Roadha Mihaaru
ތ. އަތޮޅު ކޮވިޑް ހާލަތު: ތިމަރަފުށިން ބަލި ފެނިއްޖެ

ތ. އަތޮޅު ކޮވިޑް ހާލަތު: ތިމަރަފުށިން ވެސް ބަލި ފެނިއްޖެ

20 އެޕްރީލް 2021

މިހާރު އެންމެ ބޮޑަށް ކޮވިޑް-19 ފެތުރެމުންދާ ތ. އަތޮޅުގެ އިތުރު ރަށަކުން އިއްޔެ ބަލި ފެނިއްޖެ އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

މިހާރު އެންމެ ބޮޑަށް ކޮވިޑް-19 ފެތުރެމުންދާ ތ. އަތޮޅުގެ އިތުރު ރަށަކުން އިއްޔެ ބަލި ފެނިއްޖެ އެވެ.

އަލަށް ކޮވިޑް ފެނުނު ތިމަރަފުށިން އިއްޔެ ތިން މީހަކު ޕޮޒިޓިވްވުމާ އެކު އެ އެ އަތޮޅުގައި މީހުން އުޅޭ 13 ރަށުގެ ތެރެއިން އަށް ރަށަކަށް މިހާރު ކޮވިޑް ވަނީ ފެނިފަ އެވެ.

އެ އަތޮޅުން އެންމެ ފުރަތަމަ ކޮވިޑް ފެނުނީ މި މަހުގެ ނުވަ ވަނަ ދުވަހު ވޭމަންޑޫންނެވެ. ފެނުނު ވޭމަންޑު އާއި ތިމަރަފުށީގެ އިތުރުން ކޮވިޑްގެ ބަލި މީހުން ދެން ތިބީ ކިނބިދޫ، ވިލުފުށި، އޮމަދޫ، މަޑިފުށި، ހިރިލަންދޫ އަދި ގާދިއްފުށީގަ އެވެ. މި ހުރިހާ ރަށަކަށް ވެސް މިހާރު ވަނީ އަރައިފޭބުން މަނާކޮށްފަ އެވެ.

ފުރަތަމަ ބަލި ފެނުނު ވޭމަންޑޫގައި ބަލި އުޅޭކަން އެނގުނީ އެ ރަށުން ބަލިވެގެން މާލެ ގެނައި މީހަކު ކޮވިޑަށް ޕޮޒިޓިވް ވުމުންނެވެ. އޭގެ ފަހުން އިއްޔެ ހަވީރުގެ ނިޔަލަށް އެ ރަށުން 103 މީހަކަށް ވަނީ ބަލި ޖެހިފަ އެވެ. އަދި އެހެން ރަށްރަށުން ވެސް ބަލި ޖެހުނު މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ.

"ތިމަރަފުށިން ވެސް ޕޮޒިޓިވްވީ ވޭމަންޑުއަށް ދިޔަ ބައެއް. މި ހުރިހާ އެންމެން ވެސް ގުޅިފައިވަނީ ވޭމަންޑޫ ކްލަސްޓާއާ،" ތ. އަތޮޅު ކައުންސިލްގެ މެމްބަރު އިބްރާހިމް އާދިލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ އަތޮޅުން މިހާރު ދުވާލަކު ވިއްސަކަށް މީހުންނަށް ބަލި ޖެހޭ ކަމަށެވެ. އާބާދީ މަދު އެ ރަށްތަކުގައި ގިނަ ގެތައް ހުރީ ކަރަންޓީނުކޮށްފަ އެވެ. އެއީ ބަލި މީހަކާ ގުޅުން އޮވެގެން، ހޯމް ކަރަންޓީނު ވާން ޖެހުމުންނެވެ.

އާދިލް ވިދާޅުވީ ރޯދައާ ދިމާކޮށް ބަލިމަޑުކަން ފެތުރުމުން ހުރިހާ ރަށަކަށް ވެސް ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. ދަތުރުފަތުރު ނުކުރެވޭތީ ޒަރޫރީ ބޭނުންތަކަށް ވެސް ތަކެއްޗެއް ނުލިބެ އެވެ.

ވޭމަންޑުން ފެނުނު ބަލި މުޅި އަތޮޅަށް ފެތުރުނީ، ގިނަ ބަޔަކު ކޮންމެ ދުވަހަކު ވެސް އެ ރަށަށް ދަތުރުކުރާތީ އެވެ. އެ ރަށުގައި ބަލި ފެތުރިފައި އޮއްވައި، އެކަން ނޭނގި، އަތޮޅުގެ ގިނަ ބަޔަކު، ރޯދައަށް ބޭނުންވާ ތަކެތި ހޯދުމަށް ވޭމަންޑުއަށް ދަތުރުކުރި އެވެ.

ތ. އަތޮޅުގައި ހަލުއި ކަމާއެކު މިހާރު ކޮވިޑް ފެތުރެމުން ދާއިރު، ގިނަ ބައެއްގެ ކަންބޮޑުވުމަކީ ސާމްޕަލްތައް ޓެސްޓުކުރަން މާ ދުރަށް ފޮނުވަން ޖެހުމެވެ. އެ އަތޮޅުން ކޮންމެ ދުވަހަކު ވެސް އެތައް ސަތޭކަ ސާމްޕަލް ނަގާއިރު އެ ޓެސްޓު ކުރަން ފޮނުވަން ޖެހެނީ ދ. ކުޑަހުވަދުއަށް ނުވަތަ ލ. ގަމަށެވެ. ދަތުރުފަތުރު ކުރުމަށް ވެސް ބޮޑު ހަރަދެއް ކުރަން ޖެހޭއިރު ސާމްޕަލްތަކުގެ ނަތީޖާ ލިބެނީ ތިން ހަތަރު ދުވަސް ފަހުންނެވެ.