގެނެސް އޮތް ގޮތަށް" ބަލައިގަތުމަށް ހަމާސްއަށް ޕްރެޝަރު ކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު 7 ވަނަ ދުވަހު ހަމާސް އިން އިޒްރޭލަށް ހަމަލާދީ 1،195 މީހުން މަރާލައި 250 އަށް ވުރެ ގިނަ މީހުން ރަހީނުކުރުމާ އެކު ހަމާސް ނައްތާލުމުގެ ނަމުގައި އިޒްރޭލުން ދޭން ފެށި ހަމަލާތަކުގައި 37،500 އަށް ވުރެ ގިނަ މީހުން ފަލަސްތީނުން ވަނީ ޝަހީދުކޮށްލައިފަ އެވެ. މީގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުން ވަރަށް ގިނަ އެވެ. -- އޭއެފްޕީ