Roadha Mihaaru
މި އާއިލާއިން "ވެޔޮގަނޑު" ފަތުރާލައި ހިތްހަމަޖެހިގެން

ވޭމަންޑޫގެ މި އާއިލާ އިން "ވެޔޮގަނޑު" ފަތުރާލައި ހިތްހަމަޖެހިގެން

25 ޖުލައި 2024

ލިބުނު ގިނަ ފައިސާ ހަރަދުކުރީ މަންމަ އާއި ބައްޕަގެ ސިއްހީ ކަންކަމަށް ފަރުވާ ކުރާށެވެ. އޭރު ދައުލަތުގެ ސިއްހީ އިންޝުއަރެންސް ނިޒާމެއް ނޯންނާތީ، އެ ދެ މީހުންގެ ފަރުވާއަށް ކޮންމެ ފަހަރަކު ވެސް އަމިއްލަ ޖީބުން ބޮޑު ހޭދައެއް ކުރަންޖެހެ އެވެ. އެކަމެއް ނިމޭއިރު ފަހަށް ރައްކާކުރާނެ ފައިސާއެއް ނޯވެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ލިބުނު ގިނަ ފައިސާ ހަރަދުކުރީ މަންމަ އާއި ބައްޕަގެ ސިއްހީ ކަންކަމަށް ފަރުވާ ކުރާށެވެ. އޭރު ދައުލަތުގެ ސިއްހީ އިންޝުއަރެންސް ނިޒާމެއް ނޯންނާތީ، އެ ދެ މީހުންގެ ފަރުވާއަށް ކޮންމެ ފަހަރަކު ވެސް އަމިއްލަ ޖީބުން ބޮޑު ހޭދައެއް ކުރަންޖެހެ އެވެ. އެކަމެއް ނިމޭއިރު ފަހަށް ރައްކާކުރާނެ ފައިސާއެއް ނޯވެ އެވެ.

ކަންމަތީ ކުޑަ ފިހާރައެއް ހިންގުމުގެ ވިސްނުން އައީ އެ ހިސާބުންނެވެ.

ތ. ވޭމަންޑޫ، ވެޔޮދޮށުގެ އާއިލާގެ ބައިވެރިވުމާ އެކު ހަތަރު ފިރިހެނުން އިސްނަގައިގެން މީގެ 13 ވަރަކަށް އަހަރު ކުރިން ފިހާރަ ފެށީ 140،000ރ. އިންނެވެ. އެއީ، އާއިލާ މީހުން އެއްކުރި 40،000 ރުފިޔާ އާއި ލޯނެއްގެ ގޮތުގައި ލިބުނު 100،000 ރުފިޔާ އިންނެވެ.

އާއްމު ދިރިއުޅުމަކަށް ބޭނުންވާ ސާމާނުން ފެށި ކުޑަ ފިހާރަ ފުޅާވަމުން ގޮސް، ވެޔޮގެ ކުޑަ ދޮށުގައި ނެތް ވިޔަފާރިއެއް ނެތޭ ބުންޏަސް ރަނގަޅުވާނެ އެވެ.

ގެއަށް ބޭނުންވާ ސާމާނުން ފެށިގެން ހާޑްވެއާ އާއި އަންނައުނެވެ. ސެންޓާއި ރީތިވާ ސާމާނު ވިއްކާ ފިހާރަ އާއި މުނިފޫހިފިލުވުމުގެ އެތައް ހަރަކާތެއް ކުރިއަށްގެންދެވޭ ގޮތަށް، އެކުވެނި ސްޓައިލްގެ ވަރަށް ވަރުގަދަ ރެސްޓޯރެންޓެއް މި ރަށުގައި އެބަ ހިންގަ އެވެ.

