Roadha Mihaaru
ބައިޑެން އިންތިހާބުގައި ވާދަ ނުކުރަން ނިންމަވައިފި

ބައިޑެން އިންތިހާބުން ވަކިވެ ނައިބު ރައީސް ހެރިސްއަށް ފުރުސަތު ދެއްވައިފި

22 ޖުލައި 2024

އެމެރިކާގެ ރިޔާސީ އިންތިހާބުގައި މިހާރުގެ ރައީސް ޖޯ ބައިޑެން ވާދަނުކުރައްވަން ނިންމަވައި، ޕާޓީގެ ފަރާތުން ވާދަކުރައްވާނެ އާ ކެންޑިޑޭޓަކަށް މިހާރުގެ ނައިބު ރައީސް ކަމަލާ ހެރިސްގެ ނަން ހުށަހަޅުއްވައިފި އެވެ.

އެމެރިކާގެ ރިޔާސީ އިންތިހާބުގައި މިހާރުގެ ރައީސް ޖޯ ބައިޑެން ވާދަނުކުރައްވަން ނިންމަވައި، ޕާޓީގެ ފަރާތުން ވާދަކުރައްވާނެ އާ ކެންޑިޑޭޓަކަށް މިހާރުގެ ނައިބު ރައީސް ކަމަލާ ހެރިސްގެ ނަން ހުށަހަޅުއްވައިފި އެވެ.

ބައިޑެން ރިޔާސީ ރޭހުން މި ވަކިވެވަޑައިގަތީ އިދިކޮޅު ރިޕަބްލިކަންގެ ކެންޑިޑޭޓް ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕާ އެކު ރިޔާސީ ރޭހުގައި ކުރިމަތިވެ ވަޑައިގަތް ލަދާ އެކު ބައިޑެންގެ ގާބިލްކަމާ މެދު ސުވާލު އުފެދި އޭނާ ރިޔާސީ ރޭހުން ވަކިވެވަޑައިގަތުމަށް ފިއްތުން ކުރިމަތިވުމުންނެވެ.

އުމުރުން 81 އަހަރުގެ ބައިޑެން ވިދާޅުވި ގޮތުގައި އޭނާ މިގޮތަށް މި ނިންމެވީ "ގައުމާއި ޕާޓީ އަށް އެންމެ ރަނގަޅު ގޮތް" ކަމަށް ވާތީ އެވެ.

ބައިޑެން ސޯޝަލް މީޑިއާގައި އާންމުކުރެއްވި ސިޓީއެއްގައި ވިދާޅުވެފައިވަނީ ގައުމަށް ހިދުމަތް ކުރެއްވުމަކީ ލިބިވަޑައިގަތް ބޮޑު ފަހުރެއް ކަމަށާއި މި ހަފްތާގެ ފަހުކޮޅު ރަސްމީކޮށް ގައުމާ މުހާތަބުކުރައްވައި ވާހަކަ ދައްކަވާނެ ކަމަށެވެ.

"އާ ދައުރަކަށް ވާދަކުރަން އަޅުގަނޑު ބޭނުންވިޔަސް، އެ ވިސްނުން ދޫކޮށްލައި ރިޔާސީ ދައުރުގެ ބާކީ އޮތް ދުވަސްތަކަށް އެކަނި ފޯކަސްކޮށްގެން މަސައްކަތްކުރުމަކީ ޕާޓީ އާއި ގައުމަށް ވެސް އެންމެ ރަނގަޅު ގޮތް ކަމަށް އަޅުގަނޑު ގަބޫލުކުރަން،" ބައިޑެން ލިޔުއްވާފައިވެ އެވެ.

ބައިޑެންގެ ތާއީދު ކަމަލާ އަށް ދެއްވުމާ އެކު ޕާޓީގެ ވަރުގަދަ ބޭފުޅުން ވެސް ވަގުތުން ކެމްޕެއިން ބަދަލުކުރެއްވި އެވެ. ޑިމޮކްރެޓުންނަށް ފަންޑުކުރާ "އެކްޓްބްލޫ" އިން ބުނި ގޮތުގައި ހެރިސް އަށް އެންމެ ފަސް މިނެޓް ތެރޭ 27.5 މިލިއަން ޑޮލަރު ޑޮނޭޝަންގެ ގޮތުގައި ލިބިވަޑައިގަތެވެ.

