Roadha Mihaaru
ފަނޑިޔާރުން ހައްޔަރުކުރުމުން ޔާމީނަށް ދައުވާ ކުރަންޖެހޭ

ފަނޑިޔާރުން ހައްޔަރުކުރި މައްސަލާގައި ޔާމީނަށް ދައުވާ ކުރަންޖެހޭ: މުހުތާޒު

11 ޖުލައި 2024

އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު ހައްޔަރުކުރި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުވާ އުފުލަން ޖެހޭ ކަމަށް ރައީސްގެ ކްރިމިނަލް ޖަސްޓިސް އެޑްވައިޒަރު އަދި ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒު މުހުސިން ރޭ ވިދާޅުވެއްޖެ އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު ހައްޔަރުކުރި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުވާ އުފުލަން ޖެހޭ ކަމަށް ރައީސްގެ ކްރިމިނަލް ޖަސްޓިސް އެޑްވައިޒަރު އަދި ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒު މުހުސިން ރޭ ވިދާޅުވެއްޖެ އެވެ.

ޔާމީންގެ ވެރިކަމުގައި ބަންދުގައި ތިބި ސިޔާސީ ގިނަ ބޭފުޅުންތަކެއް ދޫކޮށްލުމަށާއި އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑިތަކެއް ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން 2018 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ ކޯޓު އަމުރެއް ނެރުނެވެ.

ނަމަވެސް ސުޕްރީމް ކޯޓުން ކުއްލި ގޮތަކަށް ނެރުނު އެ އަމުރު ތަންފީޒު ކުރުން އޭރުގެ ސަރުކާރުން ފަސްކޮށް، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ސުޕްރީމް ކޯޓު ތެރެއަށް ފުލުހުންނާއި ސިފައިން ވަދެ، އޭރުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ގަދަކަމުން ހައްޔަރުކޮށްގެން ގެންގޮސް، ދޫނިދޫގައި ބަންދުކުރި އެވެ. އަދި ހަމަ އެރޭ ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމް ވެސް ހައްޔަރުކުރި އެވެ.

ފަނޑިޔާރުން ހައްޔަރުކުރަން ސުޕްރީމް ކޯޓުގެ ފުރާޅުން ޓިނު ނަގައިގެން ސިފައިން ވަނީ ކަމަށް ބުނެ ފޮޓޯތަކެއް އާންމުވެ، އެކަމަށް ޔާމީންގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވި އެވެ. ނަމަވެސް ވެރިކަން ގެއްލުނު ފަހުން ޕީޕީއެމް އިން ބޭއްވި ޖަލްސާއެއްގައި ޔާމީން ވިދާޅުވެފައިވަނީ ދައުލަތް ހިންގުމަށް ހުރަސް އެޅޭ ހިސާބަށް ދިއުމުން ސުޕްރީމް ކޯޓަށް ސިފައިން ފޮނުވީ ކަމަށާއި އަދި ސަލާމަތީ ބާރުތަކަށް އެ ދަނޑިވަޅުގައި ހިތްވަރު ދެއްވި ކަމަށެވެ.

"އަސްލު ޓީވީ"ގެ ޕްރޮގްރާމެއްގައި ރޭ ވާހަކަ ދައްކަވަމުން މުހުތާޒު ވިދާޅުވީ ސުޕްރީމް ކޯޓުގެ ޓިނު ނަގައިން އެ ތަނަށް ސިފައިންނާއި ފުލުހުން ވެއްދި ކަމަށް ޔާމީން ވަނީ އިއުތިރާފުވެވަޑައިގެންފައި ކަމަށާއި އެއީ މަޖަލަކަށް ދެއްކިގެން ވާނެ ކަމެއް ނޫން ކަމަށެވެ. އަދި ދައުލަތުގެ އެއް ބާރުގައި ހިމެނޭ ފަނޑިޔާރުންގެ ގައިގާ އެގޮތަށް އަތްލެވިގެން ނުވާނެ ކަމަށާއި އެހެންވެ، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދައުވާކުރި ފަދައިން ޔާމީންގެ މައްޗަށް ވެސް ދައުވާ ކުރަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މުހުތާޒު މުހުސިން: ޔާމީންގެ މައްޗަށް ދައުވާ ކުރަން ޖެހޭ ކަމަށް ވިދާޅުވި

މުހުތާޒު މުހުސިން: ޔާމީންގެ މައްޗަށް ދައުވާ ކުރަން ޖެހޭ ކަމަށް ވިދާޅުވި

"ހަމަ ރައީސް ނަޝީދަށް ދައުވާ ކުރެވޭ ކަމަށްވާ ނަމަ، ރައީސް ޔާމީންގެ މައްޗަށް ވެސް އެ ދައުވާ ހިންގެން ޖެހޭނެ. އެ ޕަބްލިކަލީ އެއަށް އެއްބަސްވެފައި އަމިއްލަފުޅަށް އެބަ ވިދާޅުވެސް ވޭ ތިމަން މަނިކުފާނު ވެސް އެގޮތަށް އެކަން ކުރެއްވީމޭ. އޭރު ރައީސް ނަޝީދު ވެސް ވިދާޅުވި އަބްދުﷲ ގާޒީ ކައިރިވިޔަ ނުދޭނަމޭ. އޭރު ތަހުގީގުކޮށް ދައުވާ ވެސް ކުރި ރައީސް ނަޝީދުގެ މައްޗަށް،" މުހުތާޒު ވިދާޅުވި އެވެ.

