Roadha Mihaaru
އޭޑީކޭގެ ކުލީގެ ދިފާއުގައި ނާޝިދު ވާހަކަ ދައްކަވައިފި

އޭޑީކޭގެ ބިމު ކުލީގެ ދިފާއުގައި ނާޝިދު ފުރަތަމަ ފަހަރަށް ވާހަކަ ދައްކަވައިފި

13 އޯގަސްޓް 2024

އޭޑީކޭ ހޮސްޕިޓަލް ހިންގަން ދައުލަތުން ދީފައިވާ ބިމުގެ އަގު ހެޔޮ ކަމަށް ބުނެ އެ ހޮސްޕިޓަލަށް އަމާޒުވާ ފާޑު ކިޔުންތަކަށް އެ ކުންފުނީގެ ޗެއާމަން އަހުމަދު ނާޝިދު ފުރަތަމަ ފަހަރަށް ރައްދު ދެއްވައިފި އެވެ.

އޭޑީކޭ ހޮސްޕިޓަލް ހިންގަން ދައުލަތުން ދީފައިވާ ބިމުގެ އަގު ހެޔޮ ކަމަށް ބުނެ އެ ހޮސްޕިޓަލަށް އަމާޒުވާ ފާޑު ކިޔުންތަކަށް އެ ކުންފުނީގެ ޗެއާމަން އަހުމަދު ނާޝިދު ފުރަތަމަ ފަހަރަށް ރައްދު ދެއްވައިފި އެވެ.

ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ވަޑައިގެން ނާޝިދު ދިފާއުގައި ވާހަކަ މި ދެއްކެވީ، އޭޑީކޭ ހޮސްޕިޓަލް ހިންގަން ސަރުކާރުން ދޫކޮށްފައިވާ ބިމަށް ކޮންމެ މަހަކު ދައްކަނީ ވަރަށް ކުޑަ ކުއްޔެއް ކަމަށް ބުނެ ފާޑުކިޔުން އަމާޒު ވެފައިވާތާ ގިނަ ދުވަސްތަކެއް ފަހުންނެވެ.

އޭނާ ވިދާޅުވީ އޭޑީކޭ ހޮސްޕިޓަލުން ކުރާ މަސައްކަތްތުގެ "ކީ ބެނިފިޝަރީ" އަކީ ދިވެހި ސަރުކާރު ކަމަށެވެ. އެ ހޮސްޕިޓަލަށް ސަރުކާރުން ބިން ދޫކޮށްފައި ވަނީ ހެޔޮ އަގެއްގައި ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވި އެވެ.

އޭޑީކޭ ހޮސްޕިޓަލުން ކުލީގެ ގޮތުގައި އަހަރަކު 8.2 މިލިއަން ރުފިޔާ ދައްކާ ކަމަށާއި އެއީ އަކަމީޓަރަކަށް އަހަރަކު 92 ޑޮލަރު ކަމަށް ނާޝިދު ވިދާލުވި އެވެ.

އެ އަދަދަކީ ރާއްޖެ އަށް އެންމެ ގިނައިން އާމްދަނީ ވަންނަ ޓޫރިޒަމް ދާއިރާގައި ވެސް ރިސޯޓުތަކުން ދައްކާ އަދަދަށް ވުރެ ބޮޑު އަދަދެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ޓޫރިޒަމް ސެކްޓާ އިން މި ދައްކަނީ ފަސް އަކަމީޓަރަށް 8 ޑޮލަރު. އަޅުގަނޑުމެން މި ދައްކަނީ 92 ޑޮލަރު،" ރާއްޖޭގައި އަމިއްލަ އެންމެ ބޮޑު ހޮސްޕިޓަލް ހިންގަވާ ނާޝިދު ވިދާޅުވި އެވެ.

ނަމަވެސް 2014 ވަނަ އަހަރު ހޮސްޕިޓަލެއް އަޅަން ދައުލަތުން 117،000 އަކަފޫޓުގެ ބިމެއް 58 މިލިއަން ރުފިޔާ އަށް ވިއްކާލާފައިވާ ކަމަށް ނާޝިދު ވިދާޅުވި އެވެ.

އޭނާ އެ އިޝާރާތް ކުރެއްވީ ޓްރީޓޮޕް ހޮސްޕިޓަލް އިމާރާތް ކުރުމަށް ހުޅުމާލެ 1 އިން ވިއްކާފައިވާ ބިމަށެވެ.

"އޭޑީކޭ އިން [އަކަފޫޓަކަށް] 11ރ. އަށް މި ދައްކާ ރޭޓުން ބަލައިފި ނަމަ އެބަ ދެއްކޭ [ޓްރީޓޮޕް ހޮސްޕިޓަލް] ބިން ވިއްކާލާފައި އޮތް އަގަށް ބަލައިފި ނަމަ ހަތަރު އަހަރުން ބިން ގަތުމުގެ އަގު ހަމަވޭ. އަޅުގަނޑުމެން މި ދައްކާ ކުލި އެ ބޭފުޅުން ދައްކަން ވެއްޖިއްޔާ ދައްކަން ޖެހޭ އަހަރަކު 16 މިލިއަން،" އޭނާ ވިދާޅުވި އެވެ.

އޭޑީކޭގެ ވެރިޔާ ނާޝިދު

އޭޑީކޭގެ ވެރިޔާ ނާޝިދު

ނާޝިދު ވިދާޅުވި ގޮތުގައި ރިސޯޓުތަކަށް ކުޑަ އަގެއްގައި ސަރުކާރުން ބިން ދޫކޮށްފައި ވަނީ ދައުލަތަށް މަންފާ ވަނީ ހަމައެކަނި ބިމު ކުލިން އެކަނި ނޫން ކަމަށް ވާތީ އެވެ.

އޭޑީކޭ ހޮސްޕިޓަލުން ވެސް ދިވެހި ސަރުކާރަށް ޓެކްސް އާއި އެހެނިހެން ފީތަކުގެ ގޮތުގައި އަހަރަކު 80 މިލިއަން ރުފިޔާ ދައްކާ ކަމަށް ނާޝިދު ވިދާޅުވި އެވެ.

ނާޝިދު ދިފާއުގައި ވާހަކަތައް ދެއްކެވުމުން މާލިއްޔަތު ކޮމިޓީގެ މުގައްރިރު އަދި އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ވެސް އެކަމަށް ރައްދު ދެއްވި އެވެ. އޭނާ ވަނީ ހުޅުމާލެ އާއި މާލޭގައި ހުންނަ ރެޑްވޭވްގެ ބިންތަކަށް ދައްކާ ކުލިތަކުގެ ވާހަކަ ވިދާޅުވެ، އޭޑީކޭ އަށް ވުރެ ބޮޑު އެއްޗެއް އެ ކުންފުނިން ދައްކަމުންދާ ކަމަށް ވިދާޅުވި އެވެ.