Roadha Mihaaru
އެމްޑީޕީގެ ވިސްނުމުގައިއުޅެނީ ކައުންސިލްތައް ސައިޒުކުރަން

އެމްޑީޕީގެ ވިސްނުމުގައި މިހާރު އުޅެނީ ކައުންސިލްތައް "ސައިޒު" ކުރަން

06 އޯގަސްޓް 2024

ލޯކަލް ކައުންސިލަރުންގެ އަދަދު މަދުކުރަން އުޅެނީ ކައުންސިލްތައް "ސައިޒު" ކުރުމުގެ ބޭނުމުގައި ކަމަށް ވިދާޅުވެ، އިދިކޮޅު އެމްޑީޕީގެ ބައެއް އިސްވެރިން ރޭ ފާޑުވިދާޅުވެއްޖެ އެވެ.

ލޯކަލް ކައުންސިލަރުންގެ އަދަދު މަދުކުރަން އުޅެނީ ކައުންސިލްތައް "ސައިޒު" ކުރުމުގެ ބޭނުމުގައި ކަމަށް ވިދާޅުވެ، އިދިކޮޅު އެމްޑީޕީގެ ބައެއް އިސްވެރިން ރޭ ފާޑުވިދާޅުވެއްޖެ އެވެ.

އެ ޕާޓީން ސިލްސިލާކޮށް މިހާރު ބާއްވާ ޕެނަލް ޑިސްކަޝަންގެ ރޭގެ ބައްދަލުވުން ހާއްސަކުރީ ލާމަރުކަޒީ ނިޒާމަށެވެ.

އެ ޕެނަލް ޑިސްކަޝަންގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ އާ ނައިބު ރައީސް ހިސާން ހުސައިން ވިދާޅުވީ، މި ސަރުކާރުން އުޅެނީ ކައުންސިލްތައް "ސައިޒު" ކުރަން ކަމަށެވެ.

"އެކަމަކު އެއީ އަޅުގަނޑުމެން ގަބޫލުކުރާ ކަމެއް ވެސް ނޫން އަދި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ތަން ދޭނެ ގޮތެއް ވެސް ނޫން،" މިދިޔަ 19 ވަނަ ރައްޔިތުންގެ މަޖިލިހުގައި ތުޅާދޫ ދާއިރާގެ މެމްބަރުކަން ކުރެއްވި ޖުޑީޝަލް ސާވިސް ކޮމިޝަންގެ ކުރީގެ ރައީސް ހިސާން ވިދާޅުވި އެވެ.

ކައުސިލަރުންގެ އަދަދު ގިނަވެ، ލާމަރުކަޒީ ނިޒާމުގެ ހަރަދުތައް ބޮޑުވެފައިވާ މައްސަލަ މި ސަރުކާރުގެ ސުޕަ މެޖޯރިޓީގެ އަޣުލަބިއްޔަތު އޮންނަ ރައްޔިތުންގެ މަޖިލިހުގެ ސަމާލުކަމަށް ވަނީ އައިސްފަ އެވެ. އެހެންވެ، އެކަން ކުރާނެ ގޮތުގެ މަޝްވަރާތައް އަންނަނީ ކުރަމުންނެވެ.

ރައީސް މުއިއްޒު އެންމެ ފަހުން ވިދާޅުވެފައި ވަނީ އާބާދީގައި 3،000 އަށް ވުރެ މަދުން މީހުން ދިރިއުޅޭ ރަށަކަށް ތިން ކައުންސިލަރުން ހޮވުމުން ފުދޭނެ ކަމަށެވެ. ރައީސް ވިދާޅުވީ، ކައުންސިލުތަކުން ދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ގިނަ ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށެވެ. އެ ބަދަލުތައް ގެނައުމަށްޓަކައި ކަމާ ބެހޭ އިދާރާތަކުން މަސައްކަތްކުރަމުން އަންނަ ކަމަށް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑު ހިތުން 3،000 މީހުންނަށް ވުރެ ގިނަ ނޫން އާބާދީ އޮންނަ ރަށުގައި ތިން ބޭފުޅަކު އިންތިހާބުކުރީމަ ފުދޭނެ،" މިދިޔަ ޖުލައި މަހު ރައީސް މުއިއްޒު ވިދާޅުވި އެވެ.

އެއީ އެ މަނިކުފާނު ވިދާޅުވި ގޮތުން ނަމަ ކައުންސިލްގެ ރައީސާއި އިތުރު ދެ މެމްބަރެކެވެ.

