Roadha Mihaaru
އާސަންދައިން ނުދީހުރި ފައިސާގެ ތަފްސީލު ނުދޭތީ ނުރުހުން

އާސަންދައިން ނުދައްކާ ހުރި ފައިސާގެ ތަފްސީލު ނުދޭތީ މެންބަރުންގެ ނުރުހުން

30 ޖުލައި 2024

އާސަންދައިން އެކި ފަރާތްތަކަށް ދައްކަން ޖެހޭ ފައިސާގެ ތަފްސީލުތައް ދޭން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އެންގުމުން ވެސް އެ މައުލޫމާތު ހާމަ ނުކުރާތީ މާލިއްޔަތު ކޮމިޓީގެ މެންބަރުން މިއަދު ހިތްހަމަނުޖެހުން ފާޅު ކުރައްވައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އާސަންދައިން އެކި ފަރާތްތަކަށް ދައްކަން ޖެހޭ ފައިސާގެ ތަފްސީލުތައް ދޭން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އެންގުމުން ވެސް އެ މައުލޫމާތު ހާމަ ނުކުރާތީ މާލިއްޔަތު ކޮމިޓީގެ މެންބަރުން މިއަދު ހިތްހަމަނުޖެހުން ފާޅު ކުރައްވައިފި އެވެ.

މާލިއްޔަތު ކޮމިޓީން ވަނީ އެންސްޕާ އާއި އާސަންދަ އިން ވެސް ކުންފުނިތަކަށް ނުދައްކާ ހުރި ފައިސާގެ ތަފްސީލު ހޯދަން އެދިފަ އެވެ.

އެކަމާ ގުޅިގެން އާސަންދަ އިން ލިޔުމުން ދިން ޖަވާބުގައި ބުނެފައިވަނީ ފައިސާ ދޭންޖެހޭ ވަކިވަކި ކުންފުނިތަކުގެ ތަފްސީލު ހާމަކުރަން އުނދަގޫ ކަމަށާއި އެހެން ނަމަވެސް ޖުމްލަކޮށް ޕްރައިވެޓް ސެކްޓަރަށް އަދި ޕަބްލިކް ސެކްޓަރަށް ދޭން ހުރި ފައިސާގެ ތަފްސީލު ހާމަ ކުރެވިދާނެ ކަމަށެވެ.

މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމުގައި މިކަމާ ގުޅިގެން ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ (ގަޕޯ) ވިދާޅުވީ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މައުލޫމާތު ހޯދަން އެދުމުން އެކަމަށް އިއުތިރާޒު ކުރަން ޖެހޭ ސަބަބެއް ނެތް ކަމަށާއި ކޮމިޓީން އެދުނު ގޮތަށް ވަކިވަކިން އެ މައުލޫމާތުތައް ހާމަކުރަން ޖެހޭ ކަމަށެވެ.

"އެެ ބޭފުޅުންނަށް މައުލޫމާތު ހާމަކުރެވޭނެ ސިއްރު ޖަހާފައި ވެސް. އަޅުގަނޑުމެންގެ އިހްތިޔާރުގައި އޮންނަ ކަމެއް ހާމަ ކުރުމާއި ހާމަ ނުކުރުމަކީ ވެސް. ނުލިބޭނެ އުޒުރެއް ދެއްކުމަކީ އެބޭފުޅުންނަށް އޮތް ކަމެއް ނޫން. އަޅުގަނޑު ހުށަހަޅަން އަމުރެއް ނެރެގެން ވެސް އެ މައުލޫމާތު ހޯދަން،" އޭނާ ވިދާޅުވި އެވެ

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވެސް ވިދާޅުވީ ކޮމިޓީން އެދޭ މައުލޫމާތެއް އާސަންދައިން ދޭން ޖެހޭނެ ކަމަށާއި އާސަންދައިގެ ހާލަތު ރަނގަޅުކޮށް ހާލަތު ބަދަލުކޮށްދެވޭނެ ކަންކަން ވެސް މަޖިލީހުން ކުރެވޭނެ ކަމަށެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ ހޮސްޕިޓަލްތަކަށް ބޮޑެތި އަދަދުތަކުން ފައިސާ ދައްކަން ޖެހޭ ސަބަބާއި ރާއްޖޭގެ ހޮސްޕިޓަލްތަކާއި ބޭރުގެ ހޮސްޕިޓަލްތަކާ ގުޅިގެން ހަދާ ސެންޓަރު ވެސް އާސަންދައިން ދޭން ޖެހޭ އަދަދުތައް އެނގެން ބޭނުންވާ ކަމަށެވެ.

"އަޅުގަނޑުމެން ބޭނުންވޭ މީގެ ސައްހަ މައުލޫމާތު. ބޭރުގެ ހޮސްޕިޓަލުތަކާ ގުޅިގެން ރާއްޖޭގައި ގާއިމް ކޮށްފައި ހުރި ތަންތަނަށް ކުރާ ހަރަދަކީ ކޮބައިތޯ. އެތަންތަނަށް ދައްކަން ހުރި ފައިސާ އަކީ ކޮބައިތޯ. އަޅުގަނޑުމެންނަށް މައުލޫމާތު ލިބޭ އައިޖީއެމްއެޗްގެ ހާޓް ސެންޓަރަށް ވެސް އެތައް މިލިއަން ޑޮލަރެއް ދައްކަން އެބައޮތް ކަން،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ މައުލޫމާތުތައް ފޮރުވުމުގެ ބޭނުމެއް ނެތް ކަމަށާއި އެކަން ސާފުކޮށް ކިޔައިދޭން ޖެހޭ ކަމަށެވެ.

"މިހާރު ރާއްޖޭން ބޭރު ހޮސްޕިޓަލެއް ގަނެގެން ވެސް ނުދާހާ ހަރަދު މިތަންތަނަށް ކުރަންޏާ އަޅުގަނޑުމެން އެބަ ޖެހޭ މިކަން ބަލާލާފައި މިކަމަށް އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯ ބަލަން." އޭނާ ވިދާޅުވި އެވެ.

ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވީ މިދިޔަ ސަރުކާރުން އެންމެ ބޮޑަށް ވައްކަން ކޮށްފައިވަނީ އާސަންދަ މެދުވެރިކޮށް ކަމަށް މިއީ އެންމެ ގިނައިން ދެކެވޭ ވާހަކަ ކަމަށެވެ.

"މާލީ ވަޒީރު އައިސްފަ އެންމެ ބޮޑު ކަންބޮޑުވުމެއް ފާޅުކޮށް އެންމެ އަވަހަށް އިސްލާހުކުރަން ވެފަ އޮތް ދާއިރާއަކީ މި ދާއިރާ ކަމަށް ވިދާޅުވީ. މެޑިކަލް މާފިޔާގެ ނުފޫޒު މިކަމުގައި އޮތް ވާހަކަ އެބަ ދައްކާ. އެއަށް ހުރި ދޮރުތައް ބަންދު ކުރުމަށްޓަކައި ޔޫރަޕްގެ މީހުން ބޭނުންކުރާ ބޭސް ރައްޔިތުން ކާން ޖެހޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ގަބޫލު ކުރައްވާ،" އޭނާ ވިދާޅުވި އެވެ.

މިކަމުގައި އެ މައުލޫމާތުތައް ދިނުމަށް އަލުން އާސަންދައަށް އެންގުމަށް ކޮމިޓީން މިއަދު ވަނީ ނިންމާފަ އެވެ.