Roadha Mihaaru
ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް ތަންފީޒު ކުރަނީ!

މިދަނީ ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް އަޅަން ތައްޔާރުވަމުން: ފިނޭންސް

30 ޖޫން 2024

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ދުވަސްވަރު ކޮވިޑް 19 ގެ ހާލަތަށް ފަހު، ފާހަގަކުރެވުނު ފިސްކަލް ހިރާސްތައް ކުޑަކުރުމުގެ އެންމެ މުހިންމު ފިޔަވަޅަކީ ހަރަދު ކުޑަކުރުން ކަމަށް ވިޔަސް އެ ވެރިކަން ނިމުމާ ހިސާބަށް އެކަން ނުކުރާ ކަމަށާއި އެކަމަކު މި ސަރުކާރުން އަންނަނީ އެ ފިޔަވަޅުތައް އަޅަން ތައްޔާރު ވަމުން ކަމަށް ފިނޭންސް މިނިސްޓްރީން މިރޭ ބުނެފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ދުވަސްވަރު ކޮވިޑް 19 ގެ ހާލަތަށް ފަހު، ފާހަގަކުރެވުނު ފިސްކަލް ހިރާސްތައް ކުޑަކުރުމުގެ އެންމެ މުހިންމު ފިޔަވަޅަކީ ހަރަދު ކުޑަކުރުން ކަމަށް ވިޔަސް އެ ވެރިކަން ނިމުމާ ހިސާބަށް އެކަން ނުކުރާ ކަމަށާއި އެކަމަކު މި ސަރުކާރުން އަންނަނީ އެ ފިޔަވަޅުތައް އަޅަން ތައްޔާރު ވަމުން ކަމަށް ފިނޭންސް މިނިސްޓްރީން މިރޭ ބުނެފި އެވެ.

އެ މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި އެހެން ބުނީ، ރާއްޖޭގެ މާލީ ހާލަތާ ގުޅޭ ގޮތުން ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ރޭ ބޭއްވި ނިއުސް ކޮންފަރެންސާ ގުޅިގެން ދިން ރައްދުގަ އެވެ.

އަމީރު ރޭ ވަނީ މި ސަރުކާރުގެ އިގްތިސާދީ ސިޔާސަތުތަކަށް ފާޑުވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ ގައުމުގެ އިގުތިސާދީ ހާލަތު މިހާރު ވެސް އޮތީ 2019 ވަނަ އަހަރު އޮތް ހާލަތަށް ވުރެ ރަނގަޅު ހާލަތެއްގައި ކަމަށާއި ދިމާވެގެން އުޅެނީ މި ސަރުކާރަށް އިގުތިސާދު މެނޭޖުކުރަން ނޭނގުމުގެ މައްސަލައެއް ކަމަށެވެ.

އަމީރުގެ ވާހަކަތަކަށް ރައްދު ދީ، ފިނޭންސް މިނިސްޓްރީން ބުނީ ކޮވިޑުގެ ބަލިމަޑުކަމަށް ފަހު، އެންމެ އަވަހަށް އިގުތިސާދު އިޔާދަވި އެއް ގައުމަކީ ރާއްޖެ ކަމަށާއި މި އަހަރާއި މެދުރާސްތާގައި ވެސް ރާއްޖޭގެ އިގުތިސާދު ކުރިއަރާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ.

ފިނޭންސް މިނިސްޓްރީން ބުނީ، އޭރު ވެސް ރާއްޖޭގެ މާލީ ދާއިރާ އަށް ދަތިތަކެއް ހުރި ކަން 2022 އާއި 2023 ގައި އެ މިނިސްޓްރީން ފާހަގަކޮށް، ފިސްކަލް ހިރާސްތައް ކުޑަކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް ފިސްކަލް ސްޓްރެޓެޖީ ބަޔާންތަކާއި ބަޖެޓު ފޮތްތަކުގައި ބަޔާން ކޮށްފައި ވާނެ ކަމަށެވެ.

...އަދި މި ކަމަށް ފިޔަވަޅު ނޭޅި ދިގުލައިގެން ގޮސްފައި ވުމަކީ 26 ޖޫން 2024 ގައި ފިޗް ރޭޓިންސް އިން ދިވެހިރާއްޖޭގެ ކްރެޑިޓް ރޭޓިން ޑައުންގްރޭޑް ކުރި މައިގަނޑު ސަބަބު ވެސް މެ އެވެ،" --- ފިނޭންސް

އެ މިނިސްޓްރީން ފާހަގަކުރި އެއް ކަމަކީ މިދިޔަ އަހަރުން ފެށިގެން ޖީއެސްޓީ ރޭޓުތަކަށް ގެނައި ބަދަލުތަކެވެ. އެއީ ފިނޭންސް މިނިސްޓްރީން ހުށަހަޅައިގެން އޭރުގެ ސަރުކާރުގައި ގެނައި ހެޔޮ ބަދަލެއް ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

