Roadha Mihaaru
ލަންކާއާ އެކު ޖިނާއީ ކަންކަމުގައި އެއްބާރުލުން ދެނީ

ޖިނާއީ މައްސަލަތަކުގައި އެއްބާރުލުން ދޭން ލަންކާއާ އެކު އެއްބަސްވުމެއް

09 ޖުލައި 2024

ޖިނާއީ މައްސަލަތަކުގައި ގުޅިގެން މަސައްކަތް ކުރަން ރާއްޖެ އާއި ސްރީ ލަންކާއާ ދެމެދު އެއްބަސްވުމެއް ހެދުމާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަން މައްސަލައެއް ހުށަހަޅައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ޖިނާއީ މައްސަލަތަކުގައި ގުޅިގެން މަސައްކަތް ކުރަން ރާއްޖެ އާއި ސްރީ ލަންކާއާ ދެމެދު އެއްބަސްވުމެއް ހެދުމާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަން މައްސަލައެއް ހުށަހަޅައިފި އެވެ.

އެކަމާ ގުޅޭ ގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލިހަށް ފޮނުއްވި ސިޓީފުޅުގައި ވިދާޅުވީ، އެއީ ރާއްޖެ އާއި ލަންކާއާ ދެމެދު އޮތް ގުޅުން ދެމެހެއްޓުމާ އެކު، ޖިނާއީ ކުށްތައް ހުއްޓުވުމަށް ދެ ގައުމުގެ އެހީތެރިކަމާއި އެއްބާރުލުން އެއް ގައުމުން އަނެއް ގައުމަށް ދިނުމުގެ ބޭނުމުގައި ހަދާ އެއްބަސްވުމެއް ކަމަށެވެ.

އެ އެއްބަސްވުމުގެ ދަށުން، އެ ގައުމެއްގެ ގާނޫނުތަކާއި ގަވައިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި އަދި ޝަރީއަތް ހިންގުމުގައި ދެވެން އޮތް އެންމެ ފުޅާ ދާއިރާއެއްގައި އެހީތެރިކަން ދޭނެ ކަމަށް ސިޓީފުޅުގައި ވެ އެވެ.

"ޓްރީޓީ ބިޓުވިން ދަ ގަވަމަންޓް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އެންޑް ދަ ގަވަމަންޓް އޮފް ދަ ޑިމޮކްރެޓިކް ސޯޝަލިސްޓް ރިޕަބްލިކް އޮފް ސްރީލަންކާ އޮން މިއުޗުއަލް ލީގަލް އެސިސްޓަންސް އިން ކްރިމިނަލް މެޓާސް" ތަސްދީގު ކުރުމަށް މިދިޔަ މަހު 2 ގައި ސަރުކާރުން ނިންމާފައިވާ ކަމަށާއި އެ މައްސަލާގައި މަޖިލީހުގެ ރުހުން ބޭނުން ކަމަށް ރައީސްގެ ސިޓީފުޅުގައި ވިދާޅުވި އެވެ.

ބޭރު ގައުމުތަކާއި ބައިނަލްއަގުވާމީ ޖަމިއްޔާތަކާއެކު ބައިވެރިވާ މުއާހަދާތަކުގެ ތެރެިއން ރައްޔިތުން އެއްވެސް އިލްތިޒާމެއް އުފުލަން ޖެހޭ ބާވަތުގެ މުއާހަދާތަކުގައި ސޮއިކުރަން ވާނީ މަޖިލީހުގެ ރުހުމާ އެކުގައި ކަމަށް ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ފ) ގެ 2 ގައި ބަޔާން ކޮށްފައި ވެ އެވެ.

އެހެންވެ، ރައީސް މުއިއްޒު ފޮނުވި އެއްބަސްވުމުގައި ސޮއިކުރުމުގެ ކަންކަން ދިރާސާ ކުރުމަށް ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީ އަށް ފޮނުވަން މަޖިލީހުގެ ރިޔާސަތުން މިއަދު ނިންމި އެވެ.