Roadha Mihaaru
ހުޅުމާލެ2: ކުށްވެރިން އަތްގަދަކޮށް ކުށުގެ ވެއްޓަކަށް!

ހުޅުމާލެ 2: ކުށްވެރިން އަތްގަދަކޮށް، ކުށުގެ ވެއްޓަކަށް!

21 ޖުލައި 2024

ހިޔާ ފްލެޓުގެ ކުޑަ ސަރަހައްދުގައި މަދުވެގެން 40،000 އެއްހާ މީހުން ދިރިއުޅޭނެ ކަމަށް ލަފާކުރެ އެވެ. ކުއްލިއަކަށް ބޮޑުވި މި އާބާދީއާ އެކު، އުމްރާނީ ވަސީލަތްތައް މަދުވުމުގެ ޝަކުވާ އަބަދު ވެސް ކުރެ އެވެ. އެކަމަކު، އޭގެ އަނެއްކޮޅުން ބޮޑުވަމުން ދިޔަ އިޖުތިމާއީ މައްސަލަތަކުގެ ވާހަކަ ދައްކާ އަޑެއް މާ ގިނައަކުން ނީވެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ހިޔާ ފްލެޓުގެ ކުޑަ ސަރަހައްދުގައި މަދުވެގެން 40،000 އެއްހާ މީހުން ދިރިއުޅޭނެ ކަމަށް ލަފާކުރެ އެވެ. ކުއްލިއަކަށް ބޮޑުވި މި އާބާދީއާ އެކު، އުމްރާނީ ވަސީލަތްތައް މަދުވުމުގެ ޝަކުވާ އަބަދު ވެސް ކުރެ އެވެ. އެކަމަކު، އޭގެ އަނެއްކޮޅުން ބޮޑުވަމުން ދިޔަ އިޖުތިމާއީ މައްސަލަތަކުގެ ވާހަކަ ދައްކާ އަޑެއް މާ ގިނައަކުން ނީވެ އެވެ.

ފުލުހުން މީޑިއާއާ ހިއްސާކުރި މައުލޫމާތުތަކަށް ބަލާއިރު، މިދިޔަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން މިދިޔަ ހަފުތާގެ އާދިއްތަ ދުވަހާ ހަމައަށް ހުޅުމާލެ 2 އިން އެކަނި ވެސް 353 މައްސަލަ ފުލުހުންނަށް ރިޕޯޓުކުރި އެވެ. އެއީ 44 ދުވަހަށް ބަލާ ނަމަ، ދުވާލަކަށް 8 މައްސަލަ އެވެ. ޓެކްސީ އަދި އާއްމު ތަންތަނުގައި ފޯނާއި ދަބަސް ފަދަ ތަކެތި ބޭއްވުން މައްސަލަތައް ނުލައި މަގުމަތީގެ އެކްސިޑެންޓާއި ވައްކަމާއި މަސްތުވާތަކެތީގެ މައްސަލަތައް ގިނަ އެވެ.

އެ މުއްދަތުގައި ވައްކަމުގެ 38 އަދި މަސްތުވާތަކެތީގެ 30 މައްސަލަ ރިޕޯޓުކޮށްފައިވެ އެވެ.

ހުޅުމާލޭގައި މި ފަހުން އުފެއްދި ޕޮލިސިން ކޮމާންޑު، ޗީފް ސުޕްރިޓެންޑެންޓު އޮފް ޕޮލިސް މުހައްމަދު ދާއޫދު ވިދާޅުވި ގޮތުގައި މާލޭގައި ކުށްތައް ކުރާ ބައެއް މީހުން، ހުޅުމާލެ ގޮސް ކުށްތަކަށް އަރައިގަނެ އެވެ.

އޭގެ މިސާލެއް ދައްކަވަމުން ދާއޫދު ވިދާޅުވީ ހުޅުމާލެ 1 އަދި 2 ގުޅުވާލާފައިވާ ޗެނަލް ކައިރިން ފޭރުމުގެ މައްސަލައެއް ހުށަހެޅުމުން އެކަން އިތުރަށް ބެލިއިރު އެއީ ރޭވިގެން، މާލެއިން ކުށް ކުރަން ގޮސް އުޅުނު ބައެއް ކަން ފާހަގަވި ކަމަށެވެ.