ވެޔޮ އާއިލާގެ ދޫނި ވިޔަފާރިއަށް ކޮށިތައް ހަދާފައި. -- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ވެޔޮ އާއިލާގެ ދޫނި ވިޔަފާރިއަށް ކޮށިތައް ހަދާފައި. -- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

މި ވިޔަފާރީގައި އިސްކޮށް އުޅުއްވާ، މި އަތޮޅު ކައުންސިލްގެ ރައީސް އަބްދުﷲ ޝަރީފް ވިދާޅުވި ގޮތުގައި ރަށުގައި ފިހާރަ ހުޅުވިއިރު، ބޭރުން މުދާ ގެނެސްގެން ހެޔޮ އަގުގައި ވިއްކާ އެހެން ބައެއް ތަންތަން ހުއްޓެވެ. އެހެންވެ، މާލެއިން ތަކެތި ގެނެސް އެ ވިޔަފާރިއާ ވާދަކުރުން ވެޔޮދޮށުގޭ މީހުންނަށް ވީ އުނދަގޫ ކަމަކަށެވެ. އެކަމަކު، އެކަން ތަޖުރިބާކޮށްލަން ބެންކޮކަށް ގޮސް، އެޖެންޓު މެދުވެރިވެ މުދާ ގަނެ، ކޮންޓެއިނަރު ހައްދަން ފެށި އެވެ. އެކަމަކު، ދައްކާނެ ފައިސާއެއް ނުހުރެ އެވެ.

"އަނެއްކާ ރަށަށް އައިސް މަހެއްހާ ދުވަސް ފަހުން، އެންމެންގެ އަތުން ފައިސާ ހޯދުމަށް ފަހު އެޖެންޓަށް ފައިސާ ދެނީ. ވަގުތުން ފައިސާ ނުދެއްކިއަސް، ފަހުން ނަމަވެސް ފައިސާ ދައްކާނެ ކަމުގެ ޔަގީންކަން އޮތުމުން މުދާ ހޯދުން ވީ ފަސޭހަ ކަމަކަށް. ފަހުން ދުބާއި، ޗައިނާ، ބެންގަލޫރު ފަދަ ތަންތަނުން މުދާ ގެންނަން ފެށި."

"ފެށިއިރު ވަރަށް ދަތި ހާލުގައި މިކަން ދިޔައީ،" އަބްދުﷲ ޝަރީފް ވިދާޅުވި އެވެ.

މީހުންގެ އިތުބާރު ލިބި، ފިހާރަ ވެސް ރަނގަޅަށް ހިނގަން ފެށުމުން ދެން ބޭނުންވީ ރެސްޓޯރެންޓު ވިޔަފާރީގެ ތެރެއަށް ވަންނާށެވެ. އެކަމަކު، ރަށްރަށުގައި ރީތިކޮށް ފެންވަރުގައި ރެސްޓޯރެންޓު ހިންގުމަކީ އާއްމުކޮށް ކޮށް އުޅޭ ކަމަކަށް ނުވުމުން، އަބްދުﷲ ޝަަރީފް ވިދާޅުވީ އެ ގޮންޖެހުންތައް ފުރަތަމަ ދިމާވި ކަމަށެވެ.

ވެޔޮ ރެސްޓޯރެންޓު ތެރޭގައި ހިންގާ ޖިމް.

ވެޔޮ ރެސްޓޯރެންޓު ތެރޭގައި ހިންގާ ޖިމް.

މި ރަށުގައި ވެސް އޭރު މީހުން ވިސްނީ، އާބާދީ ކުޑަވުމުން ފެންވަރުގައި ރެސްޓޯރެންޓުތައް ހަދައިގެން އެ ތަންތަން ރަނގަޅަށް ނުހިނގާނެ ކަމެވެ. އާއިލާތައް ގޮވައިގެން ކެފޭތަކުގައި ކެއުމަކީ އާއްމު ކަމެއް ނޫނެވެ.

