Roadha Mihaaru
ޖަޕާނުން ރާއްޖެއަށް ސްކޮލަޝިޕްގެ އިތުރު ފުރުސަތު

ވިސާގެ އެއްބަސްވުމަކާ އެކު ޖަޕާނުން ރާއްޖެއަށް ސްކޮލަޝިޕްގެ އިތުރު ފުރުސަތު

30 ޖުލައި 2023

ވިސާގެ އެއްބަސްވުމަކާ އެކު، ޖަޕާނު ސަރުކާރުން ރާއްޖެއަށް ދެމުންނަ އަންނަ ސްކޮލަޝިޕްގެ އިތުރު ފުރުސަތުތައް ދިނުމުގެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ވިސާގެ އެއްބަސްވުމަކާ އެކު، ޖަޕާނު ސަރުކާރުން ރާއްޖެއަށް ދެމުންނަ އަންނަ ސްކޮލަޝިޕްގެ އިތުރު ފުރުސަތުތައް ދިނުމުގެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

ޖަޕާނުގެ ފޮރިން މިނިސްޓަރު ހަޔާޝީ ޔޮޝިމާސާ ރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުގެ ތެރެއިން ދެ ގައުމުގެ ދެމެދު ބަދަލުކުރި އެއްބަސްވުންތަކަށް ފަހު، ދެ ގައުމުގެ ފޮރިން މިނިސްޓަރުން ގުޅިގެން މިއަދު ހެނދުނު މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ބަޔާނެއް ދެއްވި އެވެ.

މިއަދު ސޮއިކުރި އެއް އެއްބަސްވުމަކީ ރާއްޖެ އާއި ޖަޕާން ސަރުކާރާ ދެމެދު ޑިޕްލޮމެޓިކް އަދި އޮފިޝަލް ޕާސްޕޯޓްތަކަށް ދެ ގައުމުން ވެސް 90 ދުވަހުގެ މުއްދަތަކަށް ވިސާއާ ނުލައި އެތެރެވުމާ ގުޅޭ އެއްބަސްވުމެކެވެ. އަދި ދެވަނަ އެއްބަސްވުމަކީ، ރާއްޖޭގައި އިންސާނީ ވަސީލަތްތައް ތަރައްގީކުރުމުގެ ގޮތުން ޖަޕާނުގެ އެހީގައި ހިންގާ "ޕްރޮޖެކްޓް ފޯ ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ސްކޮލަޝިޕް" ޕްރޮގްރާމްގެ ދަށުން އިތުރު ފުރުސަތުތައް މި އަހަރު ދިނުމެވެ.

ޖަޕާން އާއި ރާއްޖޭގެ ފޮރިން މިނިސްޓްރީގެ އިސްވެރިން ބޭއްވި ބައްދަލުވުމުގައި ޖަޕާންގެ ފޮރިން މިނިސްޓަރު ހަޔާޝީ ޔޮޝިމާސާ އެ ގައުމުގެ ވަފުދުގެ އިސްވެރިން.-- ފޮޓޯ: ފޮރިން މިނިސްޓްރީ

ޖަޕާން އާއި ރާއްޖޭގެ ފޮރިން މިނިސްޓްރީގެ އިސްވެރިން ބޭއްވި ބައްދަލުވުމުގައި ޖަޕާންގެ ފޮރިން މިނިސްޓަރު ހަޔާޝީ ޔޮޝިމާސާ އެ ގައުމުގެ ވަފުދުގެ އިސްވެރިން.-- ފޮޓޯ: ފޮރިން މިނިސްޓްރީ

ފޮރިން މިނިސްޓްރީން ބުނި ގޮތުގައި، އެ ސްކޮލަޝިޕް ޕްރޮގްރާމްގެ ދަށުން މިހާރު ވެސް ޖަޕާނުގައި 10 ދިވެހި ދަރިވަރުން ކިޔަވަ އެވެ. އަދި މި އަހަރު އިތުރު ހަ ދަރިވަރަކަށް އެ ފުރުސަތު ދޭނެ އެވެ.

އިތުރަށް ދޭ ސްކޮލަޝިޕްތަކަށް ޖަޕާނު ސަރުކާރުން 122 މިލިއަން ޔެން (13 މިލިއަން ރުފިޔާ) ހަރަދު ކުރާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

ފޮރިން މިނިސްޓަރުން ދެއްވި ގުޅިފައިވާ ބަޔާނުގައި، މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވި ގޮތުގައި، މިއީ ޖަޕާނުގެ ފޮރިން މިނިސްޓަރަކު ރާއްޖެ ވަޑައިގެންނެވި ދެވަނަ ފަހަރެވެ. ޖަޕާނަކީ ރާއްޖޭގެ ޒަމާންވީ ގާތް ރަހަމަތްތެރިއެއް ކަން ފާހަގަކުރައްވައި، ރާއްޖޭގެ އިިޖުތިމާއީ، އިގުތިސާދީ އަދި އުމްރާނީ ތަރައްގީ އަށް، މިދިޔަ 50 އަހަރުގެ ތެރޭގައި އެ ގައުމުން ވެދީފައިވާ އެހީތަކަށް ޝާހިދު ޝުކުރު އަދާކުރެއްވި އެވެ.

ޖަޕާން އާއި ރާއްޖޭގެ ފޮރިން މިނިސްޓްރީގެ އިސްވެރިން ބޭއްވި ބައްދަލުވުމުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އާއި މިނިސްޓްރީގެ އިސްވެރިން.-- ފޮޓޯ: ފޮރިން މިނިސްޓްރީ

ޖަޕާން އާއި ރާއްޖޭގެ ފޮރިން މިނިސްޓްރީގެ އިސްވެރިން ބޭއްވި ބައްދަލުވުމުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އާއި މިނިސްޓްރީގެ އިސްވެރިން.-- ފޮޓޯ: ފޮރިން މިނިސްޓްރީ

ޝާހިދު ވިދާޅުވީ، ރާއްޖޭގެ ކަނޑުތަކުގެ ސަލާމަތާއި ރައްކާތެރިކަމުގެ ދާއިރާއިންނާއި މޫސުމީ ބަދަލުތަކާ އަދި ބައިނަލްއަގުވާމީ މައިދާންތަކުގައި ދެ ގައުމުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި ދެ ގައުމުން އެއްބާރުލުން ދިނުމާ ގުޅޭ ގޮތުން ވެސް މިއަދު މުހިންމު މަޝްވަރާތަކެއް ކުރެއްވި ކަމަށެވެ.

އެ ރަސްމިއްޔާތުގައި ޖަޕާނުގެ ފޮރިން މިނިސްޓަރު ވިދާޅުވީ، މިއަދު އެކުލަވާލި ވިސާގެ އެއްބަސްވުމާ އެކު، ކައިރި މުސްތަގުބަލެއްގައި އާދައިގެ ޕާސްޕޯޓުގައި ދަތުރުކުރާ ދެ ގައުމުގެ ރައްޔިތުންނަށް ވެސް ވިސާގެ ލުއިފަސޭހަކަން ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ރާއްޖޭގެ ކުރިއެރުމަށް އެ ގައުމުން އަބަދުވެސް އެހީ ދެއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖެ-ޖަޕާން ހާރިޖީ ގުޅުން ގާއިމްކުރީ ނޮވެމްބަރު 14، 1967 ގަ އެވެ. ދެ ގައުމުގެ ގުޅުމަށް މި އަހަރަށް 56 އަހަރު ފުރޭނެ އެވެ.