Roadha Mihaaru
ގާސިމްގެ ޑިމާންޑަކީ މިފްކޯ އަށް ދޭ ލުއިތައް ދިނުން!

މިފްކޯ އަށް ދޭ ލުއިތައް އަމިއްލަ ކުންފުނިތަކަށް ދޭންޖެހޭ: ގާސިމް

02 ޖުލައި 2024

ދައުލަތުގެ މަސް ކުންފުނި، މިފްކޯ އިން ކުލި ނުނަގާ ނަމަ ޕްރައިވެޓް ސެކްޓަރުން ވެސް ދައުލަތަށް ކުލި ދައްކަން ނުޖެހޭނެ ކަމަށާއި މިފްކޯ އަށް ސަބްސިޑީ ދޭ އުސޫލުން އެހެން ކުންފުނިތަކަށް ވެސް ސަބްސިޑީ ދޭން ޖެހޭނެ ކަމަށް މާލިއްޔަތު ކޮމިޓީގެ މުގައްރިރު މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ދައުލަތުގެ މަސް ކުންފުނި، މިފްކޯ އިން ކުލި ނުނަގާ ނަމަ ޕްރައިވެޓް ސެކްޓަރުން ވެސް ދައުލަތަށް ކުލި ދައްކަން ނުޖެހޭނެ ކަމަށާއި މިފްކޯ އަށް ސަބްސިޑީ ދޭ އުސޫލުން އެހެން ކުންފުނިތަކަށް ވެސް ސަބްސިޑީ ދޭން ޖެހޭނެ ކަމަށް މާލިއްޔަތު ކޮމިޓީގެ މުގައްރިރު މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

މަސްވެރިންނަށް ޑޮލަރުން ފައިސާ ދިނުމާ ގުޅޭ ގޮތުން ހުޅުމާލޭގެ ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު ޑރ އަހުމަދު ޝަމްހީދު މާލިއްޔަތު ކޮމިޓީ އަށް ހުށަހެޅުއްވި މައްސަލައާ ގުޅޭ ގޮތުން ގާސިމް ވިދާޅުވީ، މިފްކޯ އަށް ދޭ ލުއިތައް އެހެން ކުންފުނިތަކަށް ވެސް ދައުލަތުން ދޭން ޖެހޭނެ ކަމަށެވެ.

އޭނާ ވިދާޅުވީ، މަސްވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ އަމިއްލަ ކުންފުނިތައް ކޮޅަށް ޖެއްސުމަށް ވޭތުވެދިޔަ ތިން ސަރުކާރުން ވެސް މަސައްކަތެއް ނުކުރާ ކަމަށެވެ.

"ވޭތުވެދިޔަ ތިން ސަރުކާރުންނެއް އެކަށީގެންވާ މަސައްކަތެއް ކުރެވި ރައްޔިތުންނަށް، މަސްވެރިކަން ކުރާ ފަރާތްތަކަށް އިންސެންޓިވް ދެވޭނެ ގޮތަކަށް ފޮރިން އެކްސްޗޭންޖް ރެވެނިއު އިތުރު ކުރެވޭނެ ގޮތަކަށް އިންޑަސްޓްރީ ކުރިއަރުވަން މަސައްކަތެއް ކޮށްފައެއް ނުވޭ،" އޭނާ ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ، އޭނާ ހިންގަވާ މަސް ކުންފުނި، ހޮރައިޒަން އިން މަސްވެރިކަމުގެ ދާއިރާ އަށް 250 މިލިއަން ރުފިޔާގެ ބޮޑު އިންވެސްޓްމެންޓެއް ކޮށްފައިވާނެ ކަމަށާއި އެކަމަކު ބޭނުންވާ އިންފްރާސްޓްރަކްޗާ ހެދުމަށް ސަރުކާރުން ލޯނު ނުދިން ކަމަށެވެ.