ނަމަވެސް، އަބްދުﷲ ޝަރީފް ވިދާޅުވީ ރެސްޓޯރެންޓުގެ ކޮންސެޕްޓް ބަދަލުކުރަން ވެސް އޭނާ ނެގީ ރިސްކެކެވެ. ރަށްރަށުގައި ހޮޓާ ހުންނަން ޖެހޭނީ ރަށުގެ ބަނދަރުގައި ކަމަށާއި މީހުން ދާނީ އެ ފަދަ ތަންތަނަށް ކަމަށް ބުނެ އަމާޒުވި ފާޑުކިޔުންތަކަށް ކުރި ޗެލެންޖުގެ ނަތީޖާ ވަރަށް ރަނގަޅެވެ.

"ވެރިކަން ކުރާ ރަށްވީމަ އެހެން ރަށްތަކުން އަންނަ މީހުންނަށް ވެސް ފެންނާނެތާ މިތަން. ފެނުނީމަ ރަށްތަކުގައި ވެސް ވަރަށް ވައިރަލްވި، އޯޕަން އެއާގައި، ތަންތަން ކޮޅުގައި، ސެޕަރޭޓްކޮށްގެން އާއިލާތަކާ އެކު. އޭގެ ފަހުން އަޅުގަނޑުމެންނަށް ފާހަގަކުރެވުނީ އާއިލާތައް، ރެސްޓޯރެންޓަށް މި އަތޮޅު ތެރޭގައި ވަންނަން ފަށައިފި. އޭގެ ކުރިން ނުދާނެ އަންހެނުންނާއި ކުދިންނެއް،" ޝަރީފް ވިދާޅުވި އެވެ.

ރަށްރަށުގައި ކެފޭ/ރެސްޓޯރެންޓުތައް ފެންނަނީ ފިރިހެނުން އަނގަތަޅާލަން ދާ ތަނެއްގެ ގޮތުގަ އެވެ. އެކަމަކު، "ވެޔޮ ގާޑެން" ގެ ތަފާތަކީ އާއިލާތައް ވަކިން ތިބެވޭނެ ގޮތާއި ކުޑަކުދިން ވެސް ސަކަރާތް ޖަހައި، ކުޅޭނެ ސާމާނު ބަހައްޓާފައި ހުރުމެވެ.

އަބްދުﷲ ޝަރީފް އިންޓަވިއު ދެއްވަނީ. -- ފޮޓޯ | މިހާރު

އަބްދުﷲ ޝަރީފް އިންޓަވިއު ދެއްވަނީ. -- ފޮޓޯ | މިހާރު

އޭނާ ވިދާޅުވި ގޮތުގައި މޫނު ބުރުގާ އެޅި މީހުންނަށް ވެސް އެ ރެސްޓޯރަންޓުގައި ހިތްހަމަޖެހިލައިގެން ތިބެ ކާލެވޭނެ އެވެ. އެ ވިސްނުމުގައި، މި ރެސްޓޯރެންޓުގައި ކޯނަރުތައް އަދި ވަކިވަކި ތަންތަން ގިނައިން ހަދާފައިވެ އެވެ.

ރެސްޓޯރެންޓުގެ ކޮންސެޕްޓް ބަދަލުކުރަން ވެސް މިހާރު ވަނީ ފަށައިފަ އެވެ. ރަށުގައި ޖިމެއް ނުހުންނާތީ ވެޔޮ ގާޑަންގެ ތެރޭގައި ޖިމެއް ވެސް ހުޅުވައިފި އެވެ. ފުރިހަމަ ވަސީލަތްތަކާއެކު ހުޅުވި ތަނުގައި ޓްރެއިނަރެއް އަދި އެރޮބިކްސް ކްލާސްތައް ނަގައިދޭން އިތުރު ޓްރެއިނަރެއް ގެނެސް ހިދުމަތް ދޭން ވަނީ ފަށައިފަ އެވެ.

