Roadha Mihaaru
ކޮވިޑާއެކު ތ. އަތޮޅު ހާސްކަމުގެ ތެރެއަށް

ތ. އަތޮޅުގައި ކޮވިޑް ބާރަށް ފެތުރެނީ! ހާލަތު ވަރަށް ގޯސް

19 އެޕްރީލް 2021

ތ. އަތޮޅުގެ ގިނަ ރަށްތަކެއްގައި ކޮވިޑް-19 ފެތުރިފައިވާއިރު، ކޮންމެ ދުވަހަކު ވެސް ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވެ، އަތޮޅުގެ ހާލަތު ގޯސްވެއްޖެ އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ތ. އަތޮޅުގެ ގިނަ ރަށްތަކެއްގައި ކޮވިޑް-19 ފެތުރިފައިވާއިރު، ކޮންމެ ދުވަހަކު ވެސް ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވެ، އަތޮޅުގެ ހާލަތު ގޯސްވެއްޖެ އެވެ.

ތ. އަތޮޅުން އެންމެ ފުރަތަމަ ކޮވިޑް ފެނުނީ މި މަހުގެ ނުވަ ވަނަ ދުވަހު ވޭމަންޑޫންނެވެ. އެއީ އެ ރަށުން ބަލިވެގެން މާލެ ގެނައި މީހެއްގެ ގައިންނެވެ. އޭގެ ފަހުން އެ ރަށުގައި ކޮވިޑްގެ ހާލަތު ގޯސްވެ، އިއްޔެ ހަވީރުގެ ނިޔަލަށް 84 މީހުންނަށް ވަނީ ބަލި ޖެހިފަ އެވެ.

ވޭމަންޑު އަކީ އަތޮޅުގެ ގިނަ ބަޔަކު ކޮންމެ ދުވަހަކު ވެސް ދަތުރު ކުރާ މައި ރަށަށް ވުމުން، އެ އަތޮޅުގެ ހަ ރަށަކަށް މިހާރު ބަލި ވަނީ ފެތުރިފަ އެވެ. އޭގެ ތެރެއިން އެންމެ ހާލަތު ގޯހީ ކިނބިދޫގަ އެވެ.

އެންމެ ފުރަތަމަ ދުވަހު ވެސް ކިނބިދޫން ކޮވިޑްގެ ހަ ކޭސް ފެނުނެވެ. މިހާރު އެ އަދަދު ވަނީ 30 އަށް އަރައިފަ އެވެ. އޭގެ އިތުރުން އެ އަތޮޅު ވިލުފުށީގައި 16 މީހަކު، އޮމަދޫގައި ތިން މީހަކު އަދި މަޑިފުށީގައި ދެ މީހަކަށް ވަނީ ބަލި ޖެހިފަ އެވެ. ހިރިލަންދު އާއި ގާދިއްފުށީގައި ކޮވިޑްގެ ބަލި މީހަކު އެބަހުއްޓެވެ.

ކޮވިޑްގެ ސަބަބުން އެ އަތޮޅުގެ ހަތް ރަށަކަށް މިހާރު ވަނީ އަރާ ފޭބުން މަނާކޮށްފަ އެވެ.

ކޮވިޑާ ހެދި ރޯދަ މަހު ބޮޑެތި ދަތިތަކެއް

ތ. އަތޮޅު ކައުންސިލް މެމްބަރު އާދިލް އިބްރާހިމް ވިދާޅުވި ގޮތުގައި ވޭމަންޑޫގެ އާބާދީގެ ބޮޑު ބައެއް މިހާރު ތިބީ ކަރަންޓީނު ވެގެންނެވެ. ގިނަ ގެތަކަކަށް ވަދެ ނިކުތުން މަނަލެވެ. ރަށަށް އަރާ ފޭބުން މަނާކޮށްފައި އޮތުމުން، މަސްވެރިކަން ނުކުރެވި ބޮޑެތި ދަތިތަކާ ވަނީ ކުރިމަތިލާން ޖެހިފަ އެވެ.

