Roadha Mihaaru
ބިދޭސީން ތިބޭ ތަންތަން ހަދަން މެލޭޝިއާ ކުންފުންޏެއް!

ބިދޭސީން އުޅޭ ތަންތަން އަޅަން މެލޭޝިއާގެ ކުންފުންޏާ އެކު އެއްބަސްވެއްޖެ: މިނިސްޓަރު

14 ޖުލައި 2024

ރާއްޖޭގައި އުޅޭ ބިދޭސީން ދިރިއުޅޭނެ އެކޮމަޑޭޝަން ފެސިލިޓީތައް ހަދަން މެލޭޝިއާގެ ކުންފުންޏަކާ ހަވާލުކުރަން އެއްބަސްވުމެއް ހަދަން ނިންމާފައިވާ ކަމަށާއި އޭގެ ސަބަބުން ބިދޭސީން ދިރިއުޅޭ ހާލަތު ވަރަށް ބޮޑަށް ރަނގަޅު ކުރެވޭނެ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ރާއްޖޭގައި އުޅޭ ބިދޭސީން ދިރިއުޅޭނެ އެކޮމަޑޭޝަން ފެސިލިޓީތައް ހަދަން މެލޭޝިއާގެ ކުންފުންޏަކާ ހަވާލުކުރަން އެއްބަސްވުމެއް ހަދަން ނިންމާފައިވާ ކަމަށާއި އޭގެ ސަބަބުން ބިދޭސީން ދިރިއުޅޭ ހާލަތު ވަރަށް ބޮޑަށް ރަނގަޅު ކުރެވޭނެ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި އުޅޭ ބިދޭސީން ބޭއްތިބުމަށް އެކޮމަޑޭޝަން ފެސިލިޓީތަކެއް އަޅަން ޝައުގުވެރިކަން ފާޅުކޮށް، ދިވެހި ސަރުކާރަށް ޕްރޮޕޯސަލް ފޮނުވާފައި ވަނީ މެލޭޝިއާގެ އަލްޓައިޒް ޑިޖިޓަލް ކުންފުނިން އަމިއްލައަށެވެ. އެ ޕްރޮޕޯސަލް މި އަހަރު މާޗް މަހުގެ އެއްވަނަ ދުވަހު ލިބުނުއިރު، އިކޮނޮމިކް މިނިސްޓްރީގެ އިންވެސްޓް މޯލްޑިވްސް އިން ވަނީ އިވޭލުއޭޓް ކޮށްފަ އެވެ.

އިކޮނޮމިކް ކައުންސިލުން މިހާރު ވަނީ ޕްރޮޕޯސަލަށް އެއްބަސްވެ، ފައިނަލް އެއްބަސްވުމުގައި ހިމަނަން ބޭނުންވާ ޝަރުތުތައް ފޮނުވަން އެ ކުންފުންޏަށް އަންގައިފަ އެވެ. އެއްވެސް އެއްޗެއްގައި ރަސްމީކޮށް ސޮއިކޮށްފައެއް ނުވެ އެވެ.

އަލްޓައިޒް ޑިޖިޓަލް ކުންފުނިން ޕްރޮޕޯސަލް ހުށަހަޅާފައި ވަނީ މާލެ ސަރަހައްދުގައި 100،000 ބިދޭސީންނަށް ތިބެވޭނެ ޖާގައިގެ އެކޮމަޑޭޝަން ފެސިލިޓީތައް އަޅާށެވެ. އެ ކުންފުނީގެ ހަރަދުގައި ހަދާ އެ ފެސިލިޓީތަކުގައި ބިދޭސީން ބައިތިއްބަން ނަގާނީ ކޮންމެ ބިދޭސީއެއްގެ އަތުން 120 ޑޮލަރު ކަމަށް ޕްރޮޕޯސަލްގައި ވެ އެވެ. އެކޮމަޑޭޝަން ފެސިލިޓީގައި ބިދޭސީންނަށް ބޭނުންވާ ފިހާރަތަކާއި އެހެން ވެސް ހިދުމަތް ލިބޭ ތަންތަން ވެސް ގާއިމް ކުރަން ހުށަހަޅާފައިވެ އެވެ. އަދި ސަލާމަތީ ކަންކަން ބެލުމަށް އެތަނެއްގައި އުޅޭ ބިދޭސީންގެ ޑޭޓާތައް ހިމަނައިގެން ސިސްޓަމެއް ވެސް ގާއިމް ކުރަން ހުށަހެޅުމުގައި ވެ އެވެ.

ފެސިލިޓީތައް އަޅަން ނިންމާފައި ވަނީ ހުޅުމާލެ އާއި މާލެ އަދި ތިލަފުށީގަ އެވެ. އަލްޓައިޒް އިން ހުށަހަޅާފައި ވަނީ ބިދޭސީ މަސައްކަތްތެރިން މަސައްކަތަށް ދެވޭނެ ގޮތަށް ބަހުގެ ހިދުމަތް ވެސް ފަށާށެވެ.

