Roadha Mihaaru
ނުހެދޭ ރިސޯޓުތަކުގެ ބޮޑުބައި ނިންމަން މަސައްކަތް ފަށައިފި

ނުހެދި ހުރި ރިސޯޓުތަކުގެ ބޮޑު ބައި މާކެޓަށް ނެރެން މަސައްކަތް ފަށައިފި

31 ޑިސެމްބަރ 2023

ރިސޯޓު ހަދަން ޓޫރިޒަމް މިނިސްޓްރީން ދޫކުރި ރަށްތަކުގެ ތެރެއިން މިހާތަނަށް ނުހެދި ހުރި ރަށްތަކުގެ ތެރެއިން ދެ ބައި ކުޅަ އެއްބައިގެ ރަށްތައް ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި އެ މިނިސްޓްރީން އަމާޒު ހިފައިފި އެވެ.

މުހައްމަދު ވިޝާމް މުހައްމަދު ވިޝާމް

ރިސޯޓު ހަދަން ޓޫރިޒަމް މިނިސްޓްރީން ދޫކުރި ރަށްތަކުގެ ތެރެއިން މިހާތަނަށް ނުހެދި ހުރި ރަށްތަކުގެ ތެރެއިން ދެ ބައި ކުޅަ އެއްބައިގެ ރަށްތައް ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި އެ މިނިސްޓްރީން އަމާޒު ހިފައިފި އެވެ.

ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އާ ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވީ، ރާއްޖޭގައި މި ވަގުތު ރިސޯޓު ހަދަން ދޫކުރި ރަށްތަކުގެ ތެރެއިން 63 ރަށެއް ތަރައްގީ ނުކޮށް އެބަހުރި ކަމަށެވެ.

އޭގެ ތެރެއިން ބައެއް ރަށްތަކުގެ މަސައްކަތް 10-15 އަހަރަށް ދިގުލައިގެން ގޮސްފައިވާ ކަން ފާހަގަކުރައްވައި، ފައިސަލް ވިދާޅުވި ގޮތުގައި އެ ރަށްތައް ނިންމުމަށްޓަކައި އިންވެސްޓަރުންނާ މަޝްވަރާކޮށް، ދިމާވެފައިވާ ދަތިތަކަކީ ކޮބައިކަން ދަނެގަނެ، ލުއި ގޮތްތަކެއް ހޯދަން މަސައްކަތް ކުރައްވާނެ އެވެ.

"އެ މަސައްކަތް މިހާރު ވަނީ ފެށިފައި. އަޅުގަނޑުމެންނަށް [ނުހެދި ހުރި ރަަށްތަކުގެ] ލިސްޓެއް އެކުލަވާލެވިއްޖެ. ދެން އޮންނާނީ އެ ވިޔަފާރިވެރިންނާއި އިންވެސްޓަރުން މިނިސްޓްރީ އަށް ގެނެސްގެން ކޮބައިތޯ މިނިސްޓްރީ އަށް ކޮށްދެވޭނެ ކަންތައްތަކަކީ ވީ އެންމެ އަވަހަކަށް މާކެޓަށް ނެރުމަށްޓަކައި،" މިނިސްޓަރު ވިދާޅުވި އެވެ.

އެކަމަށްޓަކައި އެ ރަށްތަކަށް އިންވެސްޓުކޮށްފައިވާ ފަރާތްތަކަށް ގާނޫނީ ގޮތުން ދެވޭނެ ލުއިތަކަކީ ކޮބައިކަން ދެނެގަތުމަށް، ފައިސަލް ވިދާޅުވި ގޮތުގައި ޓޫރިޒަމް މިނިސްޓްރީ އާއި ބަންޑާނައިބާ އެކު ވެސް މަޝްވަރާތަކެއް އަންނަނީ ކުރަމުންނެވެ.

މި އަހަރު ރާއްޖެއަށް އައި 1.8 މިލިއަން ވަނަ ޓޫރިސްޓަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް މަރުހަބާ ކިޔަނީ. --ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ

މި އަހަރު ރާއްޖެއަށް އައި 1.8 މިލިއަން ވަނަ ޓޫރިސްޓަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް މަރުހަބާ ކިޔަނީ. --ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ފަހު، އިންވެސްޓަރުންނަށް ލުއިތަކެއް ދިނުމަށް ގާނޫނަށް ގެންނަންޖެހޭ ބަދަލެއް އޮތް ނަމަ އެ ކަން ވެސް ކުރައްވާނެ ކަން އޭނާ ހާމަކުރެއްވި އެވެ.

