Roadha Mihaaru
އާންމުކޮށް ހުޅުވާލައިގެން މާލީ ހާލަތު ކިޔައި ދެނީ!

އާންމުކޮށް ހުޅުވާލައިގެން މާލީ ހާލަތު ކިޔައި ދެއްވަން މިނިސްޓަރު ނިންމަވައިފި

24 ޖޫން 2024

ރާއްޖޭގެ މާލީ ހާލަތު އޮތް ގޮތް އާންމުކޮށް ހުޅުވާލައިގެން ކިޔަވައި ދެއްވަން ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމަށް ވަޑައިގަންނަވަން ނިންމަވައިފި އެވެ.

ރާއްޖޭގެ މާލީ ހާލަތު އޮތް ގޮތް އާންމުކޮށް ހުޅުވާލައިގެން ކިޔަވައި ދެއްވަން ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމަށް ވަޑައިގަންނަވަން ނިންމަވައިފި އެވެ.

އެ ކޮމިޓީގެ މެމްބަރަކު "މިހާރު" އަށް މިރޭ ވިދާޅުވީ، އަންނަ ބުދަ ދުވަހު ބާއްވާ ބައްދަލުވުމަށް ވަޑައިގެން މާލީ ހާލަތު ކިޔައި ދެއްވަން މިނިސްޓަރު ވެސް ބޭނުންވާ ކަމަށެވެ.

"އެ ބައްދަލުވުން އޯޕަންކޮށް [ސިއްރު ނުކޮށް] ބޭއްވިޔަސް އެންމެ ރަނގަޅު ކަމަށް ފިނޭންސް މިނިސްޓަރު މިއަދު ވިދާޅުވި،" ކޮމިޓީގެ އެހެން މެމްބަރަކު ވިދާޅުވި އެވެ.

މިނިސްޓަރު ޝަފީގު މާލިއްޔަތު ކޮމިޓީ އަށް ވަޑައިގެން ރާއްޖޭގެ މާލީ ހާލަތުގެ ވާހަކަތައް ކިޔަވައި ދެއްވަން ނިންމެވިއިރު، މިއަދު ވެސް އެފަދަ ބައްދަލުވުމެއް ބާއްވަން ތާވަލްކުރި އެވެ.

މިނިސްޓަރު އާލާސްކަންފުޅާ އުޅުއްވާތީ މިއަދުގެ ބައްދަލުވުމަށް ވަޑައިގަންނަވަން އުޒުރުވެރިވެވަޑައިގެންނެވި ކަން ކޮމިޓީ އަށް އޮތީ އަންގަވައިފަ އެވެ. ނަމަވެސް މިއަދުގެ ބައްދަލުވުން ބާއްވަން އޭނާ އެދިވަޑައިގެންފައި އޮތީ ސިއްރު ކޮށްގެންނެވެ. ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ބޭނުންވާ ލިޔެކިޔުންތައް ވެސް މިނިސްޓަރު ފޮނުއްވި އެވެ.

އެހެންވެ، މިނިސްޓަރު ފޮނުއްވި ލިޔުންތަކާ ބެހޭ ގޮތުން ކޮމިޓީގައި މަޝްވަރާ ކުރުމައްޓަކައި ސިއްރު ބައްދަލުވުމެއް ބޭއްވުމާ މެދު ގޮތެއް ނިންމަން މިއަދު ވޯޓަށް އެހުމުން، އެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކުރީ އެ ބައްދަލުވުން ސިއްރު ކުރާށެވެ.

ފިނޭންސް މިނިސްޓަރާ އެކު މިއަދުގެ ބައްދަލުވުން ބާއްވަން ނިންމީ މިދިޔަ އަޟްހާ އީދު ބަންދުގެ ކުރިން ބޭއްވި މާލިއްޔަތު ކޮމިޓީގައި މަޖިލީހުގެ ނައިބު ރައީސް އަދި ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ މެމްބަރު އަހުމަދު ނާޒިމްގެ އިސްނެންގެވުމުގެ މަތިން ރާއްޖޭގެ އިގްތިސާދީ ހާލަތު ދެނެގަތުމަށްޓަކަ އެވެ.

މި މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ނާޒިމް އެދިވަޑައިގަތީ ރާއްޖޭގެ މިވަގުތުގެ މާލީ ހާލަތާ ގުޅޭ "ހިތި ބޭސް ސިޓީއެއް އޮތިއްޔާ" އެ ކަން ނުފޮރުވައި، ރައްޔިތުންގެ މަޖިލީހަށާއި ރައްޔިތުންނަށް ހާމަކޮށްދިނުމަށެވެ.

"ހަމަ ރަށްރަށުގެ ރައްޔިތުންނަށް އެބަ އެނގެންޖެހޭ ޕްރޮޖެކްޓުތައް ހިނގާނެތޯ ނުވަތަ ނޫންތޯ ވެސް، އިނގޭތޯ؟ އިންތިހާބުގެ މޫސުން ވެސް މިހާރު މިއޮތީ ނިމިފައި. އެހެންވީމާ އަޅުގަނޑު ދެންނެވީ އަޅުގަނޑުމެން ހިނގާށޭ ހަމަ ރައްޔިތުން ކައިރީގައި ވެސް ބުނަމާ ހަގީގަތާ ކުރިމަތިލާށޭ،" އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި ކޮމެޓީގައި އިސްކުރަން ޖެހޭނީ އަޅުގަނޑުމެންގެ ޕާޓީގެ މަސްލަހަތެއް ވެސް ނޫން، އަމިއްލަ މަސްލަހަތެއް ވެސް ނޫން، ގައުމުގެ މާލިއްޔަތުގެ މަސްލަހަތު އިނގޭތޯ."

އެ ދުވަހުގެ ބައްދަލުވުމުގައި ނާޒިމް ވަނީ ސްރީ ލަންކާގެ އިގުތިސާދު ފުނޑުފުނޑުވި ގޮތުގެ މިސާލު ދައްކަވައި މާލީ ހާލަތު ހާމަކުރުމުގެ މުހިންމުކަން ފާހަގަކުރައްވައިފަ އެވެ.