Roadha Mihaaru
މާޔޫސް ނުވޭ، "ދަ ފައިޓް އިޒް އޮން": ޖަމީލް

ރައްޔިތުން މާޔޫސް ނުވޭ، "ދަ ފައިޓް އިޒް އޮން": ޖަމީލް

06 އޯގަސްޓް 2023

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިންތިހާބުގައި ވާދަނުކުރެވޭ ކަމަށް ސުޕްރީމު ކޯޓުން ނިންމި ނަމަވެސް، އެކަމަށް ޓަކައި ކުރާ މަސައްކަތް ހުއްޓާނުލާ ކުރިއަށް ގެންދަވާނެ ކަމަށް ޔާމީންގެ އިސް ވަކީލު އަދި ރަނިންމޭޓު ޑރ. މުހައްމަދު ޖަމީލް މިއަދު ވިދާޅުވެއްޖެ އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިންތިހާބުގައި ވާދަނުކުރެވޭ ކަމަށް ސުޕްރީމު ކޯޓުން ނިންމި ނަމަވެސް، އެކަމަށް ޓަކައި ކުރާ މަސައްކަތް ހުއްޓާނުލާ ކުރިއަށް ގެންދަވާނެ ކަމަށް ޔާމީންގެ އިސް ވަކީލު އަދި ރަނިންމޭޓު ޑރ. މުހައްމަދު ޖަމީލް މިއަދު ވިދާޅުވެއްޖެ އެވެ.

ޔާމީންގެ މައްޗަށް އޮތް ޖަލު ހުކުމުގެ ސަބަބުން އެ މަނިކުފާނުގެ ރިޔާސީ ކެންޑިޑެސީ ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަންސް (އީސީ) އިން ނިންމީ ރަނގަޅަށް ކަމަށް ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ އިއްތިފާގުން މިއަދު ވަނީ ހުކުމް ކޮށްފަ އެވެ. އެއާއެކު އަންނަ މަހު 9 ގައި އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ޔާމީނަށް ވަނީ ބަންދުވެފަ އެވެ.

ސުޕްރީމު ކޯޓުގެ މިއަދުގެ އަޑު އެހުމަށް ފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ޖަމީލް ވިދާޅުވީ އެންމެ ބޮޑު ކަންބޮޑުވުމަކީ ޔާމީނަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ހުކުމުގެ އިސްތިއުނާފުގެ ހައްގަށް ހުރަސް އަޅާފައިވުން ކަމަށެވެ. އަދި، މިއަދު ފެނިގެން ދިޔައީ އެކަމުގެ ނަތީޖާ ކަމަށް ވިދާޅުވި އެވެ.

"ވަރަށް ތަފްސީލީ ގޮތެއްގައި [އިސްތިއުނާފަށް ހުށަހަޅާފައި ވަނީ]، ދިވެހިރާއްޖޭގެ ދަށު ކޯޓުން ކުރި ހުކުމުގައި ހުރި ގޯސްތައް. އެއް ގޯސް ދެ ގޯހުގެ ވާހަކައެއް ނޫން މި ދައްކަނީ. ދަށު ކޯޓުގައި ހުރި ހުކުމުގައި ހުރީ ހައްތަހާ ވެސް ފޫނުބެދޭ ކަންތައްތައް،" ޖަމީލް ވިދާޅުވި އެވެ.

"ދަށު ކޯޓުގެ ފަނޑިޔާރު ކޯޓުގައި ނުދައްކާ ވާހަކަތަކެއްގެ މައްޗަށް ރިއާޔަތްކޮށްގެން ކޮށްފައިވާ ގޯސް ހުކުމެއްގެ ވާހަކަ މި ދައްކަނީ."

ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށުގައި ކްރިމިނަލް ކޯޓުން ޔާމީނުގެ މައްޗަށް އިއްވި 11 އަހަރުގެ ޖަލު ހުކުމަކީ ސިޔާސީ ގޮތުން އިއްވި ހުކުމެއް ކަމަށް ވިދާޅުވާ ވާހަކަ ޖަމީލް ވަނީ މިއަދު ވެސް ތަކުރާރު ކުރައްވައިފަ އެވެ.

"މި މިންވަރަށް ބަލަހައްޓައިގެން ތިބޭކަށް ނުވާނެޔޭ، މިއަށް އަޑު އުފުލަން ޖެހެޔޭ. މިއެއް ނޫނޭ ގައުމުތައް ވުޖޫދުގަ އޮވެގެން ގައުމުތައް ދަތުރު ކުރާ ގޮތަކީ. ދަ ފައިޓް އިޒް އޮން، ދަ ފައިޓް އިޒް އޮން. ގަބޫލުކުރައްވާ، ވަރަށް ސާފުކޮށް މި ދަންނަވަނީ."

ޖަމީލް ވިދާޅުވީ އެ "ގޯސް ހުކުމުގެ" މައްޗަށް މިއަދު ގެއްލިގެން ދިޔައީ އެތައް ހާސް ރައްޔިތުންގެ ހައްގު ކަމަށެވެ. އެހެންނަމަވެސް އެ ރައްޔިތުން ހިތްދަތި ނުވުމަށް އެދިވަޑައިގެން ޖަމީލް ވަނީ ރައްޔިތުން މިކަމާ ދެކޮޅަށް އަޑު އުފުލަން ގޮވާލައްވައިފަ އެވެ.

"މި މިންވަރަށް ބަލަހައްޓައިގެން ތިބޭކަށް ނުވާނެޔޭ، މިއަށް އަޑު އުފުލަން ޖެހެޔޭ، މިއެއް ނޫނޭ ގައުމުތައް ވުޖޫދުގަ އޮވެގެން ގައުމުތައް ދަތުރު ކުރާ ގޮތަކީ. ދަ ފައިޓް އިޒް އޮން، ދަ ފައިޓް އިޒް އޮން. ގަބޫލުކުރައްވާ، ވަރަށް ސާފުކޮށް މި ދަންނަވަނީ،" ޖަމީލް ވިދާޅުވި އެވެ.

"އިންސާފު ކޯޓުން ތާ ބަންދު ވީ، އެކަމަކު މި ފައިޓު އަޅުގަނޑުމެން ރައީސް ޔާމީންގެ ހައްގުގައި ކުރާނަން."

ރިޔާސީ އިންތިހާބުގައި ކުރިއަށް ދެން ދާނޭ ގޮތެއް ސީދާ ވިދާޅު ނުވިނަމަވެސް ޖަމީލް ވިދާޅުވީ ދަތުރުކުރާނީ ޔާމީނާއެކުގައި އެމަނިކުފާނު ދެއްވާ އިރުޝާދުގެ މަތީން ކަމަށެވެ. އަދި ޔާމީން ވެރިކަމަށް އައުމާ ހަމައަށް ކުރިއަށް ދާނެ ކަމަށް ވެސް ވިދާޅުވި އެވެ.