Roadha Mihaaru
ހަށިވިއްކާ ސްޕާއިން ހައްޔަރުކުރި ދިވެހިމިހާ ދޫކޮށްލައިފި

ހަށިވިއްކާ ސްޕާއިން ހައްޔަރުކުރި ދިވެހި މީހާ ދޫކޮށްލައި ތައިލެންޑު ތިން އަންހެނުން ބަންދަށް

05 ޖުލައި 2024

ހަށިވިއްކުމުގެ ބޭނުމަށް ސްޕާއެއްގެ ގޮތުގައި ހިންގަމުން ދިޔަ ތަނުން ރޭ ހައްޔަރުކުރި ދިވެހި ފިރިހެން މީހާ ދޫކޮށްލައި ތައިލެންޑްގެ ތިން އަންހެނުން 15 ދުވަހަށް ބަންދުކޮށްފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ހަށިވިއްކުމުގެ ބޭނުމަށް ސްޕާއެއްގެ ގޮތުގައި ހިންގަމުން ދިޔަ ތަނުން ރޭ ހައްޔަރުކުރި ދިވެހި ފިރިހެން މީހާ ދޫކޮށްލައި ތައިލެންޑްގެ ތިން އަންހެނުން 15 ދުވަހަށް ބަންދުކޮށްފި އެވެ.

މާލޭގައި ހިންގަމުން ދިޔަ އެ ސްޕާގައި ބިދޭސީ އަންހެނުންތަކެއް ހަށިވިއްކާ ކަމުގެ މައުލޫމާތު ލިބިގެން ހިންގި އޮޕަރޭޝަންގައި އެ ތަން ބަަލައި ފާސްކޮށް، ހައްޔަރުކުރީ 55 އަހަރުގެ ދިވެހި ފިރިހެނަކާއި ތައިލެންޑުގެ 30 އަހަރުގެ ދެ އަންހެނަކާއި 28 އަހަރުގެ އަންހެނެކެވެ.

ޕޮލިހުން ބުނީ އެ މައްސަލާގައި ހައްޔަރުކުރި މީހުންގެ ބަންދާ މެދު ގޮތެއް ނިންމަަން ކްރިމިނަލް ކޯޓަށް ގެންދިއުމުން ޝަރުތު ކުރުމަށް ފަހު ދިވެހި ފިރިހެން މީހާ ދޫކޮށްލާފައިވާ ކަމަށެވެ. އަދި ތައިލެންޑުގެ ތިން އަންހެނުންގެ ބަންދަށް 15 ދުވަސް ދީފައިވާ ކަމަށް ވެސް ޕޮލިހުން ބުންޏެވެ.

މިދިޔަ ހަފްތާގައި ވަނީ މާލޭގައި ހަށިވިއްކަމުން ދިޔަ ވިއެޓްނާމްގެ ދެ އަންހެނަކު ވެސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. މި މީހުން ހައްޔަރުކުރީ މާލޭގައި ފުޅާދާއިރާއެއްގައި ހަށިވިއްކާ ކަމުގެ މައުލޫމާތު ފުލުހުންގެ އިންޓެލިޖެންސަށް ލިބިގެން ހިންގި އޮޕަރޭޝަނެއްގަ އެވެ.

ސްޕާގެ ނަން ބޯޑު ޖަހައިގެން މާލޭގައި ޕްރޮފެޝަނަލް މަސާޖުކުރާ ކަމަށް ބުނެ ވަރަށް ގިނަ އަދަދަކަށް މަސާޖު ޕާލާތައް ހިންގި ނަމަވެސް އެއީ ފުޅާދާއިރާއެއްގައި ހަށިވިއްކާ ތަންތަން ކަމުގެ ތުހުމަތު އެތައް ބަޔަކު ކުރެ އެވެ. އެކަން ކުރާ ކަމަށް ތުހުމަތު ކުރެވޭ ބިދޭސީ އަންހެނުން ދަނީ އެ މީހުންގެ ފޮޓޯ އާއި މޮބައިލް ނަމްބަރު ވެސް ޖަހައިގެން ސޯޝަލް މީޑިއާގައި އިޝްތިހާރު ކުރަމުންނެވެ.

އެ ގޮތަށް ހިންގާ ސްޕާތައް ހުއްޓުވުމަށް ދޭތެރެދޭތެރެއިން ކަމާ ގުޅުން ހުރި އިދާރާތަކުން އޮޕަރޭޝަންތައް ހިންގިޔަސް ހުރިހާ ތަނެއް ބަންދެއް ނުކުރެވެ އެވެ. އެ ސްޕާތައް ހިންގުމާއި ފައިސާ ނެގުމުގައި ވެސް ތިބެނީ ދިވެހިންގެ ބަދަލުގައި މުޅިން ބިދޭސީންނެވެ.