Roadha Mihaaru
އެމްބާޕޭގެ ތައާރަފު ހަފުލާއަށް 80،000 މީހުން

އެމްބާޕޭގެ ތައާރަފް ފެނިލުމަށް 80،000 މީހުން ދަނޑަށް، ރެއާލަށް މިލިއަނުން ފައިދާ

16 ޖުލައި 2024

މެޑްރިޑް (ޖުލައި 16) - ރެއާލް މެޑްރިޑްގެ ކުޅުންތެރިއެއްގެ ގޮތުގައި ފްރާންސްގެ ކެޕްޓަން ކިލިއަން އެމްބާޕޭ ތައާރަފު ކުރުމުގެ ހަފުލާ އަށް 80،000 މީހުން ދަނޑަށް ވައްދައި، ރެއާލުން މިލިއަން ޑޮލަރުގެ ފައިދާއެއް ހޯދައިފި އެވެ.

މެޑްރިޑް (ޖުލައި 16) - ރެއާލް މެޑްރިޑްގެ ކުޅުންތެރިއެއްގެ ގޮތުގައި ފްރާންސްގެ ކެޕްޓަން ކިލިއަން އެމްބާޕޭ ތައާރަފު ކުރުމުގެ ހަފުލާ އަށް 80،000 މީހުން ދަނޑަށް ވައްދައި، ރެއާލުން މިލިއަން ޑޮލަރުގެ ފައިދާއެއް ހޯދައިފި އެވެ.

ފަސް އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގައި ސޮއި ކުރުމަށް ފަހު ރެއާލް މެޑްރިޑްގެ ނުވަ ނަމްބަރުގެ ޖޯޒީގައި އެމްބާޕޭ ތައާރަފް ކުރަން ސެންތިއާގޯ ބާނެބުއޭގައި މިއަދު ބޭއްވި ހާއްސަ ހަފްލާ ބަލަން 103،000 މީހުން ޓިކެޓް ގަންނަން ލިސްޓް ކުރި ކަމަށް ސްޕެއިންގެ މީޑިއާތަކުން ބުންޏެވެ.

އެކަމަކު ރެއާލުން ވިއްކީ 80،000 ޓިކެޓެވެ. ޓިކެޓް ވިއްކީ 30 ޔޫރޯ އާއި 200 ޔޫރޯއާ ދެމެދުގެ އަގަކަށެވެ. އެންމެ ދަށް އަގު 30 ޔޫރޯ އަށް ޓިކެޓް ވިއްކިއަސް، ރެއާލަށް 2.4 މިލިއަން ޔޫރޯގެ އާމްދަނީއެއް ލިބޭނެ އެވެ. އެކަމަކު ސްޓޭޑިއަމްގެ ހުރިހާ ދިމާލެއް އެންމެ ރަނގަޅަށް ފެންނަ ގޮނޑިބަރިތައް ހުންނަ ސަރަހައްދުން ޓިކެޓް ވިއްކި އަގު އެއަށް ވުރެ ވެސް އަގު ބޮޑު ވާނެ ކަމަށް ބެލެެވެ އެވެ.

މީގެ 12 އަހަރުކުރިން ފެށިގެން، ރެއާލް އާއި އެމްބާޕޭ ގުޅުވައިދޭ ވާހަކަ އޮތީ ފެށިފަ އެވެ. އޭނާގެ އުމުރުން 12 އަހަރުގައި މެޑްރިޑަށް ކުރި ޒިޔާރަތުގައި ރެއާލްގެ ޓްރޭނިން ސެންޓަރަށް ތަމްރީނު ހެދި އެވެ. އެ ދައުވަތު އޭނާ އަށް ދިނީ ރެއާލްގެ އޭރުގެ ސްޕޯޓިން ޑައިރެކްޓާ ފްރާންސްގެ ކުރީގެ ކެޕްޓަން ޒައިނުއްދީން ޒިދާނެވެ.

"މިއަދަކީ އަހަރެންނަށް އާދަޔާ ހިލާފަށް އުފާވެރި ދުވަހެއް. ކުޑަކުޑައިރުއްސުރެން އަހަރެން ދެކުނު ހުވަފެނެއް ރެއާލް މެޑްރިޑަށް ކުޅުމަކީ، މިއަދު އަހަރެންނަށް މި އާދެވުނީ،" އުމުރުން 25 އަހަރުގެ ފޯވާޑް ބުންޏެވެ.

މިއަދު ރެއާލްގެ ކުޅުންތެރިޔެއްގެ ގޮތުގައި ތައާރަފު ވުމަށް ފަހު އެމްބާޕޭ ބުނީ އޭނާ އަހަރުތަކެއް ކުރިން ދެކެމުން އައި ހުވަފެން ހަގީގަތަކަށް ވެއްޖެ ކަމަށެވެ.

