Roadha Mihaaru
ޖަޕާނުން 86 މިލިއަން ރުފިޔާގެ ސިއްހީ އާލާތްތައް ދީފި

ޖަޕާނުން 86 މިލިއަން ރުފިޔާގެ ސިއްހީ އާލާތްތައް ރާއްޖެ އަށް ހަދިޔާކޮށްފި

19 ޖެނުއަރީ 2021

ޖަޕާނުން 86 މިލިއަން ރުފިޔާގެ ސިއްހީ އާލަތްތައް ރާއްޖެ އަށް މިއަދު ހަދިޔާކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ޖަޕާނުން 86 މިލިއަން ރުފިޔާގެ ސިއްހީ އާލަތްތައް ރާއްޖެ އަށް މިއަދު ހަދިޔާކޮށްފި އެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗުއީއޯސީ) ގައި ބޭއްވި ރަސްމިއްޔާތުގައި، 5.6 މިލިއަން ޑޮލަރު (86 މިލިއަން ރުފިޔާ) ގެ ސިއްހީ ސާމާނު ހަދިޔާކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ހެލްތު މިނިސްޓަރު އަހުމަދު ނަސީމާއި ޖަޕާނުން ރާއްޖެ އަށް ކަނޑައަޅާފައިވާ ސަފީރު ކެއިކޯ ޔަނާއީ އެވެ.

އެ އާލާތްތަކުގެ ތެރޭގައި ބެޑްސައިޓް 65 މޮނީޓަރާއި 19 ޕޯޓަބްލް އަލްޓްރާ ސައުންޑް މެޝިނާއި 19 ޑީފައިބްރިލޭޓާސް އާއި 10 ޕޯޓަބްލް އެކްސްރޭ މެޝިނާއި 132 ސިރިންޖު ޕަމްޕު އަދި 132 ސިރިންޖު ޕަމްޕު އެސެސެރީސް ހިމެނެ އެވެ.

ޖަޕާނު އެމްބަސީން ބުނީ އެއީ ރީޖަނަލް ހޮސްޕިޓަލްތަކާއި އަތޮޅު ހޮސްޕޓަލްތަކުގެ ސިއްހީ ހިދުމަތް ރަނގަޅު ކުރުމަށާއި ކޮވިޑް-19 އާ ދެކޮޅަށް ރާއްޖެ އިން ކުރާ މަސައްކަތްތައް އިތުރަށް ރަނގަޅުކުރަން ދިން އެހީ އެއް ކަމަށެވެ.

އެހީގެ ސަބަބުން ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާވެ، ތަރައްގީ ވާނެ ކަމުގެ އުންމީދު ޖަޕާނުގެ އެމްބަސީން ކުރެ އެވެ.

ކޮވިޑުގެ ސަބަބުން ރާއްޖެ އަށް ދިމާފައިވާ އިގްތިސާދީ ދަތިކަމުން އަރައިގަތުމުގައި އެންމެ ބޮޑު އެހީތެރިކަމެއް ދިން އެއް ގައުމަކީ ޖަޕާނެވެ. އެގޮތުން، 0.01 ޕަސެންޓް އިންޓްރެސްޓުގައި 732 މިލިއަން ރުފިޔާގެ ބޮޑު ލޯނެއް ދީފައި ވެ އެވެ.

އޭގެ އިތުރުން ޔުނިސެފު މެދުވެރިކޮށް 356،400 ޑޮލަރުގެ އެހީއަކާއި ރެޑް ކްރެސެންޓް މެދުވެރިކޮށް 185،000 ޑޮލަރުގެ އެހީއެއް އަދި ޔޫއެންޑީޕީ މެދުވެރިކޮށް 1.4 މިލިއަން ޑޮލަރުގެ އެހީއެއް ވެސް ޖަޕާނުން ވަނީ މީގެ ކުރިން ރާއްޖެ އަށް ދީފަ އެވެ. މި އަހަރުން ފެށިގެން ކޮންމެ އަހަރަކު، މަތީ ތައުލީމު ހާސިލްކުރަން ދިވެހި ހަ ދަރިވަރަކު ޖަޕާނަށް ފޮނުވަން ވެސް އެ ގައުމުން ވަނީ އެއްބަސްވެފަ އެވެ. ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި 24 ދަރިވަރަކަށް މި ފުރުސަތު ދޭނެ އެވެ.