Roadha Mihaaru
ޖަޕާންގެ އާބާދީ ނުރަވެ އިގްތިސާދީ ހާސްކަމެއްގެ ތެރެއަށް

ޖަޕާންގެ އާބާދީ ނުރަވެ އިގްތިސާދީ ހާސްކަމެއްގެ ތެރެއަށް

19 ސެޕްޓެމްބަރ 2023

ދެ ވަނަ ބޮޑުހަނގުރާމަ އަށް ފަހު އެންމެ ހަލުވި ދުވެއްޔެއްގައި ކުރިއަރައިގެން އައި އެއް ގައުމަކީ ޖަޕާނެވެ. އެމެރިކާ އިން ދިން ވަރުގަދަ އެޓޮމިކް ބޮމުގެ ދެ ހަމަލާގައި، މުޅި ގައުމު އިނދަޖެހި އިގްތިސާދު ފުނޑުފުނޑުވެ، އެންމެ ފަގީރު ގައުމުތަކުގެ ހާލަތަށް ވެއްޓުނެވެ.

ދެ ވަނަ ބޮޑުހަނގުރާމަ އަށް ފަހު އެންމެ ހަލުވި ދުވެއްޔެއްގައި ކުރިއަރައިގެން އައި އެއް ގައުމަކީ ޖަޕާނެވެ. އެމެރިކާ އިން ދިން ވަރުގަދަ އެޓޮމިކް ބޮމުގެ ދެ ހަމަލާގައި، މުޅި ގައުމު އިނދަޖެހި އިގްތިސާދު ފުނޑުފުނޑުވެ، އެންމެ ފަގީރު ގައުމުތަކުގެ ހާލަތަށް ވެއްޓުނެވެ.

އެ ހާލަތުން އަރައިގަތުމަށް ހިތްވަރާއެކު ކުރި ބުރަ މަސައްކަތުން، މިއަދު ޖަޕާނަކީ އިގްތިސާދީ ގޮތުންނާއި އަސްކަރީ ގޮތުން އަދި ޓެކްނޮލޮޖީ އާއި އުފެއްދުންތެރިކަމުގައި ވެސް، އެންމެ ކުރިއަރާފައިވާ ގައުމުތަކުގެ ތެރޭގައި ހިމެނޭ އެއް ގައުމެވެ. އަދި މިހާރުވެސް އެންމެ ހަލުވި ދުވެލީގައި ކުރިއަރަމުން އަންނަ އެއް ގައުމެވެ.

ނަމަވެސް ޖަޕާނުގެ ތަރައްގީ އާއި ކުރިއެރުމަށް މިއަދު ކުރިމަތިވެފައިވާ ގޮންޖެހުން ކުޑައެއް ނޫނެވެ. އެއީ ގައުމުގެ އާބާދީ މުސްކުޅިވެ، އިގްތިސާދީ އިންޖީނުގެ ހަކަތަ ދަށަށް ދިއުމުގެ އަލާމާތްތައް ފެންނަން ފެށުމެވެ.

އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބިނާކޮށް އިއްޔެ ޖަޕާނުން ބުނި ގޮތުގައި އެ ގައުމުގެ މިހާރުގެ އާބާދީގެ 10 އިންސައްތަ އަށް ވުރެ ގިނަ މީހުންނަކީ އުމުރުން 80 އަހަރުގެ ނުވަތަ އެއަށް ވުރެ ދޮށީ އުމުރުގެ މީހުންނެވެ. މިއީ އެ ގައުމުގެ އާބާދީގެ އުމުރުފުރާތަކާ މެދު މީގެ އަހަރުތަކެއް ކުރިން ފެށިގެން ފާޅުކުރަމުން އައި ކަންބޮޑުވުންތަކަށް ހައްލެއް ނުލިބޭ ކަމުގެ ހެއްކެކެވެ.

ޖަޕާނުގައި ދޮށީ އުމުރު ފުރާ ކަމަށް ބަލަނީ، އުމުރުން 65 އަހަރުން މަތީގެ މީހުންނެވެ. ޖަޕާނުގެ މިނިސްޓްރީ އޮފް އިންޓާނަލް އެފެއާޒް އެންޑް ކޮމިޔުނިކޭޝަންސް އިން އިން ބުނި ގޮތުގައި އެ ގައުމުގެ އާބާދީގައި ހިމެނޭ ދޮށީ އުމުރުގެ އިންސައްތަ ވެސް މިހާރު ވަނީ ރެކޯޑް މިންވަރަކަށް މަތިވެފަ އެވެ.

ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ޖަޕާނުގެ ޖުމްލަ އާބާދީގައި ދޮށީ އުމުރުގެ މީހުން މިހާރު ހިމެނޭ ނިސްބަތަކީ 29.1 އިންސައްތަ އެވެ. މިއީ މުޅި ދުނިޔޭގެ ނިސްބަތުން ބަލާއިރު ވެސް ރެކޯޑް މިންވަރެކެވެ. ޖަޕާނު ފިޔަވައި، ދޮށީ އުމުރުގެ މީހުންގެ ނިސްބަތް 29 އިންސައްތަ އަށް އަރާފައިވާ އެއްވެސް ގައުމެއް އަދި ނެތެވެ.

އާބާދީގެ ބޮޑު އިންސައްތައެއްގައި ނުރަ ޖަހައި، އަސާގަނޑުގެ އެހީގައި އުޅެން ޖެހިފައިވާ އިރު، ޖަޕާނުގެ އިގްތިސާދަށް ލިބިދާނެ ގެއްލުންތަކާ މެދު އެ ގައުމުގެ އިގްތިސާދީ ތަޖުރިބާކާރުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. ޖަޕާނުން ތަހައްމަލު ކުރަންޖެހިފައިވާ "ރިހޭ ފައި"ގެ މައްޗަށް ވެއްޓުނު އަނެއް ފޮޔަކީ، އެ ގައުމުގެ އާބާދީ އިތުރުވަމުން އަންނަ ނިސްބަތް ދަށްވުމެވެ.

އާބާދީ މުސްކުޅިވަމުންދާ ނިސްބަތާއި މީހުން މަރުވާ ނިސްބަތަށް ވުރެ އާބާދީ އިތުރުވާ ނިސްބަތް ދަށްވުމަކީ، ގައުމުގެ މަސައްކަތު އާބާދީގެ އަދަދު ދަށްވާނެ ކަމެކެވެ. އޭގެ ނަތީޖާއަކަށް ވާނީ އިގްތިސާދީ ހަރަކާތްތަކުގައި ބައިވެރިވާ މީހުން މަދުވެ އިގްތިސާދީ ދުވެލި ދަށްވުމެވެ.

ޖަޕާނުގެ އާބާދީ ދަށަށް ދާން ފެށީ، ތަފާސްހިސާބުތައް ދައްކާ ގޮތުން، 1980ގެ އަހަރުތަކުގައި އެ ގައުމުގެ އިގްތިސާދަށް އައި ހަލުވި ދުވެއްޔާ ދާދި އެކުއެކީގަ އެވެ. ބިދޭސީ މަސައްކަތު މީހުން ނުގެންގުޅޭ ގައުމުތަކުގައި، އިގްތިސާދަށް ހަކަތަ ފޯރުކޮށްދޭ އާބާދީއެއް އޮތުމަށްޓަކައި، ދަރިމައިވާ ނިސްބަތް 2.1 އިންސައްތައިގައި ހުރުން ކޮންމެހެން ލާޒިމެވެ.

ނަމަވެސް 1980ގެ އަހަރުތަކުން ފެށިގެން ޖަޕާނުގެ ދަރިމައިވާ ނިސްބަތް ވަނީ 1.3 އިންސައްތަ އަށް ވެއްޓިފަ އެވެ. އޭގެ އިތުރުން އަހަރެއްގެ ތެރޭގައި މީހުން މަރުވާ އަދަދަށް ވުރެ، އަހަރެއްގެ ތެރޭގައި ކުދިން އުފަންވާ އަދަދު، ޖަޕާނުގައި ދަށަށް ދާން ފެށިތާ މިހާރު 10 އަހަރު ވެއްޖެ އެވެ.