"އޭގެ ތެރެއިން އެއް ބޭފުޅަކީ އަންހެނުންގެ ފަރާތުން އިންތިހާބުކުރާ އަންހެނުންގެ ރައީސާއަކަށް ވުމާއި އަދި އެއް ބޭފުޅަކީ ޒުވާނުންގެ ފަރާތުން އިންތިހާބުކުރެވޭ ޒުވާނުންގެ ރައީސެއްގެ ގޮތުގައި ހުންނަ ބޭފުޅަކަށް ވެ، ތިން ބޭފުޅުން ތިބެ ކައުންސިލްގެ ރައީސްގެ ގޮތުގައި ހޮވާ މީހާގެ އިތުރަށް ދެން ހޮވާ ދެ ބޭފުޅުންގެ ތެރެއިން އެކަކު އެއީ ނައިބު ރައީސަކަށް ކަނޑައެޅިދާނެ."

މި އުސޫލަށް ބަދަލުކުރެއްވިއްޖެ ނަމަ ކައުންސިލްތަކާއި އަންހެނުންނާއި ޒުވާނުންގެ ބައިވެރިވުން ވެސް އޮންނާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، އުސޫލަށް ބަދަލުކުރެއްވިއްޖެ ނަމަ ކައުންސިލްތަކާއި އަންހެނުންނާއި ޒުވާނުންގެ ބައިވެރިވުން ވެސް އޮންނާނެ ކަމަށެވެ.

އެމްޑީޕީގެ ސަރުކާރުގައި ހެލްތު މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ކުރެއްވި އަދި އެ ޕާޓީގެ ކަންކަމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ޝަމާއު ޝަރީފު ރޭ ވިދާޅުވީ، ކައުންސިލްތަކުގެ ސައިޒު ކުޑަކުރަން އުޅޭ މައްސަލާގައި ވަރަށް ފުންކޮށް ވިސްނަން ޖެހޭނެ ކަމަށެވެ. އެހެން އެކަން ކޮށްފި ނަމަ އަނެއްކާ ވެސް ހުދުމުހުތާރު ނިޒާމަކަށް ބަދަލުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ހަމައެކަނި ވެރިމީހާ އަންގާ ގޮތަށް އައްޔަންކުރާ މީހަކު ރަށްރަށުގައި ހުރެގެން ރަށްރަށުގެ ކަންތައްތައް ނިންމުން. އެއީއެއް ނޫން މި ނިޒާމުގެ ބޭނުމަކީ."--- ނިޔާޒު

ލާމަރުކަޒީ ނިޒާމުގެ ހަރަދު ބޮޑު ކަމަށް ދައްކާ ވާހަކަތަކަށް ރައްދު ދެއްވަމުން އެމްޑީޕީގެ ކުރީގެ ޑެޕިއުޓީ ޗެއާޕާސަން ހުޅުމާލެ ދާއިރާގެ ކުރީގެ މެމްބަރު އަލީ ނިޔާޒު ވިދާޅުވީ، ހުރިހާ ކައުންސިލަރުންނަށް މަހެއްގެ މައްޗަށް ހަރަދު ވަނީ 15 ވަރަކަށް މިލިއަން ރުފިޔާ ކަމަށް ވިޔަސް ސިޔާސީ މަގާމުތަކުގައި ތިބި މީހުންނަށް މަހަކު 60 މިލިއަން ހަރަދުވާނެ ކަމަށެވެ.

"އެހެންވީމާ މި ތަނުން ހަރަދު ބޮޑީ ކޮން ބައެއްގެ ތޯ؟ ހަރަދު ކުޑަކުރަން ފުރަތަމަ ފައްޓަންވީ ކައުންސިލަރުންނާ ހިސާބުން ތޯ؟ މީގައި މި އުޅެނީ ހަރަދު ކުޑަކުރުމެއް ނޫން. ދެންމެ [ހިސާން] އެ ވިދާޅުވި ގޮތަށް ކައުންސިލްތައް ސައިޒު ކުރަން، ކައުންސިލްތަކުގެ ބާރު ކަނޑުވާލަން،" ނިޔާޒު ވިދާޅުވި އެވެ.

"ހަމައެކަނި ވެރިމީހާ އަންގާ ގޮތަށް އައްޔަންކުރާ މީހަކު ރަށްރަށުގައި ހުރެގެން ރަށްރަށުގެ ކަންތައްތައް ނިންމުން. އެއީއެއް ނޫން މި ނިޒާމުގެ ބޭނުމަކީ."

ނިޔާޒު ވިދާޅުވީ، މާލެ އިން އަތޮޅުވެރިންނަށް އަންގައިގެން، ރަށުގައި ހުންނަ ކަތީބު ކަންކަން ނިންމާ ނިޒާމު ކަމުނުދާ ކަމަށެވެ.

އޭނާ ވިދާޅުވީ، ދައުލަތުގެ ބަޖެޓު 30 ބިލިއަނަށް އަރާފައިވާއިރު، އޭގެ ތެރެއިން އެއް ބިލިއަން ރުފިޔާ 184 ރަށުގެ އިދާރީ ހިންގުމަށް ބޮޑު ނަމަ އޭގައި މައްސަލަތަކެއް އުޅޭ ކަމަށެވެ.