ހިޔާ ފްލެޓެއްގެ ޓެރަސް ސިޑިމަތީގައި މަސްތުވެގެން ތިބި ބަޔަކާ ފުލުހުން ސުވާލުކޮށް އެތަނުން ނެރެނީ. މިއީ ގިނަ ބަޔަކު މަސްތުވުމަށް ބޭނުންކުރާ އައްޑާއެއް--. ފޮޓޯ: ނިޝާން އަލީ

ހިޔާ ފްލެޓެއްގެ ޓެރަސް ސިޑިމަތީގައި މަސްތުވެގެން ތިބި ބަޔަކާ ފުލުހުން ސުވާލުކޮށް އެތަނުން ނެރެނީ. މިއީ ގިނަ ބަޔަކު މަސްތުވުމަށް ބޭނުންކުރާ އައްޑާއެއް--. ފޮޓޯ: ނިޝާން އަލީ

ފުލުހުން ވަނީ އެ އެންމެން ކަހަލަ ގޮތަކަށް ހައްޔަރުކޮށްފަ އެވެ.

ހިޔާގެ ފްލެޓެއްގައި މި ފަހުން ވަނީ މަކަރާއި ހީލަތުން މީހުން ގެންގޮސް، ބަރަހަނާ ކުރުމަށް ފަހު، އޮރިޔާން ފޮޓޯއާ ވީޑިއޯ ނަގައި، ބްލެކްމެއިލްކޮށް، ފައިސާ ފޭރޭ މައްސަލައެއް ފެންމަތިވެފަ އެވެ. ހިޔާގެ އެ އެޕާޓްމަންޓަކީ މަސްތުވާތަކެތި ބޭނުންކުރުމާއި އެ ތަކެތި ވިއްކައި އަދި ހަށިވިއްކުމުގެ މައްސަލަތަކުގައި މީގެ ކުރިން ވެސް ފުލުހުން ބަލާ ފާސްކޮށްފައިވާ ތަނެކެވެ.

ދާއޫދު ވިދާޅުވި ގޮތުގައި ކުށްވެރިންގެ އަމާޒަކަށް، އަލަށް ތަރައްގީކުރަމުން އަންނަ ހުޅުމާލެ 2 ވެފައި ވަނީ ހުސް ޖާގަ އޮތުމާއި އެ ސަރަހައްދުގެ ބޮޑުބައި އަނދިރިވުން އަދި އެ ތަންތަން ކަވަރު ކުރެވޭ ވަރަށް ކެމެރާ ނެތުމެވެ.

ހުޅުމާލެ ޕޮލިސް ސްޓޭޝަންގެ ކޮމާންޑު، ޗީފް ސުޕްރިޓެންޑެންޓު އޮފް ޕޮލިސް މުހައްމަދު ދާއޫދު "މިހާރު"އަށް އިންޓަވިއު ދެއްވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ހުޅުމާލެ ޕޮލިސް ސްޓޭޝަންގެ ކޮމާންޑު، ޗީފް ސުޕްރިޓެންޑެންޓު އޮފް ޕޮލިސް މުހައްމަދު ދާއޫދު "މިހާރު"އަށް އިންޓަވިއު ދެއްވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

"ކުށުގެ ވެއްޓަށް ވަރަށް ބޮޑަށް ހުޅުވިފައޭ ދެންނެވިދާނެ މި އޮތީ ދެ ވަނަ ފިޔަވަހި. ލައިޓިންގެ މައްސަލަ، ހާއްސަކޮށް ވަކިން ރޭގަނޑު ވަރަށް އަނދިރިކޮށް މި އޮންނަނީ އެ ސަރަހައްދު. އެހެންވުމުގެ ސަބަބުން ކުށްކުރާ މީހުންނަށް ފުރުސަތުތަކެއް ހުޅުވޭ. އެ މީހުންނަށް ނިވަލަކަށް އެބަ ވޭ މި އަނދިރި. ކުށުގެ މާހައުލެއްގެ ގޮތުގައި އެ މީހުން ބޭނުންކުރޭ މި އަނދިރިކަން." ދާއޫދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަނދިރިކަން ފިލުވާލަން އެޗްޑީސީއާ އެކު، މަޝްވަރާތައް ކޮށްފައިވާ ކަމަށާއި އެކަން ހައްލުކުރަން އެ ކުންފުނިން ވެސް މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އެހެން މައްސަލަތަކަށް ވެސް ޖުމްލަ ހައްލެއް އަންނާނީ ހުރިހާ ދިމާލަކުން ގުޅިގެންކަން ދާއޫދު ފާހަގަކުރެއްވި އެވެ.