އެ ތަނުގެ މަތީގައި ބިލިއާޑާއި އިންޑޯ ކުޅިވަރު ކުޅޭނެ ވަސީލަތްތައް ބަހައްޓާފައި ހުރެ އެވެ. އެއާ ޖެހިގެން 100 އިންޗީގެ ބޮޑު ޓީވީއަކާ އެކު، ޕްރޮޖެކްޓަރު ބަހައްޓައި މުނިފޫހިފިލުވުމަށް ހާއްސަކޮށްފައިވެ އެވެ.

"ތަފާތު ކޮންސެޕްޓަކަށް، އެކުވެންޏެއް ގޮތަށް މިހާރު މި ބަދަލުކުރަމުން ދަނީ." އޭނާ ވިދާޅުވި އެވެ.

ރެސްޓޯރެންޓް ހަދާފައިވަނީ ބައްޕަގެ 9،000 އަކަފޫޓުގެ ބިމުގަ އެވެ. އޭގެ އިތުރަށް ކައިރި މީހެއްގެ ބިމުން އިތުރު 100 އަކަފޫޓު ބިމެއް ކުއްޔަށް ނަގައި، އެތަން ވަނީ ބޮޑުކޮށްފަ އެވެ.

ތިން ވަނައަށް ފެށީ މަސް ދޯނީގެ ވިޔަފާރި އެވެ. މިއީ، އަބްދުﷲ ޝަރީފް ވިދާޅުވި ގޮތުގައި، އެ ކުންފުނީގެ މި ވަގުތު އެންމެ ކާމިޔާބު ވިޔަފާރި އެވެ. އެއަށްވުރެ ބޮޑަށް ލިބޭނެ ހިތްހަމަޖެހުމަކީ، ރަށުގެ އެތައް އާއިލާއަކަށް އާމްދަނީ ހޯދައިދެވޭނެ މަގު ފަހިކޮށްދެވުމެވެ. އެ ދޯނީގައި 16 ވަރަކަށް މީހުން މަސައްކަތްކުރެ އެވެ.

އާއިލީ ވިޔަފާރީގެ އިތުރަށް، އަބްދުﷲ ޝަރީފްގެ ގޭގައި އޭނާ ރެސްޓޯރެންޓަކާ އެކު ގެސްޓްހައުސެއް ހިންގަ އެވެ. އެކަމަކު، ބާކީ ހުރި ވިޔަފާރިތައް ހިންގަނީ ދެން ތިބި މީހުންނަށް ބަހާލައިގެންނެވެ.

އެ މުއްދަތުގެ ތެރޭގައި އަންނައުނުގެ ފިހާރަ ހިންގަނީ ސްކޫލާއި ކުޅިވަރަށް ހާއްސަ ސާމާނާއެކުގަ އެވެ. އީދު ކަހަލަ ދުވަސްތަކުގައި، ދުވާލެއްގެ މައްޗަށް މަދުވެގެން ލައްކައެއްހާ ރުފިޔާ ލިބޭ ދުވަސްތައް ވެސް އާދެ އެވެ.

ވިޔަފާރިއެއް ފެށިއަސް ގިނަ މީހުންނަށް އުނދަގޫވަނީ އެކަމެއް ކުރިއަށް ގެންދާށެވެ. ހާއްސަކޮށް އާއިލީ ކަމެއް ނަމަ ވަކި ހިސާބަކުން މައްސަލަ ޖެހި ޕާޓްނަޝިޕް ރޫޅާލަންޖެހޭ ހިސާބަށް ދެ އެވެ. އެކަމަކު، އަބްދުﷲ ޝަރީފް ވިދާޅުވީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ވިޔަފާރި ކުރިއަށް ދިޔައީ މީހުންގެ އިތުބާރު ހޯދައި އާއިލީ ގުޅުމަށް އިސްކަން ދިނުމުން ކަމަށެވެ.