"މިހާރު ވެސް ސަރުކާރުގެ އޮތް އިންފްރާސްޓްރަކްޗަރަށް ވުރެ [ގިނަ ވާނެ] އަޅުގަނޑުމެން ހަދާފައި ހުރި ތަންތަން، މާންދޫ އާއި ހޯޑެއްދޫގައި ހުރި ތަންތަން. އެހެން ނަމަވެސް އަޅުގަނޑުމެންނަކަށް ނުލިބޭ. އަޅުގަނޑު ސަރުކާރުގައި އާދޭސްކޮށްފައި ދެންނެވިން ހޯޑެއްދޫގެ އިންވެސްޓްމެންޓް ނިމެންދެން 100 މިލިއަން ރުފިޔާ މަށަށް ދަރަންޏަށް ދޭށޭ. ފަސް އަހަރު ތެރޭގައި ދައްކަން. ބުނީމަ ޖަވާބު ވެސް ނުދިން،" އޭނާ ވިދާޅުވި އެވެ.

"ވޭތުވެދިޔަ ތިން ސަރުކާރުންނެއް އެކަށީގެންވާ މަސައްކަތެއް ކުރެވި ރައްޔިތުންނަށް، މަސްވެރިކަން ކުރާ ފަރާތްތަކަށް އިންސެންޓިވް ދެވޭނެ ގޮތަކަށް ފޮރިން އެކްސްޗޭންޖް ރެވެނިއު އިތުރު ކުރެވޭނެ ގޮތަކަށް އިންޑަސްޓްރީ ކުރިއަރުވަން މަސައްކަތެއް ކޮށްފައެއް ނުވޭ،"--- ގާސިމް

ގާސިމް ވިދާޅުވީ، ލޯނު ހޯދަން ސަރުކާރާ ސީދާ ވާހަކަ ދެއްކެވީ އޭނާ ކަމަށާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ލޯނާއި އެހީ ވެސް ދިނީ ވަކި ބަޔަކަށް ކަމަށެވެ. އެއީ އެ ސަރުކާރުން މަސްވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ކުންފުނިތަކާ މެދު އަމަލު ކުރި ގޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

މިކަމާ ގުޅޭ ގޮތުން މެންބަރު ޝަމްހީދު ވިދާޅުވީ، މަހުގެ އަގު ކަނޑައެޅުމުގައި ރޯމަހުގެ އަގަށް އެކަނި ބަލައިގެން އަގު ކަނޑައަޅާއިގެން ނުވާނެ ކަމަށާއި މަސްވެރިންގެ އަތުން ގަންނަ މަހުގެ ބޮޑު ބައެއް ދަޅުގައި ބަންދުކުރާ ކަމަށެވެ.

އޭނާ ވިދާޅުވީ، މިފްކޯ އަށް ލިބޭ ގެއްލުމުގެ ޒިންމާ މަސްވެރިން ނަގާކަށް ނުޖެހޭނެ ކަމަށެވެ. ސަރުކާރުން ދޭ ސަބްސިޑީ ޕްރައިވެޓް ސެކްޓަރަށް މަސް ވިއްކާ މަސްވެރިންނަށް ވެސް ދޭން ޖެހޭނެ ކަމަށް ޝަމްހީދު ވެސް ވިދާޅުވި އެވެ.

"މަސް ހުރިހާ ދުވަހެއްގައި ނުބާނާނެ. ކޮންޓިނިއަސް ކޮށް ފުރޭނެ އަގަކަށް މި އަގު ވާން ޖެހޭ. އިއްޔެގައި ކަނޑައެޅި އަގަކުން، މަސް ނުބާނާ ދުވަސްކޮޅު އައިސްފިއްޔާ މަސްވެރިކަން ހުއްޓޭނެތޯ ނޫންތޯ ނޭނގޭ. އެހެންވެ ދިރާސާއެއް ކުރެވިފައި މިކަން ވާން ޖެހޭނީ،" އޭނާ ވިދާޅުވި އެވެ.

މި މައްސަލައިގައި ކޮމިޓީގެ މެންބަރުންގެ މެދުގައި މައްސަލަ ހޫނުވެ، މަޖިލީހުގެ ޔޫޓިއުބް ލައިވް އިން އޯޑިއޯ ކަނޑާލި އެވެ. އެ އަށް ފަހު، ކޮމިޓީގައި ހިނގައިދިޔަ ކަންކަމެއް ސާފެއް ނުވެ އެވެ.