ތަރައްގީ ކުރަމުން އަންނަ ތަނަކަށް ވުމާއެކު، ނާޖައިޒު ފައިދާ ނަގާ ކުށްވެރިންތަކެއް އުޅޭ ކަމަށް ދާއޫދު ވިދާޅުވި އެވެ. ޑްރަގް ބޭނުންކުރާ މިހުން ވެސް އަނދިރި ތަންތަނަށް ގޮސް، އެ ބޭނުންކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

ސައިކަލުތަކެއް މަގުމަތީގައި ޕާކުކޮށްފައި--- ފޮޓޯ: މިހާރު

ސައިކަލުތަކެއް މަގުމަތީގައި ޕާކުކޮށްފައި--- ފޮޓޯ: މިހާރު

ހުޅުމާލެއާ ކައިރި ސަފާރީތަކުން ޗެނަލް އަށް ބަނގުރާ ބާލާ މައްސަލަ ހައްލުކުރަން އެ ސަރަހައްދު ދިއްލާފައިވާ ކަމަށް ދާއޫދު ވިދާޅުވި އެވެ.

"ކޮންމެ ޑީއުޓީ ގަޑިއެއްގައި ވެސް ފޯކަސްކުރާނެ ފުލުހުންގެ ފަރާތުން، މި ޗެނަލްގައި ހިނގާ ބަނގުރަލުގެ ވިޔަފާރިއަށް. ގިނަ ފަހަރަށް ކުނި އުކާ ކަޅު ކޮތަޅަށް އަޅައިގެން، ކުނީގެ ގޮތުގައި އެތަންތަނަށް ބާލަނީ،" އޭނާ ވިދާޅުވި އެވެ.

"މިހާރު ހުންނަ ވަރަށް ވުރެ ލައިޓިން ރަނގަޅުވެފައި، މަގުމަތީގައި ހުންނަ ކެމެރާތަކާ އެއްޗެހި ހާއްސަކޮށް ސެކަންޑް ފޭސްގައި. މިހާރު ވެސް ފޭސް 1ގައި އިތުރު 60 ކެމެރާ ހަރުކުރުމުގެ ޕްރޮޖެކްޓެއް އެބައޮތް. ފޭސް 2 ގައި މި ދެންނެވި ގޮތަށް އިތުރަށް ކެމެރާ ހަރުކުރެވިއްޖެ ކަމަށް ވަންޏާ ކުށަށް ހުޅުވިފައި އޮންނަ ހުޅުވުން މަދުވާނެ. ކުށްކުރާ މީހުން ހޯދުމަށް ފުލުހުންނަށް ވަރަށް ބޮޑުތަން ފަސޭހަވާނެ އަދި ބިރުގަންނާނެ."

ހުޅުމާލެ ޕޮލިސް ސްޓޭޝަނަށް މީހަކު ޝަކުވާއެއް ހުށަހަޅާއިރު، ފުލުހުންތަކެއް ރިސެޕްޝަންގައި މަޑުކޮށްލައިގެން.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ހުޅުމާލެ ޕޮލިސް ސްޓޭޝަނަށް މީހަކު ޝަކުވާއެއް ހުށަހަޅާއިރު، ފުލުހުންތަކެއް ރިސެޕްޝަންގައި މަޑުކޮށްލައިގެން.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

މަގުތަކާއި އަނދިރިކޮށް ބޮޑު ހުސްޖާގައެއް އޮތުމުގެ ހާސްކަމާ އެކު، ފުލުހުންގެ މިހާރުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ހިޔާ ސަރަހައްދުން ކުޑަކުދިން ކުށްތަކަށް ރެކްރޫޓްކުރާ ވަރު އިތުރުވަމުން ދިއުމެވެ.

