Roadha Mihaaru
ދަރަންޏާ ބެހޭ ބިލާއި ފިސްކަލް ޒިންމާގެ ބިލް ކޮމީޓީއަށް

ދަރަންޏާ ބެހޭ ބިލާއި ފިސްކަލް ޒިންމާގެ ބިލް ކޮމީޓީއަށް

03 ޖުލައި 2024

ދައުލަތުގެ ދަރަންޏާ ބެހޭ ބިލާއި ފިސްކަލް ޒިންމާގެ ބިލް ރައްޔިތުންގެ މަޖިލިހަށް މިއަދު ބަލައިގަންނަން ފާސްކޮށް، އެ ދިރާސާ ކުރަން މާލިއްޔަތު ކޮމިޓީ އަށް ފޮނުވައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ދައުލަތުގެ ދަރަންޏާ ބެހޭ ބިލާއި ފިސްކަލް ޒިންމާގެ ބިލް ރައްޔިތުންގެ މަޖިލިހަށް މިއަދު ބަލައިގަންނަން ފާސްކޮށް، އެ ދިރާސާ ކުރަން މާލިއްޔަތު ކޮމިޓީ އަށް ފޮނުވައިފި އެވެ.

ސަރުކާރުގެ ހަރަދުތައް ކުޑަކުރުމަށް ފިޔަވަޅުތަކެއް އަޅަމުންދާތީ މަޖިލީހުން އިސްކަމެއް ދީގެން މި ހަފުތާގެ ތެރޭގައި ކުރިޔަށް ގެންދިޔަ މި ދެ ބިލް ވެސް ބަލައިގަތުމަށް ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 78 މެންބަރުންގެ އިއްތިފާގުންނެވެ.

ދަރަންޏާ ބެހޭ ބިލްގައި ދައުލަތުން ސޮވްރިން ގެރެންޓީ ދޭގެ ގޮތްތަކާއި ލޯކަލް ކައުންސިލްތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ދަރަނި ނެގުމުގައި އަމަލުކުރާނެ ގޮތްތައް ވަނީ ބަޔާން ކޮށްފަ އެވެ.

ދައުލަތުގެ ދަރަންޏާ ގުޅޭ މައުލޫމާތުތައް އެކްސްޓާނަލް އޮޑިޓަރެއް މެދުވެރިކޮށް އޮޑިޓެއް ހަދަން ޖެހޭނެ ކަމަށާއި ދަރަނީގެ ސްޓްރެޓެޖީ ރައީސުލްޖުމްހޫރިއްޔާ އަށް ހުށަހަޅައި ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 15 ކުރިން ފާސްކުރަން ޖެހޭނެ ކަމަށް ވެސް އެ ބިލްގައި ބުނެފައި ވެ އެވެ.

އެ ހުރިހާ ކަމެއް މެނޭޖް ކުރުމަށް ހާއްސަ އޮފީހެއް ވެސް އުފައްދަން ދަރަންޏާ ބެހޭ ބިލުގައި ވަނީ ހިމަނާފައި އެވެ.

ފިސްކަލް ޒިންމާގެ ގާނޫނަކީ މިހާރު އަމަލު ކުރަމުންދާ ދައުލަތުގެ ހަރަދަށް ޒިންމާވާ ގާނޫނުގެ ބަދަލުގައި މި ސަރުކާރުން ހުށަހަޅާފައިވާ އާ ބިލެކެވެ.

ހަރަދަށް ޒިންމާވާ ގާނޫނުގައި މިހާރު އޮންނަ ގޮތުން ސަރުކާރަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އިން އެޑްވާންސްކޮށް ފައިސާ ނެގޭނީ ނުވަތަ ޗާޕު ކުރެވޭނީ އެއް ޕަސެންޓެވެ. އެއީ ގާތްގަނޑަކަށް 270 މިލިއަން ރުފިޔާ އެވެ.

ނަމަވެސް ފިސްކަލް ޒިންމާގެ ބިލުގެ ހަ ވަނަ މާއްދާގައިވާ ގޮތުން ދައުލަތުގެ ކޭޝް ފްލޯ މެނޭޖު ކުރުމަށް ބޭނުންވެއްޖެ ހާލަތެއްގައި ފައިސާ ޗާޕު ކުރެވޭ އަދަދު 2.5 ޕަސެންޓަށް ވަނީ އިތުރު ކޮށްފަ އެވެ.

އެ ދެ ބިލާ މެދު މަޖިލިހުން ގޮތެއް ނިންމާނީ މާލިއްޔަތު ކޮމިޓީގައި ދިރާސާކޮށް އަނބުރާ މަޖިލިހުގެ ތަޅުމަަށް ފޮނުވުމުންނެވެ.