"އެހެން ނަމަވެސް ކޮވިޑް-19 ގެ ހާލަތުން ވީއްލިގެން އައި އިރު، ފާހަގަ ކުރެވުނު ފިސްކަލް ހިރާސްތައް ކުޑަކުރުމަށް އަޅަން ޖެހުނު އެންމެ މުހިންމު ފިޔަވަޅު ކަމުގައިވާ ހަރަދު ކުޑަކުރުމުގެ ސިޔާސަތުތައް 17 ނޮވެމްބަރު 2023 ވަނަ ދުވަހާ ހަމައަށް ވެސް ހުރީ ތަންފީޒު ނުކޮށެވެ،" ފިނޭންސް މިނިސްޓްރީގެ ބަޔާނުގައި ބުންޏެވެ.

"ފާއިތުވި އަހަރު ތަކުގައި މި ގޮތަށް އަމަލު ކުރުމުގެ ނަތީޖާއަަކަށް ވެފައި ވަނީ ދައުލަތުގެ ހަރަދުތައް އާމްދަނީއާ ނުބައްދަލު މިންވަރަށް އިތުރުވެ، މި ޑެފިސިޓް ފޫބެއްދުމަށް ކޮންމެ އަހަރަކު ވެސް ނަގަން ޖެހޭ ދަރަނީގެ އަދަދު އިތުރު ވުމެވެ."

އޭގެ ސަބަބުން ފިސްކަލް އަދި ދަރަނި ދެމެހެއްޓުން ގެއްލި، މެދުރާސްތާގައި "ހައި ރިސްކް އޮފް އޯވަރޯލް ޑެޓް ޑިސްޓްރެސް" ނުވަތަ ދަރަނި އަދާނުކުރެވުމުގެ ދަތިތަކަށް އިންތިހާ އަށް އުފުލިފައިވާކަން އައިއެމްއެފުން 2022 ގައި ވެސް ބުނެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.

"އަދި މި ކަމަށް ފިޔަވަޅު ނޭޅި ދިގުލައިގެން ގޮސްފައި ވުމަކީ 26 ޖޫން 2024 ގައި ފިޗް ރޭޓިންސް އިން ދިވެހިރާއްޖޭގެ ކްރެޑިޓް ރޭޓިން ޑައުންގްރޭޑް ކުރި މައިގަނޑު ސަބަބު ވެސް މެ އެވެ،" ބަޔާނުގައި ވެ އެވެ.

މި އަހަރުގެ މެދުތެރެއިން ފެށިގެން މާލީ އިސްލާހުތަކެއް ތަންފީޒުކޮށް، ހަރަދުތައް ކުޑަކުރާނެ ކަމަށް އެ އަހަރުގެ ބަޖެޓު ފޮތުގައި ބަޔާންކޮށް، ކޮންސެޕްޗުއަލް ފްރޭމްވޯކެއް ތައްޔާރުކޮށްފައި އޮތަސް އެ ކަން ކުރާނެ ގޮތުގެ ތަފުސީލީ އެކްޝަން ޕްލޭނެއް މިދިޔަ ސަރުކާރުން އެކުލަވައި ނުލާ ކަމަށް ފިނޭންސުން ބުންޏެވެ.

ނަމަވެސް މި ސަރުކާރުން މިހާރު ވަނީ އެ އިސްލާހުތަކާ ގުޅޭ ތަފުސީލީ އަދި ފަންނީ މަސައްކަތްތައް ނިންމައި ހަރަދު ކުޑަކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް ތަންފީޒު ކުރުމަށް ތައްޔާރުވަމުން ކަމަށް ބުންޏެވެ.

"މިނިސްޓްރީ އޮފް ފިނޭންސުން މިހާރު ކުރަމުން މިދާ އިސްލާހީ މަސައްކަތްތަކަކީ ދިވެހި އެންމެހައި ރައްޔިތުންގެ މަސްލަހަތު ހިމެނޭ، މުސްތަގުބަލާ ގުޅޭ ކަމެއް ކަމުގައި ވާތީ، މި މަސައްކަތްތަކުގައި ހުރިހާ ފަރާތްތަކުން ވެސް ފުރިހަމަ އެއްބާރުލުން ދެއްވުން އެދި ދަންނަވަމެވެ.

ފިނޭންސް މިނިސްޓްރީން ބުނީ، ދަރަނި އަދި ފިސްކަލް ހާލަތު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް މުހިއްމު މަސައްކަތްތަކެއް ކުރާ މި ދަނޑިވަޅުގައި މާލީ ހާލަތާ ގުޅޭ ގޮތުން ހަގީގަތް އޮޅޭ ގޮތަށް އަދި އެ މިނިސްޓްރީ މަދުނާމުވާ ގޮތަށް ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު ވާހަކަ ދެއްކެވުމަކީ ހިތާމަ ކުރާ ކަމެއް ކަމަށެވެ.