އެޗްޑީސީގެ އޮފިޝަލް ވިދާޅުވީ އާމްދަނީ މަދުން ލިބޭ އާއިލާތަކުގައި އިޖުތިމާއީ މައްސަލަތައް ގިނަވާނެ ކަމަށާއި ތަނުގެ ޖާގައަށް ވުރެ ގިނަ މީހުން ދިރިއުޅުމުގެ ސަބަބުން އިތުރު މައްސަލަތައް ނުކުތުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

"އެތަން ފުރަތަމަ ޑިޒައިން ކުރީ ދެމަފިރިންނާ ދަރިއަކާ އުޅޭނެ ކަމަށް. އެކަމަކު، އެ ތަނުގައި ބޮޑެތި ފެމެލީތައް އެބައުޅޭ 10-15 މީހުން އުޅޭ ތަންތަން ވެސް އުޅޭ. އެ ތަންތަނުގައި ތޮއްޖެހުނީމާ ކުދިން ވެސް ނުކުމޭ މަގުމައްޗަށް. ނުކުތީމަ ތިރީގައި ގޭންގެއް އުފެދޭ، އެއާއެކު ކުށްކުރުން އިތުރުވޭ،" ތަފާތު މައްސަލަތަކާ ގުޅޭ ގޮތުން އޭނާ ވިދާޅުވި އެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހުސް ބިމެއް. މި ތަނުގައި ހުސް ޖާގަ އޮތުމުން އެ ތަންތަނުގައި ތަފާތު އެކި ކުށްތައް ހިންގާ ކަމުގެ ޝަކުވާ ބޮޑު.--- ފޮޓޯ: މިހާރު

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހުސް ބިމެއް. މި ތަނުގައި ހުސް ޖާގަ އޮތުމުން އެ ތަންތަނުގައި ތަފާތު އެކި ކުށްތައް ހިންގާ ކަމުގެ ޝަކުވާ ބޮޑު.--- ފޮޓޯ: މިހާރު

ފްލެޓުތަކުގެ 60 ޕަސެންޓުގައި އުޅެނީ ބޮޑެތި އާއިލާތައްކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ އެހެން ސަރަހައްދުތަކަށް ވުރެ ހިޔާ ފްލެޓު ސަރަހައްދުން ކުޑަކުދިން ކުށްތަކަށް ރެކްރޫޓު ކުރުމުގެ މައްސަލަ މާ ގޯސްވާނެ ކަމަށެވެ.

ނަމަވެސް، އެ ފްލެޓުތަކަށް މަދުވެގެން ހަފުތާއަކު ނުވަތަ މަހަކު އެއް ފަހަރު ޒިޔާރަތްކޮށް މީހުންގެ ހިޔާލު ހޯދައި، ދިރިއުޅެން ފަހި ތަނަކަށް ހެދުމުގެ މަސައްކަތް އެޗްޑީސީން ކުރަމުން އަންނަ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ހުޅުމާލެ 2 ގައި މީހުން އާބާދުވިތާ އަންނަ އޮކްޓޯބަރު މަހު ހަތަރު އަހަރު ފުރޭނެ އެވެ. އެއްފަހަރާ އެތައް ހާސް ބަޔަކު އެތަނުގައި ދިރިއުޅެން ފަށައި އެހާ ބޮޑު ސަމާލުކަމެއް ނުދީ ދޫކޮށްލާފައި އޮތުމުން ހުުޅުމާލެ2 ގައި ހުރިހާ ކަމެއް ވެސް އޮތީ ބޮއްސުންލައިގެން ގޮސްފަ އެވެ. ހައުސިންގެ އާ މަޝްރޫއުތަކާ އެކު، އެ ސަރަހައްދުގައި އުޅޭ މީހުންގެ އަދަދު ކުރިއަށް ވުރެން އެތައް ގުނައެއް އިތުރުވާނެ އެވެ. އޭގެ ކުރިން ވެސް، ކުށްވެރިންނަށް ޖަރީމާތައް ހިންގަން ފަހިވާ ގޮތަށް ހުރި ކަންކަން ހުއްޓުވަން ޖެހެ އެވެ.