ވެޔޮ އާއިލާ އިން ކުރިއަށް ގެންދާ ވެޔޮ ޕްލާޒާ

ވެޔޮ އާއިލާ އިން ކުރިއަށް ގެންދާ ވެޔޮ ޕްލާޒާ

"އަޅުގަނޑުގެ ތަޖުރިބާއަކީ ވިޔަފާރި ކުރުމުގައި އިތުބާރު ދެމެހެއްޓުން. އެންމެ ކުޑަކޮށް ކުރިއިރު ވެސް ބަލަން އަޅުގަނޑުމެންނަށް ނުފުދިގެން ދިޔަސް، އަޅުގަނޑުމެން ދޭންވާ މުއްދަތަށް ޕޭމަންޓް ދެވޭތޯ. އޭގެ ނަތީޖާއެއް ގޮތުން ވެލިގާ ހާޑްވެއާ، ސޮނީ ތަންތަނުން ހަމަ ވަރަށް ޔަގީންކަން އޮންނާނެ އަޅުގަނޑުމެންނަށް، އިތުބާރު އޮންނާނެ. ގުޅާލާއިރަށް ބުނާ އަދަދަކަށް އެއްޗެހި ފޮނުވާނެ. އެއީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ވިޔަފާރި ފުޅާކުރުމުގައި އަޅުގަނޑުމެން ބޭނުންކުރީ އިތުބާރު ދެމެހެއްޓުން ވިޔަފާރި ކުރާ ފަރާތްތަކާއެކު." އޭނާ ވިދާޅުވި އެވެ.

އެއްބަނޑު އެއްބަފާ ފަސް ފިރިހެން ދަރިންގެ ތެރެއިން މައިންބަފައިންނާ ވަކިން އުޅެނީ އަބްދުﷲ ޝަރީފެވެ. އާއިލީ ގޭގައި ތިރީހަކަށް މީހުން ދިރިއުޅެމުން އައި ނަމަވެސް، އެ އެންމެން ވެސް އެންމެ އިސްކަންދެނީ ދެން ތިބި މީހުންގެ ދަރިންނަށެވެ.

"ފަހު ބަސް ބުނާނީ މަންމަ. އަދި އެ މީހެއްގެ އަމިއްލަ ދަރިއަކަށް ވުރެ، އެ މީހުން ވެސް އިސްކަންދެނީ އެހެން މީހުންގެ ކުދިންނަށް. އެއް ގެއެއްގައި ތިރީހަކަށް މީހުން މައްސަލަ ނުޖެހި އެ އުޅެވެނީ އެ ކަންކަމަށް ބަލާތީ،" އޭނާ ވިދާޅުވި އެވެ.

"ކަސްޓަމަރުންނާ ބޭއްވޭ ގުޅުން ވެސް އޮވޭ. އިލެކްޓްރޯނިކް ސާމާނު ނުވަތަ 3000-4000ރ. އަށް ދޭ ފާހަނާ ތަށި، ކަސްޓަމަރާ ހަމައަށް ދާއިރު ހަލާކުވެފައި ހުރެއްޖެ ނަމަ އިތުރު ރުފިޔާއެއް ނުނަގާ ވަގުތުން ބަދަލުކޮށްދެން. ދާއިމީ ކަސްޓަމަރަކަށް ލިބޭ ގެއްލުމަށް އެހީއެއް ނުވެއްޖެނަމަ އޭނާ އަލުން ނާންނާނެ ކަމަށް އަޅުގަނޑުމެން ގަބޫލުކުރަނީ."

ވެޔޮގެ ވިޔަފާރިތަކުގައި މި ވަގުތު ގާތްގަނޑަކަށް 40 މުވައްޒަފުން އެބަތިއްބެވެ. މި އަތޮޅުގެ ރަށްތަކަށް ދުވާލަކު 3-4 ލޮރީގައި މުދާ އެބަ ފޮނުވަ އެވެ. ޔަގީނުން ވެސް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މި އާއިލާއިން މި ރަށުގައި އާއިލީ "ވެޔޮގަނޑު" ރަނގަޅަށް ހައްދާލައިފި އެވެ.