"އަޅުގަނޑުގެ ވަރަށް ބޮޑު އަމާޒެއް އެއީ އެހެން ނުހެދި ހުރި ރަށްތައް، މި ފަސް އަހަރު ދުވަހުގެ ތެރޭގައި އޭގެން 30،40،50 ޕަސެންޓު ރަށްތައް މާކެޓަށް ނެރުން. އެ ފަރާތްތަކަށް ލުއިތައް ހޯދައިދީގެން އެ މަސައްކަތް އިރާދަކުރެއްވިއްޔާ ވަރަށް ބާރު ސްޕީޑުގައި ކުރިއަށް ގެންދާނަން،" ފައިސަލް ވިދާޅުވި އެވެ.

ރަށްތައް ނުހެދި ދިގުލައި މައިގަނޑު ސަބަބަށް އަލިއަޅުއްވާލައްވައި، މިނިސްޓަރު ވިދާޅުވި ގޮތުގައި ރިސޯޓެއް ހޭދަކުރަން ބޮޑު ހޭދައެއް ކުރަންޖެހޭ އިރު ރާއްޖޭގައި އިންވެސްޓްމަންޓު ބޭންކެއް ނެތުމަކީ ރަށްތައް ތަރައްގީކުރަން ދިމާވާ އެންމެ ބޮޑު ދައްޗެވެ.

މި އަހަރުގެ ރިޔާސީ ކެމްޕޭނުގެ ތެރޭގައި، ރާއްޖޭގައި އިންވެސްޓްމެންޓު ބޭންކެއް ގާއިމުކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވީ އެކަން އެނގިވަޑައިގަންނަވާތީ ކަމަށާއި އެ ބޭންކު ގާއިމުކުރުމުގެ މަސައްކަތް ވެސް ސަރުކާރުން ކުރިއަށް ގެންދާ ކަން ފައިސަލް ހާމަކުރެއްވި އެވެ.

ފިނޭންސް މިނިސްޓްރީން އެންމެ ފަހުން އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު، ރާއްޖޭގެ ރިސޯޓުތަކުގެ ތެރެއިން 88 ރަށެއްގެ މަސައްކަތް އެއްބަސްވުމާ އެއްގޮތަށް ކުރިއަށް ނުގޮސް ހުއްޓިފައި އެބަހުއްޓެވެ.

އެ ރަށްތަކުގެ ސަބަބުން 1.7 ބިލިއަން ޑޮލަރު (26 ބިލިއަން ރުފިޔާ) ކޮންމެ އަހަރަކު އިގްތިސާދަށް ނުލިބި ގެއްލޭ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ އެވެ.

މިދިޔަ އޮކްޓޯބަރު މަހު ފިނޭންސް މިނިސްޓްރީން އާންމުކުރި "ފިސްކަލް ހިރާސްތަކުގެ ބަޔާން" ގައިވާ ގޮތުން، އެންމެ ގިނަ ރިސޯޓުތައް ނުހެދި ހުއްޓިފައި ވަނީ ކ. އަތޮޅުގަ އެވެ. އެ އަތޮޅުގައި މަސައްކަތް ހުއްޓި، އޮޕަރޭޝަން ނުފެށި 29 ރިސޯޓެއް އެބަ އޮތެވެ. ރާއްޖޭގައި މިހާރު އެންމެ ގިނަ ރިސޯޓް ހިންގަނީ ވެސް ކ. އަތޮޅުގަ އެވެ. އެ އަތޮޅުގައި ހިދުމަތް ދޭ ރިސޯޓުތަކުގެ އަދަދު 55 އަށް އަރަ އެވެ.

ރިސޯޓު ހެދުން ހުއްޓިފައިވާ ރަށްތައް ދެވަނަ އަށް އެންމެ ގިނައީ ގއ. އަތޮޅުގަ އެވެ. އެ އަތޮޅުގައި މަސައްކަތް ހުއްޓިފައި ވާ 10 ރަށް އެބަ އޮތެވެ. ލ. އަތޮޅުގެ ހަތް ރަށެއްގެ މަސައްކަތް ހުއްޓިފައި ވާއިރު ބ. އަތޮޅާއި ނ. ގައި ވެސް އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ކުރިއަށް ނުގެންގޮސް، ހިދުމަތް ދޭން ނުފަށާ އޮތް ފަސް ރަށް އެބަ އޮތެވެ.

ރާއްޖޭގައި މި ވަގުތު 173 ރިސޯޓެއް ހިންގަ އެވެ. ނުހެދި ހުރި ރިސޯޓުތަކާ މެދު ލުއި ގޮތްތަކެއް ހަމަޖައްސައި ދިނުމަށް ކުރީގެ ސަރުކާރުތަކުން އެކި ގޮތް ގޮތުން ވަނީ މަސައްކަތް ކޮށްފަ އެވެ.

އެކަން ހައްލުކުރަން، ނުހެދި ހުންނަ ރިސޯޓުތައް އެހެން ފަރާތަކަށް ވިއްކާއިރު ނަގާ ފީ މިދިޔަ އަހަރު 90 ޕަސެންޓް ވަނީ ކުޑަކޮށްދީފަ އެވެ.