ހޯމް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އިހުސާން ވިދާޅުވީ، ބިދޭސީން އުޅޭ ތަންތަން ރަޖިސްޓަރީކޮށް، އެ ތަންތަން ރަނގަޅަށް ބެލޭނެ ނިޒާމެއް އޮތުމަކީ މުހިންމު ކަމެއް ކަމަށެވެ. މި ވަގުތު ރާއްޖޭގައި ބިދޭސީން އުޅެމުންދާ ހާލަތު ވަޒަން ވެސް ނުކުރެވޭ އެ މީހުން ގެންގުޅެނީ ވަރަށް ލާއިންސާނީ ގޮތަކަށް ކަމަށް ވިދާޅުވި އެވެ. އަދި ބައެއް ތަންތަނުގައި ދިރިއުޅޭ ކިހާ އަދަދެއްގެ މީހުން ކަން ވެސް ސާފު ނުވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމް މިނިސްޓަރު އަލީ އިހުސާން އާއި އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު ޝަމްއާން އާއި ޕޮލިހުން ބައިވެރިވަނީ.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމް މިނިސްޓަރު އަލީ އިހުސާން އާއި އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު ޝަމްއާން އާއި ޕޮލިހުން ބައިވެރިވަނީ.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

އިހުސާން ވިދާޅުވީ އެކަމުގެ ސަބަބުން ހިއުމަން ރައިޓްސް އަދި ހިއުމަން ޓްރެފިކިންގެ ކަންކަން ބަލާ ޖަމިއްޔާތަކުން ރާއްޖެއާ މެދު ކަންބޮޑުވުން ވެސް ފާޅުކުރަމުންދާ ކަމަށާއި އެކަން އިސްލާހު ކުރަން ދާއިމީ ހައްލެއް ބޭނުންވެފައިވާ ކަމަށެވެ. މޭލެޝިއާގެ ކުންފުނިން ޕްރޮޕޯސަލް ފޮނުވީ ސަރުކާރުން އެކަން ކުރަން ބޭނުންވެފައިވަނިކޮށް ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ކުންފުނިން ޕްރޮޕޯސަލް ހުށަހަޅާފައި ވަނީ ރާއްޖޭގައި ބިދޭސީންގެ އެކޮމޮޑޭޝަން ހިންގުމުގެ ކަންކަން އެ ކުންފުންޏަށް އެކަނި ހަވާލުކުރާށެވެ. ނަމަވެސް، ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީން އެ ތަންތަނުގައި ރަޖިސްޓާ ކުރަން މަޖުބޫރު ކުރުމުގެ ވިސްނުމެއް ސަރުކާރުގައި ނެތް ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، މިހާރު ބިދޭސީން ގެންގުޅޭ ތަންތަން ބައިނަލްއަގްވާމީ މިންގަނޑުތަކަށް ފައްތަން ކުރިއަށް އޮތް ދުވަސްތަކުގައި އަންގާނެ އެވެ. އެ މިންގަނޑުތަކަށް ނުފެތޭ ނަމަ ގާނޫނުން ލާޒިމް ކުރާނީ އަލްޓައިޒް ކުންފުނިން އަޅާ އެކޮމޮޑޭޝަން ފެސިލިޓީތަކުގައި އެ ބިދޭސީން ރަޖިސްޓަރީކުރުމަށެވެ. މިކަން ލާޒިމުވާނީ ގިނަ އަދަދެއްގެ ބިދޭސީން ގެންގުޅޭ މީހުންނަށާއި ކުންފުނިތަކަށެވެ.

އެކޮމަޑޭޝަން ފެސިލިޓީތައް ހަދަން ދިވެހި ސަރުކާރުން ނިންމާފައިވާއިރު، އޭގެ ސަބަބުން ސަރުކާރަށް އެއްވެސް އާމްދަނީއެއް ހޯދުމުގެ ވިސްނުމެއް ނެތް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. ކުންފުނިން ހުށަހެޅި ޕްރޮޕޯސަލްގައި ބިދޭސީންގެ އަތުން ނަގާ ފައިސާ އިން ކޮންމެ މީހެއްގެ އަތުން ފަސް ޑޮލަރު ސަރުކާރަށް ދޭން ހިމަނާފައިވެ އެވެ. އެކަމަކު، އެކަން އެގޮތަށް ކުރަން ސަރުކާރުން ބޭނުން ނުވާ ކަމަށް އިހުސާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ތަންތަން އެއްކޮށް ހިންގުމާއި އެ ތަނުން އާމްދަނީ ހޯދުމުގެ ހުރިހާ ކަމެއް އޮންނާނީ މެލޭޝިއާގެ ކުންފުންޏަށެވެ.

ޕްރޮޕޯސަލްގައިވާ ގޮތުން މި އެކޮމޮޑޭޝަން ފެސިލިޓީތައް ހިންގަން އެ ކުންފުންޏަށް ފުރަތަމަ ދޭނީ 30 އަހަރަށެވެ. އެ މުއްދަތު ހަމަވުމުން އިތުރު 30 އަހަރު ލިބޭ ގޮތަށް ޕްރޮޕޯސަލްގައި ވެ އެވެ. ނަމަވެސް، މިއީ އަދި ސަރުކާރުން ވަކި ގޮތެއް ނިންމާފައިވާ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެ ކުންފުންޏަށް ދޭނެ ބިންތަކާއި އެ ތަންތަނުގެ ކުއްޔެއް ވެސް އަދި ކަނޑައެއް ނާޅަ އެވެ.