Roadha Mihaaru
ޑިއުޓީ މާފުވާ މިންވަރު 10،000ރ. އަށް މަތިކޮށްފި

ކަސްޓަމްސްގެ ޑިއުޓީ މާފުވާ މިންވަރު 10،000ރ. އަށް މަތިކޮށްފި

01 ޖުލައި 2024

ދަތުރުވެރިން ގެންނަ ތަކެއްޗާއި އަމިއްލަ ފަރާތްތަކުގެ ކުދިކުދި ބޭނުންތަކަށް ގެންނަ ތަކެތީން ޑިއުޓީ މާފުވާ މިންވަރު މިއަދުން ފެށިގެން 10،000ރ. އަށް ކަސްޓަމްސް އިން މަތިކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ދަތުރުވެރިން ގެންނަ ތަކެއްޗާއި އަމިއްލަ ފަރާތްތަކުގެ ކުދިކުދި ބޭނުންތަކަށް ގެންނަ ތަކެތީން ޑިއުޓީ މާފުވާ މިންވަރު މިއަދުން ފެށިގެން 10،000ރ. އަށް ކަސްޓަމްސް އިން މަތިކޮށްފި އެވެ.

ކަސްޓަމްސް އިން މި ބަދަލު ގެނެސްފައި ވަނީ ރާއްޖެއިން ބޭރުން ދަތުރުވެރިން ގެންނަ ތަކެއްޗާއި އަމިއްލަ ފަރާތްތަކުގެ ކުދިކުދި ބޭނުންތަކަށް ގެންނަ ތަކެއްޗާއި ވިޔަފާރި ސާމްޕަލްގެ ގޮތުގައި ގެންނަ ތަކެތީން ޑިއުޓީ މާފުކުރުމުގެ އުސޫލަށް އިއްޔެ ގެނައި އިސްލާހުގަ އެވެ.

މީގެ ކުރިން އެ ކަހަލަ މުދަލުން ޑިއުޓީ މާފުވާ މިންވަރަކީ 6،000ރ. އެވެ. އަލަށް ގެނައި ބަދަލާ އެކު އަމިއްލައަށް އެތެރެކުރާ މުދަލުން ޑިއުޓީ މާފުވާ މިންވަރު 10،000ރ. އަށް މަތިވީ އެވެ.

އެ އުސޫލަށް ގެނައި އިސްލާހުގައި ބުނެފައިވާ ގޮތުގައި ކަސްޓަމްސް އިން ކަނޑައަޅާ ފްރީ އޮން ބޯޑް ނުވަތަ އެފްއޯބީ އަގު 10،000ރ. އަށް ވުރެ ބޮޑު ނަމަ، ރާއްޖެއިން ބޭރުން ގެންނަ މުދަލަށް ގުޑްސް ޑިކްލެރޭޝަން ފޯމު ހުށަހަޅަން ޖެހޭނެ އެވެ. އަދި ޑިއުޓީ ނަގާނީ މުދަލުގެ އެފްއޯބީ އަގުން 10،000ރ. ކެނޑުމަށްފަހުގައި ކަމަށް ވެސް އެ އުސޫލުގައިވެ އެވެ.

އެފްއޯބީގެ އަގު 10،000ރ. އަށް ވުރެ ދަށް ނަމަވެސް، އެއީ ކޮމާޝަލް ކުއެންޓިޓީއެއް ކަމަށް ކަސްޓަމްސް އަށް ގަބޫލުކުރެވޭ ނަމަ، ގުޑްސް ޑެކްލެރޭޝަން ފޯމު ހުށަހަޅަން ޖެހޭނެ ކަމަށާއި އޭގެ ޑިއުޓީ ވެސް ނަގާނެ ކަމަށް އުސޫލުގައި ބުންޏެވެ.

އެ އުސޫލުގައި ބުނި ގޮތުގައި، ޕޯސްޓުގެ މަގުން ގެންނަ ތަކެތީގައި ކޮންމެ ޓްރެކިން ނަންބަރެއް ބެލެވޭނީ ވަކި ޝިޕްމަންޓެއްގެ ގޮތުގަ އެވެ. އަދި އެއް ޕޯސްޓުބޭގެއްގައި އެކަކުގެ ނަމުގައި ގެނެސްފައި ހުންނަ ތަކެތި ވެސް ބަލާނީ އެއް ޝިޕްމަންޓެއްގެ ގޮތުގަ އެވެ.

ޑޮކްޓަރެއްގެ ބޭސް ސިޓީއާ އެކު ގިނަވެގެން ހަ މަސްދުވަހަށް ގެންނަ ބޭހުން ޑިއުޓީ މާފުކޮށްދޭނެ ކަމަށް ވެސް އެ އުސޫލުގައިވެ އެވެ.