Roadha Mihaaru
އޭޑީކޭއަށް ލިބެންޖެހޭ ފައިސާގެ މައްސަލަ ކޮމިޓީއަށް!

ސަރުކާރުން އޭޑީކޭ އަށް ދައްކަން ޖެހޭ ފައިސާ ހޯދަން މާލިއްޔަތު ކޮމިޓީގެ އެހީތެރިކަމަށް އެދިއްޖެ!

08 ޖުލައި 2024

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ނިމުމާ ހިސާބަށް ސަރުކާރުން އޭޑީކޭ ހޮސްޕިޓަލަށް ދޭން ޖެހޭ، އެހެން ނަމަވެސް ނުދީ އޮތް 144 މިލިއަން ރުފިޔާ ހޯދައި ދިނުމުގައި އެހީތެރިކަން ދިނުމަށް އެދި އެ ހޮސްޕިޓަލުން ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީ އަށް ސިޓީއެއް ފޮނުވައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ރާއްޖޭގައި ހިންގާ އަމިއްލަ އެންމެ ބޮޑު ހޮސްޕިޓަލުން އެ ކޮމިޓީ އަށް ފޮނުވި ސިޓީގައި ބުނީ، އޭޑީކޭ އިން ސަރުކާރުގެ މުއައްސަސާތަކަށް ދީފައިވާ ހިދުމަތްތަކާއި އާސަންދަ އާއި އެންސްޕާގެ ދަށުން ދީފައިވާ ހިދުމަތްތަކަށް ބިލް ފޮނުވާފައިވީ ނަމަވެސް ފައިސާ ނުލިބި އެތައް މަހެއް ވެފައިވާ ކަމަށެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް ސަރުކާރުން އޭޑީކޭ ހޮސްޕިޓަލަށް ދައްކަން ޖެހޭ 144،376،112ރ. އެބަހުރި ކަމަށް އޭޑީކޭ އިން ބުންޏެވެ.

އޭގެ ތެރެއިން ފައިސާ ނުދައްކާތާ 90 އަށް ވުރެ ގިނަ ދުވަސްވެފައިވާ 78،555،528ރ. ހޯދަން މަޖިލީހަށް ވެ ވެން އޮތް އެހީތެރިކަމެއް ދިނުމަށް އެ ހޮސްޕިޓަލުން ކޮމިޓޫގައި އެދުނެވެ.

އެ ސިޓީ މާލިއްޔަތު ކޮމިޓީ އަށް ފޮނުވާފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ.

މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ނިންމީ މިހާރު އޭގެ ތެރެއިން ލިބިފައި ވަނީ ކިހާ ފައިސާއެއްތޯ ނުވަތަ ނުލިބި އިތުރުވެފައި ވަނީ ކިހާވަރެއްތޯ ސާފު ކޮށްދިނުމަށް އޭޑީކޭ ހޮސްޕިޓަލަށް ސިޓީއެއް ފޮނުވުމަށެވެ.

ވ. އަތޮޅު ފިހާރަ އަށް ލިބިފައިވާ ކުލީގެ ފައިސާ އެ އަތޮޅު ކައުންސިލަށް ނުލިބިގެން ހުށަހަޅާފައިވާ ސިޓީއެއްގެ ވާހަކަ ވެސް ކޮމިޓީގައި މިއަދު ދެއްކި އެވެ. އަދި އެފަދަ އިތުރު ތިން މައްސަލައެއް ވެސް އެ ކޮމިޓީގައި މިހާރު އެބައޮތެވެ.