Roadha Mihaaru

އިތުރު ހަތަރު މަސާޖު ޕާލާއެއް ފާސްކޮށް ފަސް މީހަކު އަތުލައިގެންފި

މާލޭ ހިންގަމުންދިޔަ އިތުރު ހަތަރު މަސާޖު ޕާލާއެއް ފާސްކޮށް ފަސް ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

އިތުރު ހަތަރު މަސާޖު ޕާލާއަކުން ފަސް މީހަކު ބަންދަށް
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

12 ޑިސެމްބަރ 2025

މާލޭ ހިންގަމުންދިޔަ އިތުރު ހަތަރު މަސާޖު ޕާލާއެއް ފާސްކޮށް ފަސް ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

އިމިގްރޭޝަނުން މިއަދު ބުނީ އެ މީހުން އަތުލައިތީ ގަވާއިދާ ހިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތަކަށް އަމާޒުކޮށް ހިންގަމުން އަންނަ އޮޕަރޭޝަންގެ ތެރެއިން ރޭ ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

އެ އޮޕަރޭޝަންގައި އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔައީ ދޫކޮށްފައިވާ ހުއްދައިގެ ބޭރުން ގަވައިދާ ހިލާފަށް މަސައްކަތް ކުރަމުން ދިޔަ ބިދޭސީ ފަސް އަންހެނަކު ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

މި ހަފުތާގެ ތެރޭގައި އިމިގްރޭޝަނުން ވަނީ އަށް މަސާޖް ޕާލާއެއް ފާސްކޮށް އެ ތަންތަން ބަންދުކޮށްފަ އެވެ. އެ ތަންތަނުން ވެސް ވަނީ ދޫކޮށްފައިވާ ހުއްދައިގެ ބޭރުން މަސައްކަތްކުރަމުން ދިޔަ ހަތް ބިދޭސީއަކު އަތުލައިގެންފަ އެވެ.

ނަމަވެސް ރޭ ފާސްކުރި އެއްވެސް ތަނެއް ބަންދުކުރި ކަމަކަށް ބުނެފައެއް ނުވެ އެވެ.

އިމިގްރޭޝަންގެ މުވައްޒަފުން ރޭ މަސާޖު ޕާލާއެއް ފާސްކުރަނީ.---ފޮޓޯ: އިމިގްރޭޝަން

އިމިގްރޭޝަންގެ މުވައްޒަފުން ރޭ މަސާޖު ޕާލާއެއް ފާސްކުރަނީ.---ފޮޓޯ: އިމިގްރޭޝަން

މަސާޖުޕާލާތަކުގެ ނަމުގައި މާލޭގައި ހިންގާ ވަރަށް ގިނަ ތަންތަނުގައި ހަށިވިއްކާ ކަމަށް އަބަދުވެސް ތުހުމަތު އޮވެ އެވެ. އަދި ބިދޭސީން ސޯޝަލް މީޑިއާގައި ފާޅުގައި އެފަދަ ކަންކަން އިޝްތިހާރު ވެސް ކުރެ އެވެ.

މާލެ އިން ރޭ ފާސްކުރި މަސާޖުޕާލާއެއްގައި މަސައްކަތްކުރާ ދެ ބިދޭސީއަކާ އިމިގްރޭޝަންގެ މުވައްޒަފުން ސުވާލު ކުރަނީ.---ފޮޓޯ: އިމިގްރޭޝަން

މާލެ އިން ރޭ ފާސްކުރި މަސާޖުޕާލާއެއްގައި މަސައްކަތްކުރާ ދެ ބިދޭސީއަކާ އިމިގްރޭޝަންގެ މުވައްޒަފުން ސުވާލު ކުރަނީ.---ފޮޓޯ: އިމިގްރޭޝަން

ރައީސް ޑރ. މުހައްމަދު މުއިއްޒު މާލޭގެ ތިން އަވަށުގެ ރައްޔިތުންނާ ދާދި ފަހުން ބައްދަލުކުރެއްވިއިރު ވެސް މަސާޖުޕާލާތަކުގެ ނަމުގައި ހަށިވިއްކާ ތަންތަން ހިންގާ ކަމުގެ ޝަކުވާ އާންމުންގެ ފަރާތުން ވަރަށް ބޮޑަށް އައިސްފައިވެ އެވެ.