"މި އަތޮޅު އޮފީހުގައި ވެސް އުޅޭނެ ޖުމްލަ 30 މީހުން. އެކަމަކު ކޮވިޑާ ހެދި ކަރަންޓީނު ވާން ޖެހުމުން އޮފީހަށް ނިކުމެވޭ ގޮތަށް ތިބީ ވެސް އެންމެ ދިހަ މުވައްޒަފުން،" 1،200ގެ އާބާދީއެއް އޮންނަ ވޭމަންޑޫގެ ހާލަތު ސިފަކޮށްދެއްވަމުން އާދިލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ވޭމަންޑޫ ކްލަސްޓާ އެހާ ބޮޑުވީ، އެ ރަށުގައި ބަލި ފެތުރިފައި އޮއްވާ، އަތޮޅުގެ ގިނަ ބަޔަކު، ރޯދައަށް ބޭނުންވާ ތަކެތި ހޯދުމަށް އެ ރަށަށް ދަތުރުކުރުމުންނެވެ. ވޭމަންޑޫގައި ބަލި އުޅޭކަމެއް އޭރު މީހުންނަކަށް ނޭނގެ އެވެ.

ގިނަ ވަސީލަތްތަކާއި ހިދުމަތްތައް ހުންނަ އަތޮޅުގެ ހަބު ބަންދުވުމުން، އެހެން ރަށްތަކަށް ވެސް ވަނީ ބޮޑެތި ދަތިތައް ކުރިމަތިވެފަ އެވެ.

ކިނބިދޫ ހެލްތު ސެންޓަރުގެ އޮފިޝަލަކު ވިދާޅުވީ ރަށުގައި ކޮވިޑް ވަރަށް ބޮޑަށް ފެތުރިފައި އޮތް އިރު، ރަށުގެ ގިނަ ގެތައް ހުރީ ބަންދުކޮށްފައި ކަމަށެވެ. އެއީ ބަލި މީހަކާ ގުޅުން އޮވެގެން، ހޯމް ކަރަންޓީނު ވާން ޖެހިގެންނެވެ. ބޭނުންވާ ތަކެތި ނުހޯދި، ބައެއް ޒަރޫރީ ބޭނުންތައް ވެސް ނުފުއްދޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރަށުގެ ހާލަތު މި ވަގުތު ވަރަށް ގޯސް" އޭނާ ވިދާޅުވި އެވެ.

"ބޮޑަށް މިއުޅެނީ ޑައިރެކްޓު ކޮންޓެކްޓުން. އެކަމަކު އެހެން ގޮތްގޮތުން ވެސް މީހުން އެބަ އާދޭ ބަލީގެ އަލާމާތްތައް ހުރެގެން ޑޮކްޓަރަކަށް ދައްކަން. އަދަދުތައް ހަމަ އިތުރުވަމުން ދަނީ،"

އަތޮޅު ކައުންސިލުން ވެސް އަދި ރަށްތަކުގެ މީހުންގެ ވެސް އެންމެ ބޮޑު ކަންބޮޑުވުމަކީ، ކޮވިޑްގެ ހާލަތު ގޯސްވަމުން ދާއިރު، އެ އަތޮޅުގައި ޓެސްޓު ކުރެވޭނެ ގޮތެއް ނެތުމެވެ.

އާދިލް ވިދާޅުވީ ބައެއް ސާމްޕަލްތަކުގެ ނަތީޖާ ތިން ހަތަރު ދުވަސް ފަހުން ވެސް ލިބޭ ކަމަށާއި އެއީ ރަށްތަކަށް ލިބޭނެ ބޮޑު ގެއްލުމެއް ކަމަށެވެ. ސާމްޕަލް ނަތީޖާ ލިބުން ލަސްވާ ވަަރަކަށް، ބަލި އިތުރަށް ފެތުރުމުގެ ފުރުސަތު ބޮޑުވާނެ އެވެ.

ރާއްޖޭގައި އަދިވެސް ކޮވިޑްގެ ހާލަތު ގޯހެވެ. އިއްޔެ ވެސް ބަލި ޖެހުނު މީހުންގެ އަދަދު 200އަށް ވުރެ އިތުރުވެފައިވާއިރު، އޭގެ ތެރެއިން 70 މީހުންނަކީ ރަށްރަށުން ބަލި ޖެހުނު މީހުންނެވެ.