މުޅި ދުނިޔޭގެ ނިސްބަތުން ބަލާއިރު ވެސް، މީހުން ދިރި ތިބޭނެ ކަމަށް ލަވާ ކުރެވޭ އެވްރެޖް އުމުރު އެންމެ މަތީ ގައުމަކީ ވެސް ޖަޕާނެވެ. އެހެންކަމުން، ވިހާ މަރުވާ ނިސްބަތުގައި އެހާ ބޮޑު ފަރަގެއް ހުރުމުން، ޖަޕާނަށް ދެން ކުރިމަތިވާނެ އެންމެ ބޮޑު ގޮންޖެހުމަކަށް ވާނީ، އިގްތިސާދީ ހަރަކާތްތައް މަޑުޖެހި، މުސްކުޅި އާބާދީ އަށް ދައުލަތުން ކުރަންޖެހޭ ހޭދަ އިތުރުވުމެވެ.

މަސައްކަތު އާބާދީ ދަށަށް ދާ މައްސަލަ ހައްލު ކުރުމުގެ ގޮތުން، މީގެ އަހަރުތަކެއް ކުރިން ފެށިގެން ޖަޕާން ސަރުކާރުން އަންނަނީ، ތަފާތު އިނާޔަތްތައް ތައާރަފްކޮށް ވަޒީފާއެއް ނެތި ގޭގައި ތިބޭ އަންހެނުން މަސައްކަތު ދާއިރާ އަށް ނެރުމަށް ހިތްވަރު ދެމުންނެވެ. ނަމަވެސް އާބާދީ އިތުރުނުވާ މައްސަލައިގެ ދާއިމީ ހައްލަކަށް އެކަން ވެސް ނުވެ އެވެ.

ޖަޕާނު ސަރުކާރުން ފެށި އެ މަސައްކަތުގެ ނަތީޖާ ރަނގަޅެވެ. އެ ގައުމުގެ މަސައްކަތު އާބާދީގައި މުސްކުޅި އުމުރުގެ 9.12 މިލިއަން މީހުން މިވަގުތު ވެސް ހަރަކާތްތެރިވެ އެވެ. މަސްކަތު އާބާދީގައި ބައިވެރިވާ މުސްކުޅިން އަދަދު އަހަރުން އަހަރަށް މަތިވަމުން އަންނަތާ މިއީ 19 ވަނަ އަހަރެވެ.

އެ ގައުމުގެ ދާޚިލީ ވުޒާރާ އިން ބުނި ގޮތުގައި މިވަގުތު އެ ގައުމުގެ މަސައްކަތު އާބާދީގެ 13 އިންސައްތައަކީ އުމުރުން 65 އަހަރާއި 65 އަހަރުން މަތީގެ މީހުންނެވެ. ދުނިޔޭގެ ބޮޑެތި އިގްތިސާދުތަކަށް ބަލާއިރު، ޖަޕާނަކީ މަސައްކަތު އާބާދީގެ އެވްރެޖް އުމުރުފުރާ އެންމެ މަތީ ގައުމެވެ.

މި މައްސަލަތަކަށް ރިއާޔަތްކޮށް ޖަޕާނުގެ ބޮޑުވަޒީރު ވިދާޅުވާ ގޮތުގައި ޖަޕާން މިހާރު އޮތީ އެ ގައުމުގެ އިގްތިސާދު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވޭ ފަދަ ހާލަތެއްގައެއް ނޫނެވެ. އެހެންކަމުން ސަރުކާރުން މިވަގުތު އެންމެ ބޮޑު އިސްކަމެއް ދޭ ސިޔާސަތަކީ، ދަރިން ހޯދުމަށް ބާރުއަޅައި އެކަމަށް އެހީތެރިވެދިނުމެވެ.

އިރުމަތީ އޭޝިޔާ އަށް ކުރިމަތިވެފައިވާ މި މައްސަލަ ދެން އެންމެ ބޮޑަށް ފެންނަން އޮތީ، ޗައިނާ އާއި ދެކުނު ކޮރެއާ އާއި ސިންގަޕޫރު އަދި ތައިވާނުންނެވެ. މުސްކުޅިންގެ އާބާދީ އިތުރުވެ، މަރުވާ ނިސްބަތަށް ވުރެ އުފަންވާ ނިސްބަތް ދަށްވެފައިވާތީ، ދަރިން ހޯދުމަށް ބާރުއެޅުމުގެ ސިޔާސަތުތަކެއް އެ ގައުމުތަކުގައި ވެސް މިހާރު ވަނީ ތައާރަފްކޮށްފަ އެވެ.