ޑިމޮކްރެޓިކް ޕާޓީގެ އާ ރިޔާސީ ކެންޑިޑޭޓަކަށް ހަމަޖައްސަން ހުށަހެޅުއްވި ނައިބު ރައީސް ކަމަލާ ހެރިސް. -- ފޮޓޯ: އޭއެފްޕީ

ޑިމޮކްރެޓިކް ޕާޓީގެ އާ ރިޔާސީ ކެންޑިޑޭޓަކަށް ހަމަޖައްސަން ހުށަހެޅުއްވި ނައިބު ރައީސް ކަމަލާ ހެރިސް. -- ފޮޓޯ: އޭއެފްޕީ

ޑިމޮކްރެޓުން ރިޔާސީ ކެންޑިޑޭޓް ރަސްމީކޮށް ކަނޑައަޅާނީ އަންނަ މަހު 19 ގައި ޝިކާގޯގައި ބާއްވާ އެ ޕާޓީގެ ކޮންވެންޝަނުންނެވެ. އެހެންވެ ކަޅު ނަސްލުގެ އަދި ދެކުނު އޭޝިއާ ދަރިކޮޅުގެ ފުރަތަމަ އަންހެން ނައިބު ރައީސް ހެރިސްގެ ނަން ރަސްމީކޮށް ރިޔާސީ ކެންޑިޑޭޓަކަށް އެ ކޮންވެންޝަނުން ފާސްކުރަން ޖެހޭނެ އެވެ. އެކަމަކު ޕާޓީ ތެރެއިން މިހާރު ވެސް ވަނީ އެހެން ބައެއް ބޭފުޅުން ޝައުގުވެރިކަން ފާޅުކުރައްވައިފަ އެވެ.

ނޮވެމްބަރު ފަސް ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ޑިމޮކްރެޓުންނަށް ހާސްކަން ބޮޑުވެފައި ވަނިކޮށް މިގޮތަށް ނިންމެވުމުން ޕާޓީތެރެ އިތުރަށް ހަލަބޮލިވި ނަމަވެސް އުންމީދު ގެއްލިފައި ތިބި މެންބަރުންނަށް ހިތްވަރަކަށް ވާނެ ކަމަށް ބެލެވެ އެވެ. ބައިޑެން ރިޔާސީ ރޭހުން ވަކިވެވަޑައިގަންނަމުން ނައިބު ރައީސް ކަމަލާގެ ނަން ހުށަހެޅުއްވުމާ އެކު ޓްރަމްޕް ބަލިކޮށް ގައުމުގެ ފުރަތަމަ އަންހެން ރައީސަކަށް ކަމަލާ އިންތިހާބުކުރުމުގެ ރޫހެއް ވަނީ އުފެދިފަ އެވެ.

ބައިޑެން ރިޔާސީ އާ ދައުރަކަށް ކުރިމަތިނުލައްވަން ނިންމެވީ އިތުރު ދައުރެއް ފުރިހަމަކުރުމުގެ ގާބިލްކަން ނެތުމުން ކަމަށް ގަބޫލުކުރައްވައިގެން ކަމަށް ވާއިރު މި ނިންމެވުމާ އެކު ޓްރަމްޕް ވަނީ ސޯޝަލް މީޑިއާގައި ރައްދު ދެއްވައިފަ އެވެ. އޭނާ ވިދާޅުވީ ދާ ދައުރަކަށް އެކަށީގެން ނުވާ ނަމަ މިހާރު ވެސް ވެރިކަމަށް ކުފޫ ހަމަނުވާނެ ކަމަށެވެ.

ބައިޑެން ރިޔާސީ ރޭހުން ވަކިވެވަޑައިގަތުމުން 78 ޓްރަމްޕް މިހާރު ވެފައިވަނީ މިހާތަނަށް އިންތިހާބުގައި ވާދަކުރައްވާ އެންމެ ދުވަސްވީ ކެންޑިޑޭޓަށެވެ. ކަމަލާގެ އުމުރަކީ 59 އަހަރު ކަމަށް ވާއިރު އުމުރުގެ ތަފާތު ބޮޑު ދެ ކެންޑިޑޭޓެއްގެ ކުރިމަތިލުމަކުން ރިޕަބްލިކަންގެ ކެމްޕެއިންނަށް ބަދަލުތަކެއް ގެންނަން ޖެހޭނެ ކަމަށް ދިރާސާކުރާ މީހުން ދެކެ އެވެ. -- އޭއެފްޕީ