"މިހާރު އޮތީ އެހެން ހުވަފެނެއް. އެއީ ކުލަބުގެ ތާރީހާ އެއްވަރުގެ ކުޅުމެއް ކުޅުން. މިއީ ދުނިޔޭގެ އެންމެ މޮޅު ކުލަބް. އަހަރެންގެ ފުރާނަ މި ކުލަބަށްޓަކައި ހިބަކޮށްދޭނަން."

މެޑްރިޑުގައި އެމްބާޕޭ އަށް މުސާރައެއްގެ ގޮތުގައި އަހަރަކު 15 މިލިއަން ޔޫރޯ ލިބޭނެ އެވެ. އަދި ސައިނިން ބޯނަހެއްގެ ގޮތުގައި 100 މިލިއަން ޔޫރޯއަށް ވުރެ ބޮޑު އަގެއް ހުށަހަޅާފައިވެ އެވެ.

ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ވެސް ވަނީ މިއަދަކީ ކުލަބަށް ތާރީހީ ދުވަހެއް ކަމަށް ބުނެ ސަޕޯޓަރުންނާ މުހާތަބު ކޮށްފަ އެވެ.

"މިއަދު އަހަރެމެން މި މަރުހަބާ ކިޔަނީ އާދަޔާ ހިލާފު ކުޅުންތެރިއަކަށް، އޭނާ އެ ހަގީގަތަކަށް ހެދީ ކުޑައިރު ދެކެމުން އައި ހުވަފެނެއް. މިއަދު [އެމްބާޕޭ] މި ކުލަބުގައި ހުރީ އޭނާ ކަމަކަށް ބޭނުން ވެގެން. މި ކުލަބުގެ ހުދު ޖޯޒީ ލާން ކުރި މަސައްކަތަށް ޝުކުރިއްޔާ،" ޕެރޭޒް ބުންޏެވެ.

ނިމިދިޔަ ޔޫރޯ މުބާރާތް ފެށުމުގެ ކުރިން ރެއާލުންނާއި އެމްބާޕޭ ވެސް ވަނީ އަންނަ ސީޒަނަށް އޭނާ ރެއާލަށް ބަދަލުވާކަން ހާމަކޮށްފަ އެވެ. އޭނާ ރެއާލަށް ބަދަލުވެފައި މިވަނީ ޕީއެސްޖީގެ ކޮންޓްރެކްޓް ހަމަވުމުން ހިލޭ ޓްރާންސްފާއެއްގަ އެވެ.

އެމްބާޕޭ މިހާތަނަށް ކުޅެފައި ވަނީ ފްރާންސް ލީގުގަ އެވެ. މޮނާކޯއަށް ކުޅެމުން ހޯދި މަގުބޫލުކަމާ އެކު އޭނާ ޕީއެސްޖީއަށް ފުރަތަމަ ކުޅުނީ 2017 ވަނަ އަހަރު ލޯނު އެއްބަސްވުމެއްގެ ދަށުންނެވެ. އޭގެ ޖެހިގެން އައި އަހަރު އޭނާ ދާއިމީކޮށް ޕީއެސްޖީއަށް ބަދަލުވީ 180 މިލިއަން ޔޫރޯގެ ޓްރާންސްފާ ފީއަކަށެވެ.

ރެއާލުން ވަނީ މީގެ ކުރިން ބޮޑު އަގު ދީފައި ވެސް އެމްބާޕޭ ހޯދަން މަސައްކަތް ކޮށްފަ އެވެ. ނަމަވެސް 2021 ވަނަ އަހަރު އެޓީމުން ކުރި 180 މިލިއަން ޔޫރޯގެ ހުށަހެޅުން ޕީއެސްޖީން ގަބޫލެއް ނުކުރި އެވެ.

އެމްބާޕޭ ޕީއެސްޖީ ދޫކޮށްލީ އެޓީމަށް ހަތް ސީޒަނުން 308 މެޗު ކުޅެދީ 256 ގޯލު ޖަހައިދީފަ އެވެ. އެޓީމާ އެކު ހަ ފަހަރު ލީގު ކާމިޔާބު ކުރި ނަމަވެސް ކާމިޔާބު ނުވެ އޮތީ ޗެމްޕިއަންސް ލީގެވެ. ޗެމްޕިއަންސް ލީގާއި ބެލޮންޑިއޯ އަކީ ވެސް އޭނާގެ ކެރިއަރުގެ މުހިއްމު ދެ އަމާޒެވެ.