ޔާމީންގެ ވެރިކަމުގައި ނަޝީދުގެ މައްޗަށް ތަހުގީގު ހިންގައި ޓެރަރިޒަމްގެ ދައުވާ އުފުލީ އޭރު ކްރިމިނަލް ކޯޓުގެ ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލާގަ އެވެ. އެ މައްސަލާގައި ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލީ ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމުގައި މުހުތާޒް ހުންނަވައިގެންނެވެ.

"ސުޕްރީމް ކޯޓަށް ވަތް މައްސަލާގައި ވެސް އަޅުގަނޑު މި ބުނަނީ އެތަނަށް ވަތް ފުލުހުން ވެސް އަދި ސިފައިން ވެސް އެތަނަށް ވަތް މީހުންގެ މައްސަލަ ވެސް، އެކަމަށް އަމުރު ކުރި މީހުންގެ މައްސަލަ ވެސް ހުރިހާ ބޭފުޅުންގެ މައްސަލަ ބެލެން ޖެހޭނެ އެއީ ވަޒީރަކަށް ވެސް އެޓާނީ ޖެނަރަލް ކަމަށްވީ ނަމަވެސް ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު ކަމަށްވީ ނަމަވެސް، އޭރުގެ ރައީސުލްޖުމްހޫރިއްޔާ ކަަމަށްވީ ނަމަވެސް ފިޔަވަޅު އެޅެން ޖެހޭނެ." މުހުތާޒު ވިދާޅުވި އެވެ.

އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކުރި މައްސަލާގައި ފިޔަވަޅު އެޅުމުގެ ކަންކަން ތަންފީޒު ކުރަން މަސަައްކަތް ކުރައްވާނެ ކަމުގެ އިޝާރާތެއް ވެސް މުހުތާޒު ދެއްވި އެވެ. އޭނާ ވިދާޅުވީ އޭނާއަކީ ވާހަކަ މަދުކޮށްފަ އަމަލު ގިނަ ކުރާ މީހެއް ކަމަށާއި އަމަލުން ކަންކަން ދައްކާނެ ކަމަށެވެ.

މުހުތާޒު ވިދާޅުވީ ޝަރުއީ ދާއިރާ މިނިވަންކޮށް އިތުބާރު ދެމެހެއްޓުމަށްޓަކައި އެތަނަށް ނުފޫޒު ފޯރުވުން ހުއްޓާލަން ޖެހޭ ކަމަށާއި އެކަން ޔަގީން ކުރަން މަސައްކަތް ވެސް ކުރައްވާނެ ކަމަށެވެ. އަދި އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރުން ހައްޔަރު ކުރުމަކީ މާ ގަޓުހުރި ކަމަކަށް ހަދައިގެން އެ ވާހަކަ ދެއްކުމަކީ ވަރަށް ފިނޑިކަމެއްގެ ގޮތުގައި ވެސް މުހުތާޒު ފާހަގަ ކުރެއްވި އެވެ.

ޔާމީންއަށް ދައުވާ ކުރަން ޖެހޭ ކަމަށް މުހުތާޒު ވިދާޅުވިއިރު، ޔާމީންގެ ސަރުކާރުގައި އޭރުގެ އިދިކޮޅު ގިނަ ލީޑަރުންތަކެއްގެ މައްޗަށް ދައުވާތައް އުފުލި ޕްރޮސިކިއުޓާ ޖެނަރަލަކީ މުހުތާޒެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް ނަޝީދާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި ކުރީގެ ހޯމް މިނިސްޓަރު ޝައިހް އިމްރާން އަބްދުﷲ ހިމެނެ އެވެ.

އޭގެފަހުން މުހުތާޒާއި ސަރުކާރާ ދެމެދު ހިޔާލު ތަފާތުވެ، އޭރު ސަރުކާރުގެ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން މުހުތާޒު މަގާމުން ވަކިކުރި އެވެ. އަދި އޭގެ ދުވަސްކޮޅެއް ފަހުން، ޔާމީން ހައްޔަރު ކުރަން ސައްހަ ނޫން ކޯޓު އަމުރެއް ނެރެން މަސައްކަތް ކުރި ކަމަށް ބުނެ އިތުރު ބަޔަކާ އެކު މުހުތާޒް ހައްޔަރުކޮށް، 17 އަހަރުގެ ޖަލު ހުކުމެއް އިއްވި އެވެ. ފަހުން އޭނާ ޖަލުން މިނިވަންވީ ޔާމީންގެ ވެރިކަން ނިމުނު ފަހުން ހައި ކޯޓުން ޖަލު ހުކުމް ބާތިލް ކުރުމުންނެވެ.