Roadha Mihaaru
ސްޓޭންޑް ދިފާއު ކުރައްވައި، އޭޖީ ހައްލަކާ ދިމާލަށް!

އޭޖީ އަދިވެސް ގަބޫލު ކުރައްވަނީ ކަންކަން ހުއްޓުވުމުގެ ބާރު އޭސީސީ އަށް ނެތް ކަމަށް، ހައްލެއް ހޯދައިދެނީ!

17 ޖުލައި 2024

ވަގުތީ ގޮތުން ކަންކަން ހުއްޓުވުމުގެ ބާރު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މިހާރު އޮތް ކަމަކަށް ގަބޫލު ނުކުރެވޭ ކަމަށާއި އެކަމަށް ގާނޫނީ ހައްލެއް ގެންނަން މަސައްކަތް ކުރައްވާނެ ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެ އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ވަގުތީ ގޮތުން ކަންކަން ހުއްޓުވުމުގެ ބާރު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މިހާރު އޮތް ކަމަކަށް ގަބޫލު ނުކުރެވޭ ކަމަށާއި އެކަމަށް ގާނޫނީ ހައްލެއް ގެންނަން މަސައްކަތް ކުރައްވާނެ ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެ އެވެ.

ފުލުހުންނަށް ޕްރޮމޯޝަން ދިނުން މަޑުޖައްސާލަން އޭސީސީން މިދިޔަ އަހަރު އެންގި މައްސަލާގައި އެގޮތަށް އެންގުމުގެ ބާރު އެ ކޮމިޝަނަށް ނޯންނާނެ ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ހައި ކޯޓުގައި ބުނުމުން އެ ކޮމިޝަނުން އެކަމާ މެދު ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.

އެ މައްސަލާގައި ބަންޑާރަ ނައިބު އުޝާމް "މިހާރު" އަށް ވިދާޅުވި ގޮތުގައި، އެންޓި ކޮރަޕްޝަންގެ ގާނޫނުގެ 22 ވަނަ މާއްދާ މިހާރު އޮތް ގޮތުން، އެ ކޮމިޝަނުން ބަލަމުންދާ މައްސަލަތަކުގައި ވަގުތީ ގޮތުން ކަންކަން ހުއްޓާލަން އެންގުމުގެ ބާރު ލިބިގެންވާ ކަމަކަށް ގަބޫލެއް ނުކުރެވެ އެވެ.

އެ މާއްދާގައި 11 ބާރެއް ކޮމިޝަނަށް ލިބިގެންވާ ކަމަށް ބަޔާން ކޮށްފައިވާއިރު، ވަގުތީ ގޮތުން ކަންކަން ހުއްޓުވިދާނެ ކަމަކަށް ބުނެފައެއް ނުވެ އެވެ. ނަމަވެސް، އޭސީސީން އެކަން ކުރަމުން އަންނަނީ އެ މާއްދާގައި ތަހްގީގުކުރުމާއި މައްސަލަ ބެލުމަށްޓަކައި ކޮމިޝަނަށް ބޭނުންވާ އެހެނިހެން ބާރުތައް ލިބިގެންވާ ކަމަށް ބަޔާން ކޮށްފައި ވާތީ އެވެ.

އުޝާމް ވިދާޅުވީ ބަންޑާރަ ނައިބުގެ އޮފީހުން ކޯޓުތަކުގައި ސްޓޭންޑް ނަގާނީ ގާނޫނުތަކާއި މަތީ ކޯޓުގެ ނިންމުންތަކަށް ރިއާޔަތްކޮށްގެން ކަމަށާއި އޭސީސީ އަށް ވަގުތީ ގޮތުން ކަންކަން ހުއްޓާލަން އެންގުމުގެ ބާރު ނެތް ކަމުގެ ސްޓޭންޑް ވެސް ނެގީ އެގޮތަށް ކަމަށެވެ.

އުޝާމް ވިދާޅުވި ގޮތުގައި، އޭސީސީ އަށް އެ ބާރު ނެތުމަކީ އެ ކޮމިޝަނުން ކަންބޮޑުވާ ކަމެއް ކަން އޭނާ އަށް އެނގިވަޑައިގަންނަވަ އެވެ. އެއީ ގާނޫނުގައި އޮތް މައްސަލައެއް ކަމަށް ގަބޫލު ކުރައްވާ ކަމަށް ވެސް އުޝާމް ވިދާޅުވި އެވެ.

އުޝާމް ވިދާޅުވީ ގާނޫނުތަކުގައި އެގޮތަށް ހުރި މައްސަލަތައް ހައްލު ކުރަން ބަންޑާރަ ނައިބުގެ އޮފީހުން މަސައްކަތް ކުރަމުން އަންނަ ކަމަށާއި ވަރަށް އަވަހަށް އޭސީސީއާ ވެސް ބައްދަލު ކުރައްވައި އެކަމާ މެދު މަޝްވަރާ ކުރައްވައި، އެ ކޮމިޝަންގެ ކަންބޮޑުވުންތައް ސާފު ކުރައްވާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި ވާހަކަ ދައްކަވަމުން އެ ކޮމިޝަންގެ ރައީސް އާދަމް ޝާމިލް ވިދާޅުވީ، ކޮރަޕްޝަނުން ސަލާމަތްވެވޭނީ މުޅި ދައުލަތް އެއް ވިސްނުމެއްގައި އޮވެގެން ކަމަށެވެ. ނަމަވެސް، އެއާ ހިލާފަށް ދައުލަތުގެ އެކި ދިމާލުގައި އެކި ވިސްނުން ގެންގުޅޭ ކަން ޝާމިލް ފާހަގަކުރެއްވި އެވެ.

"މުޅި ދައުލަތުގެ ވިސްނުން އެކައްޗަކަށް ވާން ޖެހޭ. މިސާލަކަށް އެއް ކޭސްގައި އޭސީސީ އިން އަންގާ އެންގުމަކީ އެ އަށް އަމަލު ކުރަން ނުޖެހޭނެ އެއްޗެއް ކަމަށް ދައުލަތުން ވިދާޅުވާއިރު އަނެއް ކޭސްގައި އަޅުގަނޑުމެން ވަރަށް އަވަހަށް އެންގުންތައް އަންގަން ވާނެ ކަމަށް ވެސް ގަބޫލު ކުރަންޏާ އެ އުޅެނީ ދެ ދިމާލެއްގަ ދެ ވިސްނުމެއް،" އޭސީސީގެ ރައީސް ވިދާޅުވި އެވެ.

ފުލުހުންނަށް ޕްރޮމޯޝަން ދިނުން މަޑުޖައްސާލަން އޭސީސީ އިން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އެންގި އެންގުމަށް ފުލުހުން އަމަލު ނުކުރުމުން އެ ކޮމިޝަނުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ އެ ކޮމިޝަންގެ އެންގުމަށް އަމަލު ކުރަންޖެހޭނެ ކަމަށް ކަނޑައެޅުމަށެވެ. މައްސަލަ ނިމެންދެން، ޕްރޮމޯޝަންގެ މަސައްކަތްތައް މަޑުޖައްސާލަން އޭސީސީން އެދުނަސް އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން މިދިޔަ ޖެނުއަރީ މަހު ނިންމި އެވެ. އެ މައްސަލަ އޭސީސީން ވަނީ އިސްތިއުނާފުކޮށްފަ އެވެ.