Roadha Mihaaru
ކޯޓުގައި ދޭވާނީއެއް ނެތިގެން ހައްދު ޖެހުން ހުއްޓިފައި!

ކޯޓުގައި ދޭވާނީއެއް ނެތިގެން ހައްދު ޖެހުން ހުއްޓިފައި!

02 ޖުލައި 2024

ކްރިމިނަލް ކޯޓުގައި މި ވަގުތު ދޭވާނީއެއް ނެތުމުގެ ސަބަބުން ހައްދު ނުޖަހާތާ ދުވަސްތަކެއް ވެފައިވާ ކަމަށް ޕްރޮސިކިއުޓާ ޖެނަރަލްގެ ހުސައިން ޝަމީމް މިއަދު ވިދާޅުވެއްޖެ އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ކްރިމިނަލް ކޯޓުގައި މި ވަގުތު ދޭވާނީއެއް ނެތުމުގެ ސަބަބުން ހައްދު ނުޖަހާތާ ދުވަސްތަކެއް ވެފައިވާ ކަމަށް ޕްރޮސިކިއުޓާ ޖެނަރަލްގެ ހުސައިން ޝަމީމް މިއަދު ވިދާޅުވެއްޖެ އެވެ.

ހައްދު ޖެހުމުގެ ކަންކަން ތަންފީޒު ކުރަން ދޭވާނީއެއް ހޯދަން ކްރިމިނަލް ކޯޓުން ވަނީ މިދިޔަ މަހުގެ 26 ގައި އިއުލާންކޮށްފަ އެވެ. އެ އިއުލާނުގެ މުއްދަތު މާދަމާ އަށް ހަމަވާއިރު ވަޒީފާގެ މުސާރަ އާއި އިނާޔަތުގެ ގޮތުގައި ކަނޑައަޅާފައިވަނީ 8،000 ރުފިޔާ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި ޕްރޮސިކިއުޓާ ޖެނަރަލް ޝަމީމް މިއަދު ވިދާޅުވީ ހައްދުގެ ހުކުމެއް ކުރި ނަމަވެސް، ކްރިމިނަލް ކޯޓުގައި ހައްދު ޖަހާނެ މީހަކު ނެތުމުގެ ސަބަބުން އެކަން ތަންފީޒު ނުކުރާތާ ދުވަސްކޮޅެއް ވެއްޖެ ކަމަށެވެ.

އެ މަގާމު ހުސްވެފައިވަނީ ސީދާ ކޮން ދުވަހަކު ކަމެއް ސާފެއް ނޫނެވެ. އެކަމާ ހެދި ތަންފީޒު ނުވެ އޮތީ ކިހާ ހައްދުގެ ހުކުމެއް ކަމެއް ވެސް ނޭނގެ އެވެ. ހައްދުގެ ހުކުމް ތަންފީޒު ކުރާނީ އިސްތިއުނާފީ ހުރިހާ މަރުހަލާއެއް ނިމުމުން ނުވަތަ އިސްތިއުފާނު ނުކުރާ ނަމަ އެއީ ނިހާއީ ހުކުމެއް ކަން ދައުލަތުން ކަށަވަރު ކުރުމަށް ފަހު އެވެ.

ހައްދުގެ ހުކުމްގެ ވާހަކަ ޝަމީމް ދެއްކެވީ ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ނާޒިލް ކުރެއްވި ސުވާލަކާ އެކު އެވެ. އޭނާގެ ސުވާލަކަށް ވީ، ކްރިމިނަލް ކޯޓުން ދޭވާނީއެއް ހޯދަން އިއުލާން ކޮށްފައިވާއިރު، ހުކުމް ތަންފީޒު ކުރުން އެ ކޯޓުން އަމިއްލަ އަށް ކުރިއަށް ގެންދާނެ ގޮތަކާ މެދުގަ އެވެ.

ޝަމީމް ވިދާޅުވީ ހުކުމް ތަންފީޒު ކުރުމަކީ ކަރެކްޝަނަލް ސާވިސްގެ ޒިންމާއެއް ކަމަށާއި ނަމަވެސް، ހައްދުގެ ހުކުމް ތަންފީޒު ކުރުން ކޯޓުން އަމިއްލަ އަށް ކުރާ ސަބަބެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ. އެއީ އެކަން ސަގާފީ ގޮތެއްގައި ކުރަމުން އަންނަ ގޮތް ކަމަށާއި އެކަމާ މެދު މީހަކު މިހާތަނަށް ސުވާލެއް ވެސް އުފައްދާފައި ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

މިދިޔަ 10 އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ސުޕްރީމް ކޯޓުގައި ޒިނޭގެ 33 މައްސަލައެއް ކުރިއަށް ގެންދިޔަ އެވެ. އެކަމަކު، އޭގެ ތެރެއިން އެއްވެސް މައްސަލައެއް ސާބިތުވެފައެއް ނުވެ އެވެ. ހައި ކޯޓުގައި 51 މައްސަލައެއް ހިންގިއިރު، ސާބިތު ނުވެ އޮތީ އެއް މައްސަލަ އެވެ. ކްރިމިނަލް ކޯޓުގައި މިދިޔަ އަހަރުގެ މާޗްގެ ނިޔަލަށް ޒިނޭގެ 150 މައްސަލއެއް ނިންމާފައިވެ އެވެ.